ފޮނަދޫ

ފޮނަދޫގެ ހަ ގެއެއް ވަނީ މީހުން ނޫޅެވޭވަރުވެފައި

ރޭ ފަތިހު ލ. ފޮނަދޫއަށް އެރި ނަގޫރޯޅީގެ ސަބަބުން ހަ ގެއެއްގައި މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މޭނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޑެޕިއުޓީ ޗީފް އެގްޒެކިއުޓިވް އުމަރް މޫސާ ފިކުރީ ވިދާޅުވެއްޖެ އެވެ.

ފޮނަދޫއަށް އެރި ނަގޫރޯޅީއާއި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުމަރް ވިދާޅުވީ، ނަގޫރޯޅި އެރުމުގެ ސަބަބުން ޖުމްލަ 12 ގެއަކަށް ގެއްލުން ވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވާ ގެތަކުގެ މީހުނަށް އަދި އެހީ ފޯރުކޮށްދެމުންދަނީ އެފަރާތްތަކުގެ އާއިލާއިން ކަމަށެވެ.

ފޮނަދޫ އެރި ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުމުގެ އިތުރު ތަފްސީލު ދެއްވަމުން އުމަރް ވިދާޅުވީ، އެރަށުގެ ބަދަރުގައި އަޅައިފައި ހުރި ލޯންޗުތަކާއި ޑިންގީތަކުގެ ވާކަނޑައިގެން ދިޔުމުގެ ސަބަބުން އެއުޅަނދުތަކަށްވެސް ގެއްލުންވެފައިވާ ކަމަށެވެ. މީގެ އިތުރުން އެރަށުގެ ހެދިފައިވާ ބިޔަ ބޮޑެތި ގަސްތަށް ގެތަކުގެ ވަށާފަރު މައްޗަށް ވެއްޓިފައިވާ ކަމަަށެވެ. އަދި ބައެއް ގެތަކުން ކަރަންޓް މުޅިން ކެނޑިފައިވާ ކަމަށެވެ،

އުމަރް ވިދާޅުވީ، ގެއްލުން ލިބުނު ފަރާތްތަކަށް އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތް މިއަދު ހެނދުނު 6:00 ޖެހި ހާއިރުން ފެށިގެން ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އެންޑީއެމްއޭ މަސައްކަތް ކުރަމުންދަނީ މިއަދު އިރުއޮއްސުމުގެ ކުރިން ކަރަންޓް ކެޑިފައިވާ ގެތަކަށް ކަރަންޓް ފޯރުކޮށްދިނުމަށާއި، ފުރާޅު އެއްލައިގެ ދިޔަ ގެތަކުގެ ފުރާޅު އެޅުމުގެ މަސައްކަތް ނިންމާލުމަށް ކަމަށެވެ.

ގެއްލުން ލިބުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގެތައް މަރާމާތު ކުރުމުގައި ސިފައިންނާއި ފުލުހުންނާއި ރަށުގެ ރައްޔިތުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އުމަރް ވިދާޅުވީ، ފޮނަދޫއަށް ލިބިފައިވާ ގެއްލުންތަކުގެ އިތުރު ތަފްސީލުތަށް ހޯދުމުގެ ގޮތުން މިއަދު އެންޑީއެމްއޭ ސީއީއޯ ހިސާން ހުސެއިންނާއި ހައުސިން މިނިސްޓްރީގެ އިންޖީނެރަކު އެރަށް ދާނެ ކަމަށެވެ.

އެންޑީއެމްއޭ އިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށެވެ. އަދި ބޯކަށް ވާރޭވެހި ވައިޖެހި ކަނޑުގަދާވާނެ ކަމަށެވެ.