ކުޅިވަރު

ޗެލްސީގެ ކޯޗު ކަމުން ކޮންޓޭ ވަކިކޮށްފި

ޗެލްސީގެ ކޯޗު ކަމުގެ މަގާމުގައި ހުރި، އިޓަލީގެ އެންޓޯނިއޯ ކޮންޓޭ މަގާމުން ވަކި ކޮށްފި އެވެ.

މިދިޔަ ސީޒަންގެ އެފްއޭ ކަޕުގެ ޗެމްޕިއަންކަން ހޯދި ނަމަވެސް، އިނގިރޭސި ޕްރިމިއާ ލީގްގައި ޗެލްސީން ހޯދި ނާކާމިޔާބާ ގުޅިގެން، ސީޒަން ނިމުމަށްފަހު އޭނާ ކޯޗު ކަމުން ވަކި ކުރާނެ ކަމަށް ކުރިން ވެސް ބެލެވުނެވެ.

ޗެލްސީގައި އޭނާގެ ފުރަތަމަ ސީޒަންގައި، އިނގިރޭސި ޕްރިމިއާ ލީގް ޗެމަޕިއަންކަން ކޮންޓޭ ވަނީ ޗެލްސީއަށް ހޯދައިދީފަ އެވެ. ކޮންޓޭގެ މަގާމާމެދު މިހާތަނަށް ގޮތެއް ނުނިމި އޮތީ، ކޮންޓޭގެ ބަދަލުގައި މަގާމަށް ގެންނަން ހަމަޖެހިފައިވާ، ނަޕޯލީގެ ކުރީގެ ކޯޗު މައުރީޒިއޯ ސާރީގެ އެެއްބަސްވުމާ މެދު ގޮތެއް ނުނިމި އޮތުމުންނެވެ.

ސާރީ، ޗެލްސީއަށް ދޫކޮށްލަން ނަޕޯލީން މުޅިން އެއްބަސްވީ އިއްޔެ އެވެ. ނަޕޯލީގެ ކޮންޓްރެކްޓްގައި ސާރީ ހުރި ނަމަވެސް ޓީމުގެ ކޯޗަކަށް ކާލޯ އެންޗެލޯޓީ ވަނީ ހަމަޖއްސާފަ އެވެ.

ޗެލްސީގެ ކޯޗް ކަމާ ކޮންޓޭ ހަވާލުވީ، އިޓަލީގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށްލުމަށް ފަހު، ޔޫރޯ 2016 އަށް ފަހު އެވެ. މި ހަފުތާގައި ކޮންޓޭގެ ބެލުމުގެ ދަށުން ޗެލްސީގެ ޕްރެކްޓިސް ސެޝާންތައް ކުރިއަށް ގެންދިޔަ އެވެ.