ހަބަރު

ފޮނަދޫގެ ބޮޑެތި މަގުތަކުގައި ތާރު އަޅަން ފަށައިފި

ލ. އަތޮޅު ފޮނަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ. ފޮނަދޫ ކުރިގަމު ސަރަހައްދުގައި މިއަދު ބޭއްވި ކުޑަ ހަފްލާއެއްގައި އެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ އަދި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ރަނގަޅު ފެންވަރަކަށް މަގު ހެދުމަކީ އެތަނަކަށް ސީދާ ގޮތެއްގައި އިގްތިސާދީ ގޮތުންނާއި އުމްރާނީ ގޮތްގޮތުން ކުރިއެރުން ލިބިގެންދާނެ ކަމެއް ކަމަށާއި އެގޮތުން ފޮނަދޫގެ މަގު ހެދުމުން ކައިރި ހިސާބުތަކުގެ މީހުންނަށް ވެސް އޭގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.

ފޮނަދޫގައި ގިނަ މަގުތަކެއް ތާރު އަޅައިގެން ހަދާނެ ކަމަށާއި އެގޮތުން އާންމު ހިދުމަތް ހޯދާ ކައުންސިލްތަކާއި ސްކޫލުތަކާއި މިސްކިތް ފަދަ ތަންތަން ހިމެނޭ ހުރިހާ މަގެއްގައި ތާރު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުރިން ތާރު އެޅުމަށް ރާވާފައިވާ މަގުތަކުގެ އިތުރުން އެހެން މަގުތަކެއްގައި ވެސް ތާރު އަޅަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި މަޝްރޫއަކީ މިހާރު ފެށިގެން ކުރިޔަށް ދާތާ ގިނަ ދުވަސްތަކެއްވެފައިވާ މަޝްރޫއަކަށްވެފައި، ތާރު ނޭޅި ގިނަ ދުވަސްތަކެއްވެފައިވާ އިރު މޫސުން ގޯސްވެ ވިއްސާރަވާ ކޮންމެ ފަހަރަކު ރައްޔިތުންނަށް ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައި އޮތް ކަމަކަށް ވެފައި ވަނީ އަދި ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެއް މިކަން ނިމި މަގުތައް ރަނގަޅު ފެންވަރެއްގައި ބޭނުން ކުރެވޭނެ ގޮތްތަކެއް ހަމެޖެހެތޯ އެދެމުންދާ ކަމެއް، އެހެންވެ މިކަން މިމއަދު ފެށޭތީ ރަސްމީކޮށް ފާހަގަކޮށްލަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ މެޓީރިއަލްތައް މިހާރު ރާއްޖެ ގެނެވިފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި އެ މެޓީރިއަލްތައް ފޮނަދޫއަށް ގެނެސް މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިޔަށްދާނެ ކަމަށާއި އެގޮތުން އަންނަ އޮގަސްޓު މަސް ނިމުމުގެ ކުރިން މަޝްރޫއު އެއްކޮށް ނިންމާލުމަށް މަސަައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް އިފްތިތާހު ކުރެއްވުމަށް ސެޕްޓެމްބަރު މަަހުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން އެ ރަށަށް ވަޑައިގަންނަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފޮނަދޫ ތާރު އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލު ކުރީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ސްރީލަންކާގެ ކުންފުންޏަކާ އެވެ. ނަމަވެސް އެ ކުންފުންޏަށް އެ މަސައްކަތް ކުރިޔަށް ގެންދެވޭ ގޮތް ނުވުމުން މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އާ އެ މަސައްކަތް ހަވާލު ކުރި އެވެ. ނަމަވެސް އެ ކުންފުނި އުވާލުމާ ގުޅިގެން މިހާރު ފޮނަދޫގައި ތާރު އަޅަނީ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޑިޕާޓްމަންޓުންްނެވެ. އެ ޑިޕާޓްމަންޓުގެ ދަށުން ފޮނަދޫގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ މުއައްޒިފުންގެ ތެރެއިން 90 ޕަސަންޓަކީ އެ ރަށަށް ނިސްބަތްވާ މީހުންނެވެ.

ޕަބްލިކް ވޯކްސް ޑިޕާޓްމަންޓުގެ އޮފިޝަލަކު "އަވަސް"އަށް ވިދާޅުވީ އާންމުން ގިނައިން ބޭނުން ކުރާ ބޮޑެތި މަގުތަކުގައި ތާރު އަޅާއިރު ރަށުގެ 5.2 ކިލޯ މީޓަރު މަގުގައި ތާރު އަޅާނެ ކަމަށެވެ. އަދި ފަހުން މިނިސްޓްރީ އިން އެދިގެން އިތުރު މަގުތަކެއްގައި ތާރު އަޅަން ނިންމާފައިވާ ކަމަށާއި އެގޮތުން ޖުމުލަ 6.1 ކިލޯ މީޓަރަށް ތާރު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މިހާރު ވެސް ސިމެންޓް ބޭސް ލޭޔާަގެ 45 ޕަސަންޓު މަސައްކަތް ނިމިފަައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.