ދުނިޔެ

ދެ ހާހެއްހާ މީހުން މަރުވެފައި ވަނިކޮށް އިންޑިއާގައި ހޫނުމިން ދަށްވާން ފަށައިފި

May 30, 2015

ހޫނު ގަދަވުމުގެ ސަބަބުން 2،000 އެއްހާ މީހުން މަރުވެފައި ވަނިކޮށް، ހޫނުމިން ދަށަށް ދާ ކަމުގެ އުފާވެރި ޚަބަރު އިންޑިއާ ސަރުކާރުން އިއްޔެ ދީފި އެވެ.

އިންޑިއާގެ އެކި ހިސާބުތަކަށް ގަދަ ހޫނުގެ އަސަރުކުރަމުން ދާތާ ދެ ހަފުތާއެއްހާ ދުވަސް ވެފައި ވާއިރު، ބައެއް ހިސާބުތަކުގައި ހޫނުމިން ގާތްގަނޑަކަަށް 50 ޑިގްރީ ސެލްސިއަސް އަށް އަރާފައިވެ އެވެ. އެ ގޮތުން، ދެކުނުގެ ސިޓީއެއް ކަމަށްވާ އުއްތަރަ ޕްރަދޭޝްގައި ހޫނުމިން 47 ޑިގްރީ ސެލްސިއަސް އަށް އެރި އެވެ. ވެރިރަށް ނިއު ދިއްލީގެ ހޫނުމިން ވެސް މީގެ ކުރީ އަހަރުތަކުގައި މި ދުވަސްވަރު ނުދާހާ މައްްޗަށް ގޮސްފައިވެ އެވެ. އެ ގޮތުން، ދިއްލީގެ ހޫނުމިން މިދިޔަ ހަފުތާގައި ހުރީ ގާތްގަނޑަކަށް 45 ޑިގްރީ ސެލްސިއަސްގަ އެވެ.

މޫސުމާ ބެހޭ އިންޑިއާގެ ގައުމީ އިދާރާގެ އޮފިޝަލެއް ކަމަށްވާ ވައިކޭ ރެޑީ އިއްޔެ ވިދާޅުވި ގޮތުގައި އެންމެ ހޫނު ގަދަވި އަންދުރަ ޕްރަދޭޝް އިން އެކަނި ވެސް މިދިޔަ ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 1،300 މީހުން މަރުވެފައިވެ އެވެ. އެހެން ނަމަވެސް، އެ ސްޓޭޓާ ދިމާގައި ވިއްސާރަ ވިލާ ޖަމާވާން ފަށާފައި ވާއިރު، ހޫނުމިން ފުދޭ ވަރަކަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހޫނުގެ އަސަރުކޮށްގެން ޑޮކްޓަރަށް ދައްކަން އަންނަ މީހުން އަދިވެސް ވަރަށް ގިނަ. ގިނަ މީހުން މި އަންނަނީ އާދަޔާ ހިލާފަށް ބޮޑަށް ބޮލުގެ ރިއްސާތީ އާއި އެނބުރުން އަރާ ގޮތް ވާތީ،" ދިއްލީ މެޑިކަލް އެސޯސިއޭޝަންގެ ރައީސް އަޖޭ ލަކީ، ބީބީސީ އަށް ވިދާޅުވި އެވެ.

ހޫނު ގަދަވުމުގެ ސަބަބުން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ފަގީރު ހިސާބުތަކުގަ އެވެ. އެ ސަރަހައްދުތަކުގެ މަގުތަކާއި މާރުކޭޓުތައް މިދިޔަ ހަފުތާގައި ހުހަށް އޮތްއިރު، ސަރުކާރުން ވަނީ މަރުވި ކޮންމެ މީހެއްގެ އާއިލާ އަށް 100،000 ރުފީސްގެ ބަދަލެއް ދިނުމަށް ނިންމާފަ އެވެ. އެހެން ނަމަވެސް، އެ ބަދަލު ދެމުން ދަނީ ތިން މެމްބަރުންގެ ހާއްސަ ކޮމިޓީއަކުން މަރުގެ ސަބަބު ޔަގީންކުރުމަށް ފަހު އެވެ.

ގަދަ ހޫނުގެ ސަބަބުން ގިނަ ހިސާބުތަކަކުން ކަރަންޓު ކެނޑި، މީހުންގެ އާއްމު ދިރިއުޅުމަށް ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވެ އެވެ. އެ ގޮތުން، ހުޅަނގު ބިތުގައި އޮންނަ ކަލްކަޓާގައި ޓެކްސީ ޑްރައިވަރަކު ކާރު ތެރޭގައި މަރުވުމާ ގުޅިގެން، އެ ސިޓީގެ ހުރިހާ ޓެކްސީ ޑްރައިވަރުން ކޮންމެ ދުވަހަކު ހެނދުނު 11:00 އިން ހަވީރު 4:00 އަށް ދަތުރުތައް މެދުކަނޑާލާ ހިސާބަށް ވެސް ދިޔަ އެވެ.

އިންޑިއާ އަށް ހުޅަނގު މޫސުމުގެ ވިއްސާރައާ ކުރިމަތިވާނީ މި މަސް ނިމޭއިރު އެވެ. ގަދަ ހޫނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ދެކުނުގެ ސަރަހައްދުތަކަަށް ވިއްސާރަކުރަން ފަށާނީ އަންނަ މަހު ފަހުކޮޅު އެވެ.