އެންޓޯނިއޯ ކޮންޓޭ

ކޮންޓޭ ޗެލްސީގެ ޕްރެކްޓިހަށް، ސާރީއާމެދު ގޮތެއް ނުނިމޭ

ޗުއްޓީ ނިންމާލުމަށްފަހު، ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ، ޗެލްސީގެ ޕްރެކްޓިހަށް ނިކުމެއްޖެ އެވެ.

ކޮންޓޭގެ ކޮއްކޮ ޑެނިއަލް ކޮންޓޭ ވަނީ އިންސްޓަގްރާމްގައި، ފޮޓޯއެއް އާންމުކޮށްފަ އެވެ. ފޮޓޯއިން ފެންނަނީ ޗެލްސީގެ ކޯޗުން ސްޓާފުންނާއެކު ކޮންޓޭ ފޮޓޯއަކަށް ހުއްޓިގެން ހުންނަ މަންޒަރެވެ.

ނަމަވެސް ކޮންޓޭއާ އެކު ކުރިއަށްދާކަށް، ޗެލްސީގެ މެނޭޖްމެންޓުން ބޭނުމެއް ނުވެ އެވެ. މިދިޔަ ސީޒަންގެ އެފްއޭއެކަޕު ކޮންޓޭ ހޯދައިދިން ނަމަވެސް ލީގްގައި ހޯދި ދަށް ނަތީޖާތަކުގެ ސަބަބުން، އޭނާ އާއެކު ކުރިއަށް ނުދާން ޗެލްސީން އޮތީ ނިންމާފަ އެވެ.

މިހާތަނަށް ޗެލްސީއަށް އެކަން ހަމަނުޖެހި އޮތީ، ކޮންޓޭ ދޫކޮށްލުމަށްފަހު، އެ ޓީމުން ގެނައުމަށް މަސައްކަތް ކުރާ، ނަޕޯލީގެ ކުރީގެ ކޯޗް މައުރީޒިއޯ ސާރީގެ ޓްރާންސްފާގެ ކަންކަން މުޅިން ހަމަނުޖެހި އޮތުމުންނެވެ.

ނަޕޯލީގެ ކޯޗުގެ ގޮތުގައި ކާލޯ އަންޗެލޯޓީ މަސައްކަތް ކުރަން ފެށި ނަމަވެސް، ސާރީ އަދިވެސް ހުރީ ނަޕޯލީގެ އެއްބަސްވުމުގަ އެވެ. އޭނާ ދޫކޮށްލަން ނަޕޯލީން ބޭނުން ވަނީ ޓްރާންސްފާގެ ގޮތުގައި 17.5 މިލިއަން ޕައުންޑަށެވެ.

އަދި ޗެލްސީން، ކޮންޓޭ ދޫކޮށްލާ ނަމަވެސް، ބަދަލުގެ ގޮތުގައި އޭނާއަށް ބޮޑު އަގެއް ދޭން ޖެހެ އެވެ.