ވިޔަފާރި

ދިރާގުން ގިޔާސުއްދީން ސްކޫލްގައި ދިރާގު ޕޭ ކާޑު ތައާރަފުކޮށްފި

Jul 8, 2018

ދިރާގުން ގިޔާސުއްދީން އިންޓަނޭޝަނަލުގައި ދިރާގު ޕޭ އެންއެފްސީ ޑެބިޓް ކާޑެއް ވަނީ ތައާރަފުކޮށްފި އެވެ.

ދިރާގުން މި އަހަރުގެ ޖެނުއަރީ މަހު ގިޔާސުއްދީން ސްކޫލުގައި ތައާރަފުކޮށްފައިވާ، ދިރާގު ޕޭގެ، މިކާޑަކީ ދަރިވަރުންނަށް ހާއްސަކޮށްގެން ރާއްޖޭގައި ތާއާރަފް ކުރި މިފަދަ ފުރަތަމަ އެންއެފްސީ ޑެބިޓް ކާޑެވެ. މިކާޑު ފަރުމާކުރެވިފައި ވަނީ ދަރިވަރުންގެ ފޮޓޯ އާއި ނަމާއި އަދި އިންޑެކްސް ނަންބަރު ހިމެނައިގެން ޕާސަނަލައިޒް ކުރެވިގެންނެވެ. މިކާޑު ތައާރަފް ކޮށްދެއްވީ މިކަމަށްޓަކައި ސްކޫލްގައި ބޭއްވި ހާއްސަ އިވެންޓެއްގައ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލެވެ.

ދިރާގު ޕޭގެ މި ޑެބިޓް ކާޑަކީ އެންއެފްސީ މެދުވެރިކޮށް ދިރާގު ޕޭ ޕީއޯއެސް ޓަރމިނަލްގައި ކާޑު ޓެޕް ކޮށްލުމަށްފަހު ވިޔަފާރި ކުރެވޭ ގޮތަށް ހެދިފައިވާ ކާޑެކެވެ. މި ކާޑް ބޭނުންކޮށްގެން ސްކޫލް ކެންޓީނުން ދަރިވަރުންގެ އިންޓަވަލަށް ފައިސާ ދެއްކޭގޮތް ވެސް ވަނީ އިންތިޒާމްކުރެވިފަ އެވެ.

ދިރާގު ޕޭގެ ޑެބިޓް ކާޑް ތަޢާރަފް ކުރުމާ ގުޅިގެން ދިރާގު ޕޭ މެދުވެރިކޮށް ސްކޫލް ކެންޓީނުން ވިޔަފާރި ކުރާ ދަރިވަރުންނަށް 50 ޕަސެންޓް ޑިސްކައުންޓް އެއް ހަފްތާ ވަންދެން ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެންއެފްސީ ސްޓިކާއެކޭ އެއްފަދައިން ދިރާގު ޕޭގެ ޑެބިޓް ކާޑު ލިންކް ކުރެވިފައިވަނީ ބެލެނިވެރިޔާގެ އީ-ވޮލެޓަށެވެ. އެހެންކަމުން ބެލެނިވެރިންނަށް ވަގުތުން ފަސޭހަކަމާއެކު ދަރިވަރުން ކުރާ މުއާމަލާތްތައް ބެލޭނެ ނިޒާމުވެސް ވަނީ ފަހިވެފައެވެ. ސްކޫލަށް ފައިސާ ނުގެންގޮސް، ބެލެނިވެރިންގެ އީ-ވޮލެޓަށް ފައިސާ ޖަމާކުރެއްވުމަށްފަހު ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކުދިންގެ އިންޓަވަލް ގަނެވޭގޮތް ދިރާގު ޕޭ މެދުވެރިކޮށް ފަހިވުމާއިގުޅިގެން މިހިދުމަތައް ވަރަށްބޮޑު ތަރުހީބެއް ބެލެނިވެރިންގެ ފަރާތުންނާއި އަދި ދަރިވަރުންގެ ފަރާތުން އަންނަނީ ލިބެމުންނެވެ. ދިރާގުންދަނީ މިހިދުމަތް އިތުރަށް ފުޅާކޮށް އެހެން ސްކޫލްތަކުގެ ދަރިވަރުންނަށް މިހިދުމަތް ދިނުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.