ހަބަރު

ލ. އަތޮޅު ކަނޑުގެ އަޑިން ޑިންގީ އެއް ފެނި ފުލުހުން ހަރަކާތްތެރިވަނީ

ލާމު އަތޮޅުގެ ސަރަހައްދުގެ ކަނޑުގެ އަޑިން ޑިންގީ އެއް ފެނުނު ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ސާޗް އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިވާއިރު މީގެ އެއް އަހަރު ކުރިން ގެއްލުނު ޝިމާ ނާފިޒް ދަތުރު ކުރި ކަމަށް ބެލެވޭ ޑިންގީ އެއް ފެނުނު ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން އިތުރު ތަފްސީލެއް ދީފައި ނުވާއިރު މިއީ ޝިމާ ދަތުރުކުރި ކަމަށް ބެލެވޭ ޑިންގީ ކަމެއްވެސް ފުލުހުން ނުބުނެ އެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ޝިމާ ދަތުރުކުރި ކަމަށް ބުނާ ޑިންގީއެއް ފޮނަދޫ ކައިރި ބޭރު ފަރަކަށް ފީނަން ދިޔަ ބަޔަކަށް ފެނިފައިވާ ކަމަށެވެ. އަދި މިކަން އިތުރަށް ތަހްގީގުކުރުމަށްޓަކައި ސަލާމަތީ އިދާރާތަކުން ޑިންގީ ފެނުނުކަމަށް ބުނާ ސަރަހައްދަށް ފީނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

މިކަމާ ގުޅިގެން އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއެންޑީއެފްގެ ތަރުޖަމާނު އިބްރާހިމް އާޒިމް ވިދާޅުވީ މި މައްސަލައިގައި އެމްއެންޑީއެފްގެ ބައިވެރިވުމެއް އަދި ނެތް ކަމަށެވެ.

ޝިމާ ގެއްލުނުތާ އަހަރެއް ވެފައިވާއިރު އޭނާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އަދި ޝިމާ ގެއްލުމާ ގުޅުވާ ގިނަ ވާހަކަތަކެއް ވެސް ރަށުތެރޭގައި ދެކެވިގެންދިޔަ އެވެ. ކަނޑުމަތިން އޭނާ ގެއްލުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ 9:30 އެހާކަންހާއިރު އޭނާއާ އެހެން ޒުވާނަކު ދަތުރު ކުރި ޑިންގީއެއް ލ. ގާދޫ ކައިރިން ބަންޑުން ޖަހާލައިގެނެވެ. އެ ހާދިސާ ފުލުހުންނަށް ރިޕޯޓް ކުރިއިރު ޑިންގީން ދަތުރުކުރި ޝިމާގެ އެކުވެރިޔާ ވަނީ ފަތާފައި ގޮސް ކައިރީގައި އޮންނަ ސިކްސް ސެންސަސް ރިސޯޓަށް އަރައި ސަލާމަތްވެފަ އެވެ. އެ ހަބަރު ކޯސްޓްގާޑަށް ދިނީ ވެސް އޭނާ އެވެ.