ދުނިޔެ

އިޒްރޭލުން ތެޔޮ ގަންނަން ޑީލެއް ނުހަދަން: ލުބްނާން

ލުބްނާނަށް ބޭނުންވާ ތެޔޮ އިޒްރޭލުން ގަންނަން ސަރުކާރުން ޑީލެއް ހަދައިފި ކަމަށް ބުނެ މީޑައި ދެކެވޭ ވާހަކަތަކަށް ބޮޑުވަޒީރު ނަޖީބު މިގާތީގެ ސަރުކާރުން ދޮގު ކޮށްފި އެވެ.

އިޒްރޭލާ ހަވާލާ ދީފައި ހުރި ޚަބަރުތައް ބުނާ ގޮން އުރުދުންގެ ތެރެއިން ލުބްނާނަށް ތެޔޮ ފޯރުކޮށް ދިނުމަށްޓަކައި އެމެރިކާގެ ރުހުން ލިބިފައިވެ އެވެ.

ލުބްނާނަށް ތެޔޮ ފޯރުކޮށް ދިނުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށާއި އެކަން ކުރަން ނިންމާފައި އޮތް ގޮތަކީ އުރުދުން އާއި ސީރިއާ މެދުވެރިކޮށް ލުބުނާނަށް ތެޔޮ ސަޕްލައި ކުރުން ކަމަށެވެ.

މި ވާހަކަތައް ޚަބަރުތަކުގައި ފެތުރިގަތުމާއެކު ލުބްނާން ސަރުކާރުން ތެޅިފޮޅިގަނެ ވަނީ ދިގު ބަޔާނެއް ނެރެފަ އެވެ.

ލުބްނާންގެ އެނާޖީ އެންޑް ވޯޓާ މިނިސްޓްރީން ބުނާ ގޮތުން އެ ގައުމަށް ބޭނުންވާ ތެޔޮ ހޯދުމަށް މަޝްވަރާ ކުރެވެނީ މިސްރާ އެވެ. އަދި އެއްބަސްވުމުގައި ހިމެނޭ މުހިންމު ޝަރުތަކީ ތެޔޮ ސަޕްލައި ކުރަން ޖެހޭނީ މިސްރުން ކަމަށެވެ.

އެނާޖީ މިސްޓްރީން ބުނީ ލުބްނާން ތެލަށްޖެހިފައި އޮތް އޮތުން ނައްތާލުމަށްޓަަކައި އެމެރިކާ އެހީތެރިވާ ކަމަށެވެ. އަދި މިސްރުން ތެޔޮ ސަޕްލައި ކުރުމުގައި މިސްރާ މަޝްވަރާ ކުރުމުގައި ވެސް އެމެރިކާ އެހީތެރިވި ކަމަށެވެ.

މިނިސްޓްރީން ބުނީ ލުބްނާނަށް ބޭނުންވާ ކަރަންޓް އުރުދުންއިން ފޯރުކޮށްދޭ ގޮތަށް އެއްބަސްވެވިފައިވާ ކަމަށާއި އެކަން ކުރަން ހަމަޖައްސާފައި ވަނީ ސިރިއާ ތެރެއިން އަޅާފައި ހުރި ކޭބަލުތަކުން ކަމަށެވެ.

ލުބްނާންގައި ފައިސާގެ އަގުވެއްޓި މުދާ އެތެރެ ކުރަން ބޭނުންވާ ބޭރު ފައިސާ ނުލިބުން ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ. ތަކެތީގެ އަގު ބޮޑުވުމާއި ޚާއްސަކޮށް ތެޔޮ އެތެރެ ނުކުރެވުމުގެ ސަބަބުން މުލި ގައުމުގައި ވަނީ ހަމަނުޖެހުން އުފެދިފަ އެވެ.

މެދުއިރުމަތީ އަރަބި ގައުމުތަކާއެކު ލުބްނާނުން ކުރި މަޝްވަރާގައި ލުބްނާނަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފޯރުކޮށްދޭން ތައްޔާރު ކަމަށް އޮތީ ބުނެފަ އެވެ. އެހެން ނަމަވެސް ހިޒްބުﷲ އިން ސަރުކާރު މައްޗަށް ބާރު ހިންގުން މައްސަލައަކަށް ވާނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.

ލުބްނާން ސަރުކާރުން ހިންގުން ހަރުދަނާކޮށް ނަޖީބު މީގާތީގެ ފުރިހަމަ ކޮންޓްރޯލްގައި ލުބްނާން ހިނގަން ފަށާއިރަށް އަރަބި ގައުމުތަކުން ބޮޑެތި އެހީ ދޭނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.