ކުޅިވަރު

"އެފްއޭކަޕު ހޯދިޔަސް ވަޒީފާއިން ވަކިކޮށްފާނެ"

އެފްއޭކަޕުގެ ޗެމްޕިއަންކަން ހޯދިޔަސް ޗެލްސީގެ ކޯޗު ކަމުގެ ވަޒީފާ ގެއްލިދާނެ ކަމަށް، އެ ޓީމުގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އެފްއޭކަޕު ފައިނަލުގައި، ޗެލްސީ މިރޭ ނިކުންނާނީ މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 9:15 އިގަ އެވެ.

އޭނާގެ ފުރަތަމަ ސީޒަންގައި ކޮންޓޭ ވަނީ ޗެލްސީ އަށް އިނގިރޭސި ޕްރިމިއާ ލީގް ހޯދައި ދީފަ އެވެ. އޭރު ކޮންޓޭ ބުނީ އެއީ އޭނާގެ ކޯޗިން ކެރިއަރުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބު ކަމަށެވެ. ނަމަވެސް މި ސީޒަންގައި އޭނާއަށް ޗެލްސީއާއެކު ދިޔައީ އެންމެ ރަނގަޅަކަށް ނޫނެވެ. ތާވަލުގެ ފަސް ވަނައިގައި ނިންމާލަން ޖެހުމުން ޗެމްޕިއަންސް ލީގްގެ ޖާގައެއް ނުލިބުނެވެ. އަންނަ ސީޒަންގައި އެ ޓީމު ވާދަ ކުރާނީ ޔޫރޮޕާ ލީގްގަ އެވެ.

"އަހަރެމެން [ކޯޗުން ގެ] ވަޒީފާ އަކީ ވަރަށް އުނދަގޫ ވަޒީފާއެއް. ބައެއް ފަހަރު މޮޅުވިޔަސް ކުލަބު ނިންމަފާނެ ކޯޗު ކަމުން ވަކި ކުރަން،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ، އެހެން ހީވިޔަސް އޭނާ މެޗަށް ދޭ ސަމާލުކަން ކުޑަ ނުވާނެ ކަމަށާއި އޭނާގެ 150 ޕަސަންޓް މެޗަށް ދޭނެ ކަމަށެވެ.

އެފްއޭކަޕު ހޯދިޔަސް، އިނގިރޭސި ވިލާތުގައި ވަޒީފާ ގެއްލުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ. ދެ އަހަރު ކުރިން މެންޗެސްޓާ ޔުނައިޓަޑަށް އެފްއޭ ކަޕު ހޯދައި ދިނުމުން ވެސް އެ ޓީމުން ވަނީ އޭރު ކޯޗަކަށް ހުރި ހޮލެންޑްގެ ލުއިސް ވެން ހާލް ކޯޗު ކަމުން ވަކި ކޮށްފަ އެވެ.

ޗެލްސީ އާއެކު ކޮންޓޭ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އެބައޮތެވެ. އޭނާ ކޯޗު ކަމުން ވަކި ކުރުމުގެ އިހްތިޔާރު އޮތީ ޗެލްސީގެ ވެރިޔާ ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރޮހިމޮވިޗް އަތުގަ އެވެ. ކޮންޓޭ ވަކި ކޮށްފިނަމަ އޭނާ ވެގެންދާނީ ޗެލްސީގެ ކޯޗު ކަމުން ވަކި ކުރާ އިޓަލީގެ އަށް ވަނަ ކޯޗަށެވެ.