ހަބަރު

މިލަންދޫ ނަރުދަމާ ނިޒާމް އިފްތިތާހް ކޮށްދެއްވައިފި

Jul 3, 2018

ށ. މިލަންދޫގައި ނަރުދަމާ ނިޒާމް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ރަސްމީކޮށް މިއަދު އިފްތިތާހުކޮށް ދެއްވައިފި އެވެ.

މިލަންދޫގައި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއެވެ. އެ މަސައްކަތް އެކުންފުންޏާ ހަވާލު ކުރީ އޯގަސްޓް 19، 2014 ގައެވެ. އެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްފައިވަނީ 15 މަސްދުވަހުގެ ތެރޭގައި އެރަށުގައި ނަރުދަމާ ނިޒާމު ގާއިމް ކުރުމަށެވެ.

މި މަޝްރޫއަކީ ޑައިރެކްޓް ނެގޯސިއޭޝަންގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ މަޝްރޫއަކަށްވާތީ، އެ ރަށުގައި ޕަމްޕް ސްޓޭޝަން ބަހައްޓާނެ ބިން ފާހަގަކޮށް ޕަމްޕް ސްޓޭޝަން ބިނާކޮށް ޑިޒައިން ކުރުމާއި އީއައިއޭ މަސައްކަތްތައް ވެސް އެމްޑަބްލިއުއެސްސީން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިލަންދޫގައި ފަސް ޕަމްޕް ސްޓޭޝަން ބަހައްޓައި 13.2 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ގާއިމްކޮށްފަ އެވެ. އަދި ރަށުގެ 700 ގެއަށް ހިދުމަތްދީ، ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 150 މީޓަރުގެ އައުޓް ފޯލް ހޮޅި ވަނީ އަޅާފައެވެ. އެގޮތުން މި ނިޒާމުގެ ހިދުމަތް 27 މާރިޗް 2017 އިން ފެށިގެން ފެނަކަ ކޯޕަރޭޝަނުން ދަނީ އެރަށުގައި ފޯރުކޮށްދެމުންނެވެ.

މިލަންދޫ ނަރުދަމާ ނިޒާމް އިފްތިތާހުކޮށް ދެއްވުމަށް ރައީސް އެ ރަށަށް ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ. އެމަނިކުފާނާއެކު ސަރުކާރުގެ މިނިސްޓަރުން އެރަށަށް ވަޑައިގެންފައި ވެއެވެ. މިލަންދޫއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.