ދުނިޔެ

ސީރިއާގައި ހަނގުރާމަ ގަދަވެ ގެދޮރު ދޫކުރި މީހުންގެ އަދަދު 270،000 އަށް

Jul 3, 2018

ސީރިއާ (ޖުލައި 2) - ސީރިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ އިދިކޮޅު ޖަމާއަތްތަކަށް އެ ގައުމުގެ ސިފައިން ދެމުންދާ ހަމަލާތަކަށް ދެ ހަފުތާ ވެފައިވާއިރު، ހަނގުރާމައިގެ ސަބަބުން ހުޅަނގު-ދެކުނު ސަރަހައްދުން ގެދޮރު ދޫކޮށް ދާންޖެހިފައިވާ މީހުންގެ އަދަދު 270،000 އަށް އަރާފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

އދ. އިން ބުނިގޮތުގައި، އޭގެ ތެރެއިން ގިނަ މީހުންނަކީ އެންމެ ހަނގުރާމަ ބޮޑު ދޭރާ އާއި ކިޔުނީޓުރާ ސަރަހައްދުން ގެދޮރު ދޫކޮށް ދާ މީހުންނެވެ. އެމީހުންގެ މިސްރާބު ހުރީ ޖޯޑަންއާއި އިޒްރޭލުގެ ބެލުމުގެ ދަށުގައިވާ ގޯލަން ހައިޓްސް އަށެވެ. ނަމަވެސް، އެ ދެ ގައުމުން ވެސް ވަނީ އިތުރު ރެފިއުޖީން ތަކަކަށް ބޯޑަރު ހުރަސް ކުރުމުގެ ހުއްދަ ނުދޭނެ ކަމުގައި ބުނެފަ އެވެ.

މިހާތަނަށް 130 މީހުން މަރުވެފައިވާ އިރު، ރަޝިޔާގެ ވައިގެ ހަމަލާތަކުގެ އެހީގައި، ސީރިއާ ސިފައިން ދަނީ، އިދިކޮޅު ހަނގުރާމަވެރިންގެ އަތް ދަށުގައިވާ އެ ސަރަހައްދު ހިފުމުގެ މަސައްކަތް ކުރަމުންނެވެ.

ސީރިއާގެ ހުޅަނގު ދެކުނުން އޮންނަ ދޭރާ އާއި ކިޔުނީޓުރާ ހިފުމަށް ރައީސް ބައްޝާރުލް އައްސަދު އަމާޒުހިފައިވަނީ، މިދިޔަ އޭޕްރިލް މަހު ވެރިރަށް ދިމިޝްގު އިރުމަތީގައި އޮންނަ ޣޫތާ ހިފުމުގެ ކާމިޔާބީއަށްފަހު އެވެ.

މިހާރު ބަންދުކޮށްފައިވާ ޖޯޑަން ބޯޑަރު ކައިރީގައި 70،000 އަށް ވުރެ ގިނަ ރެފިއުޖީން ތިބެން މަޖުބޫރުވެފައިވާ އިރު ގިނަ އާއިލާތަކަށް ފެނާއި ކާބޯތަކެތީގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ. ޒަހަމްވެފައިވާ އެތަކެއް ސަތޭކަ މީހުންގެ ސަބަބުން، ބޯޑަރު ސަރަހައްދުގައި ހުރި ހޮސްޕިޓަލްތަކަށް ވެސް ވަނީ ބާރު ބޮޑުވެ، އެކަށިގެންވާ ފަރުވާ ދިނުމަށް ހުރަސްއެޅިފަ އެވެ.

ސިރިއާ އިން ގެދޮރުދޫކޮށްދާ މީހުން ވަނުމުގެ ހުއްދަ ދިނުމަށް އދ. ވަނީ އަވަށްޓެރި ގައުމަތަކަށް ގޮވާލާފަ އެވެ. ނަމަވެސް، މިހާރުވެސް 660،000 އަށް ވުރެ ގިނަ ސީރިއާ ރެޖިއުޖީންނަށް ހިމާޔަތްދީފައިވާ ޖޯޑަން އިން ބުނީ، އެ ގައުމަށް އިތުރަށް ރެޖިއުޖީން ނުބެލެހެއްޓޭނެ ކަމަށެވެ.

ނަމަވެސް، އެ ރެފިއުޖީންނަށް ބޭނުންވާ އެހީ ފޯރުކޮށްދޭން މަސައްކަތް ކުރަމުން އަންނަކަމަށް ޖޯޑަންގެ އިތުރުން އިޒްރޭލުން ވެސް ވަނީ ބުނެފަ އެވެ.