އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަގުތީ ގޮތުން ސަސްޕެން ޑްކޮށްފައިވާ ބައި ބާތިލް ކުރަން ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލާގެ ބެންޗަށް ބަދަލު ގެނެސް އެ މައްސަލާގެ ހުކުމް އިއްވުން ދެން އޮންނަ އަޑުއެހުމަކަށް ހަމަޖައްސައިފި އެވެ.
ދުސްތޫރީ މައްސަލަ ކޯޓަށް ހުށަހެޅި އެ ކޯޓުގައި ތިއްބެވީ ތިން ފަނޑިޔާރުންނެވެ. އެއީ މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ. ކުރިން އެ މައްސަލަ ބެއްލެވީ އެ ތިން ފަނޑިޔާރުންނެވެ.
މިއަދު ބޭއްވި މައްސަލާގެ އަޑުއެހުމަކީ ބެންޗަށް ބަދަލު ގެނައުމަށްފަހު އިޖުރާއު ފުރިހަމަ ކުރުމަށް ބޭއްވި އަޑުއެހުމެކެވެ. ބެންޗަށް ގެނައި ބަދަލަކީ އަލަށް ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުން ބެންޗުގައި ހިމެނުނެވެ. އަލަށް ބެންޗަށް ގުޅިވަޑައިގަތީ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
ޝަރީއަތުގެ އަޑުއެހުން ފެއްޓެވުމަށްފަހު އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އެ މައްސަލާގައި ކުރިން ބަންޑާރަ ނައިބު އޮފީހުގައި ފަރާތުން ފާހަގަކުރި ކަންކަމާއި ބަޔާންތައް މައްސަލަ ނިންމުމުގައި ރިޔާއަތް ކުރާނެ ކަމަށެވެ. އިޖުރާއު ފުރިހަމަ ކުރުމަށް ބާއްވާ އަޑުއެހުމުގައި އިތުރަށް ކަމެއް ފާހަގަ ކުރަން ބޭނުން ނަމަ އެ ފުރުސަތު އޮންނާނެ ވެސް ކަމަށް ވިދާޅުވި އެވެ.
ބަންޑާރަ ނައިބު އޮފީހުގެ ވަކީލް މައާޝާ ލުތުފީ ވިދާޅުވީ އިތުރު ކަމެއް ފާހަގަ ކުރަން ނެތް ކަމަށެވެ. ނަމަވެސް މައާޝާ ވަނީ މައްސަލަ ހުލާސާކޮށް ވިދާޅުވެ ދެއްވާފަ އެވެ. އަދި ކުރިން ފާހަގަކުރެއްވި ކަންކަން ވެސް އަލުން ތަކުރާރު ކުރައްވާފަ އެވެ.
އެގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތަކަށް ނިޔާ ކަނޑައަޅައި ހުކުމް ކޮށްފައިވާ މައްސަލައެއްގެ ހުކުމް ކޯޓުގެ އަމުރަކުން ބާތިލް ކުރުމަކީ ގާނޫނު އަސާސީގެ މާއްދާތަކާ ފުށު އަރާ ކަމެއް ކަމަށެވެ. ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ނެރުއްވި ހުކުމް ރިވިއު ކޮށްފައިވަނީ އެއްވެސް ސަބަބެއް އޮވެގެން ނޫން ކަމެވެ.
މައާޝާ ވިދާޅުވީ ގާނޫނު އަސާސީގައިވާ ގޮތުން ކޯޓެއްގެ އަމުރެއް ނުވަތަ ހުކުމެއް ރިވިއު ކުރެވޭނީ ނުވަތަ ބާތިލު ކުރެވޭނީ އެ ހުކުމެއް ނެރުނު ކޯޓަށްވުރެ މަތީ ކޯޓަކަށެވެ. އަދި ސުޕްރީމް ކޯޓަކީ އަދުލް އިންސާފުގެ ދާއިރާގައި އެންމެ މަތީ ކޯޓު ކަމާއި އެ ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓުގެ ހުކުމެއް އެއްވެސް އެކަށީގެންވާ ސަބަބެއް ނެތި މައްސަލާގައި ހިމެނޭ ފަރާތްތަކަށް އެނގުމަކާނުލައި ސުޕްރީމް ކޯޓަށް ބާތިލު ކުރެވޭނެ ކަމަށް ނުދެކޭ ކަމަށެވެ.
އާ ކަމެއް ފާހަގަ ކުރައްވަން ނެތް ކަމަށް ވިދާޅުވެ މައާޝާ ވަނީ މީގެ ކުރީގެ އަޑުއެހުމުގައި ފާހަގަ ނުކުރައްވާ ނުކުތާއެއް ފާހަގަ ކުރައްވާފަ އެވެ. އެގޮތުން އެންޓި ޑިފެކްޝަން ގާނޫނު ބާތިލު ކުރުމަށް ހުށަހެޅި މައްސަަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުން ވެސް ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނިންމި ނިންމުންތައް ރަނގަޅުކަން އެނގޭ ކަމަށާއި އެ އުސޫލުތައް ބާތިލުކުރަން ނުޖެހޭކަން އެނގޭ ކަމަށެވެ.
މީގެ އިތުރުން އެއްވެސް ކޯޓެއްގެ ފަނޑިޔާރުކަން ސުޕްރީމް ކޯޓުން ހުއްދަ ހޯދުމަށްފަހު ނޫނީ ބަދަލު ނުކުރުމަށް އަންގާފައިވާ އެންގުމަކީ ވެސް ގާނޫނުު އަސާސީގެ މައްދާތަކާ ހިލާފުވާ ކަމެއްކަން މައާޝާ ފާހަގަކުރެއްވި އެވެ. އެގޮތުން އެކެއް ފެބުރުއަރީގެ އަމުރުން ނިގުޅައިގެންފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގާނޫނު އަސާސީން ދީފައިވާ ބާރެއް ކަމަށެވެ. އެ ބައި ވެސް ބާތިލްކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.