ވިޔަފާރި

އޮމާން އެއާއިން އަނެއްކާ ވެސް ރާއްޖެއަށް ދަތުރުތައް ފަށަނީ

Jul 9, 2018

އަހަރެއް ކުރިން ރާއްޖެ އަށް ދަތުރުތައް މެދުކަނޑާލުމަށްފަހު، އޮމާން އެއާއިން އަނެއްކާ ވެސް ދަތުރު ފަށަން ނިންމައިފި އެވެ.

އޭވިއޭޝަން ޓްރެވިއުޓް އޮންލައިނުގައިވާ ގޮތުން އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު އަލުން ދަތުރުތައް ފަށާއިރު، ބޭނުންކުރާނީ ބޮއިން 737 މަރުކާގެ ބޯޓު ފަހަރެވެ.

އޮމާން އެއާގެ ސީއީއޯ ސީއީއޯ އަބްދުލްއަޒީޒު އަލް ރައިސީއާ ވިދާޅުވީ އޮމާންގެ މަސްކަތުން ރާއްޖެއަށް ފަށާ މި ދަތުރުތަކުގެ ސަބަބުން ޔޫރަޕުން ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

އޮމާން އެއާއިން ރާއްޖެ އަށް ފުރަތަމަ ދަތުރުތައް ފެށީ 2009 ވަނަ އަހަރު އެވެ. އަދި ދަތުރުތައް މެދުކަނޑާލުމަށްފަހު މިދިޔަ އަހަރުގެ ކުރީކޮޅު އަލުން ދަތުރުތައް ފަށާފައިވެ އެވެ.

އޮމާން އެއާއިން އާ މަންޒިލްތަކަށް ދަތުރުތައް ފަށަން ތައްޔާރު ވާއިރު، އެ އެއާލައިންއިން ވަނީ ބޮއިން 7373 މެކްސް 8 މަރުކާގެ 30 މަތިން ދާ ބޯޓު ގަންނަން އޯޑަރު ދީފަ އެވެ.

ރާއްޖެއަށް އާ އެއާލައިންތަކެއްގެ ދަތުރުތައް ފަށަން ތައްޔާރުވާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޔޫރަޕުން މި އަހަރުގެ މިހާތަނަށް 341,623 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 290,968 މީހުންނާ އަޅާ ބަލާއިރު 17.4 ޕަސެންޓް އިތުރުވުމެކެވެ.