އޭސީ މިލާން އާއި ޔުވެންޓަސްގެ ފުޓްބޯޅަ ލެޖެންޑް އަންޑްރެއާ ޕިރްލޯ އަށް އިރުޝާދު ދިން ކޯޗުންގެ ތެރެއިން އޭނާ އަށް އެންމެ ކަމުދާ ކޯޗަކީ ޗެލްސީގެ މިހާރުގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ކަމަށް ޕިރުލޯ ބުނެފި އެވެ.
ޕިރުލޯ ވަނީ ކޮންޓޭގެ ކޯޗު ކަމުގެ ދަށުން ޔުވެންޓަސް އާއި އިޓަލީގެ ގައުމީ ޓީމަށް ކުޅެފަ އެވެ. ޔުވެންޓަސްގައި ކޮންޓޭ ދަށުން ތިން ސީޒަންގައި ޕިރުލޯ ކުޅެފައި ވެއެވެ. ގައުމީ ޓީމުގައި ދެ އަހަރު އެވެ.
އޭނާގެ ޑްރީމް ޓީމުތައް ނެގުމަށް ވެނިޓީ ފެއާގެ އިންޓަވިއުގައި އޭނާއާ ސުވާލު ކުރިމަތި ކުރުމުން، އޭނާ އެއް ވަނަ ދީފައި ވަނީ ކޮންޓޭ އަށެވެ. ދެން އެ ލިސްޓްގައި ހިމެނެނީ، މިހާރު ކޯޗު ކަމުން ރިޓަޔާ ކޮށްފައިވާ ކާލޯ މަޒޯނޭ،81 އާއި ކާލޯ އަންޗެލޯޓީ އެވެ.
"އަހަރެންގެ ކެރިއަރުގައި ވަރަށް މޮޅު ކޯޗުންނާއެކު މަސައްކަތް ކުރިން،" އިންޓަވިއުގައި ޕިރުލޯ ކިޔައި ދިނެވެ. "އަހަރެން ކުޅޭ މަގާމު ބަދަލު ކޮށްލީ މަޒޯނޭ އޭނާ އަށް ފެނުނީ އަހަރެން ޕްލޭމޭކަރަކަށް ކުޅޭނަމަ މާ ރަނގަޅު ވާނެޔޭ."
"އަންޗެލޯޓީ އަކީ އަހަންނަށް ބޭބެ އެއް ކަހަލަ މީހެއް، ނަމަވެސް ކޮންޓޭ އަކީ އަހަރެންގެ އެއް ވަނަ، އަހަންނަށް ނަސީބެއް 2011 ވަނަ އަހަރު އޭނާ އާ ބަދަލުވި ކަން، އޭނާގެ ފަރާތުން ވަރަށް ބައިވަރު އެއްޗިހި އަހަންނަށް އެނގުނު."
ކޮންޓޭ އާއެކު ޕިރުލޯ ވަނީ އިޓާލީގެ ލީގް ތިން ފަހަރަށް ހޯދާފަ އެވެ. އަދި އިޓަލީގެ ސްޕަކަޕުވެސް އެއް ފަހަރު ހޯދި އެވެ. މަޒޯނޭއަކީ އިންޓަމިލާންގެ ލޯނެއްގެ ދަށުން، އޭނާ ބްރޭޝާއަށް ކުޅުނު އިރު އެ ޓީމުގައި އޭނާ އަށް އިރުޝާދު ދިން ކޯޗެވެ. އަންޗެލޯޓީ ވަނީ އޭސީ މިލާންގައި ޕިރުލޯއަށް އިރުޝާދު ދީފަ އެވެ.
އޭނާ އެންމެ ކަމުދާ ކުޅުންތެރިން ނެގުމަށް ފުރުސަތު ދިނުމުން އޭނާ ނަގާފައި ވަނީ ކީޕަރަކަށް ޔުވެންޓަސްގެ ޖީއާން ލުއީޖީ ބުފޮން ޑިފެންޑަރަކަށް އަލްސެންޑްރޯ ނެސްޓާ، މިޑްފީލްޑަށް ޖެނާރޯ ގަޓޫސާ އަދި ފޯވަޑަށް ބްރެޒިލްގެ ރޮނާލްޑޯ އެވެ.
މިދިޔަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލި، ޕިރުލޯ އޭނާގެ ކެރިއާގެ ބޮޑު ބައެއް ހޭދަ ކުރީ އޭސީ މިލާންގަ އެވެ. އެ ޓީމާއެކު އޭނާ ވަނީ އިޓާލީ ލީގް ދެ ފަހަރު ހޯދާފަ އެވެ. އަދި ދެ ފަހަރު ޗެމްޕިއަންސް ލީގްވެސް ހޯދި އެވެ. މީގެ އިތުރުން ކުލަބު ވޯލްޑްކަޕާއި އިޓާލިއަން ކަޕުވެސް މިލާންއާއެކު ހޯދި އެވެ.
މިލާންއަށް އޭނާ ކޮށްދިން ހިދުމަތް ފާހަގަ ކުރުމުގެ ގޮތުން ކުޅޭ ޝަރަފުވެރި މެޗު މި އަންނަ ހޯމަ ދުވަހު މިލާންގެ މަޝްހޫރު ސެންސީރޯ ސްޓޭޑިއަމްގައި އޮންނާނެ އެވެ.