ޖިނާއީ އިޖުރާތުގެ ގާނޫނަށާއި އިތުރު ހަތަރު ގާނޫނަށް ހުށަހަޅާފައިވާ މުހިންމު އިސްލާހުތަކެއް ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެ، ކޮމިޓީތަކަށް ފޮނުވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާކޮށް، ކުރިޔަށް ގެންގޮސްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާއި، ރައްޔިތުގެ މަޖިލީހަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ ފީ ބޮޑު ކުރުމާބެހޭ އިސްލާހާއި، ސިޔާސީ ޕާޓީތަކަށް ދޭ ފައިސާގެ އަދަދު މަދު ކުރުމާ ބެހޭ އިސްލާހާއި، ކުޑަ ކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ބިލާއި އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހުގެ ބަހުސް މަރުހަލާ އެވެ.
އެގޮތުން މަޖިލީހަށް ކުރިމަތިލާ މީހުން ދައްކަން ޖެހޭ ފީއާ ބެހޭ އިސްލާހަށާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއި ސިޔާސީ ޕާޓީތަކަށް ދޭ ފައިސާގެ އަދަދު މަދު ކުރުމަށް ހުށަހެޅި އިސްލާހު ބަލައިގަތީ ވޯޓުގައި ބައިވެރިވި 26 މެންބަރުންގެ އިއްތިފާގުންނެވެ. އަދި ކުޑަ ކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ބިލާއި ޖިނާއީ އިޖުރާތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ބަލައިގަންނަން ފާސްވީ ވޯޓުގައި ބައިވެރިވި 27 މެންބަރުންގެ އިއްތިފާގުންނެވެ. ފަސް ބިލު ބަލައިގަތުމަށް ފަހު އިތުރަށް ދިރާސާ ކުރެއްވުމަށް ކަމާ ބެހޭ ކޮމިޓީތަކަށް ފޮނުވުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ނިންމަވައިފަ އެވެ.
މުހިންމު ފަސް ބިލެއްގެ މަސައްކަތް މަޖިލީހުގައި މިއަދު ކުރިޔަށް ދިޔަ އިރު ބަހުސް މަރުހަލާގައި ވާހަކަދެއްކެވީ އެންމެ ހަތަރު މެންބަރުންނެވެ. އެ ހަތަރު މެންބަރުން ބަހުސް ކުރެއްވީ ވެސް އެންމެ ބިލަކަށެވެ. އެއީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށެވެ. އިތުރު އެއްވެސް ބިލަކަށް އެއްވެސް މެންބަރަކު ބަހުސް ނުކުރެ އެވެ.
ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އަދަދު މަދުވުމާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވެސް މިއަދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. މަސީހު ވިދާޅުވީ އެކަށީގެންވާ އުޒުރެއް ނެތް ނަމަ ހުރިހާ މެންބަރުން ވެސް ވޯޓުގައި ބައިވެރިވުމަށް ޖަލްސާއަށް ވަޑައިގަތުމަށް ސަމާލުކަން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.