ނިކް ޖޯނަސް އާއި ޕްރިޔަންކާ ޗޯޕްރާއަކީ މިހާރު ސެލެބްރިޓީ ދުނިޔޭގައި އެންމެ މާފޮޅޭ ޖޯޑެވެ. ނޫސްތަކުގެ ފަލަ ސުރުހީތަކުން މި ޖޯޑު ޖާގަ ނުހޯދާ ދުވަހެއް މިހާރު ނާދެ އެވެ. މުޅިންވެސް ނިކް އާއި ޕްރިޔަންކާ ޑިނާ ޑޭޓަކަށް، ޕާޓީއަކަށް ނޫނީ ޗުއްޓީއެއް ހޭދަކުރަން ތަނަކަށް ގޮސް އުޅޭ ވާހަކަ އޮންނަނީ ލިޔެފަ އެވެ.
މި ދެތަރިން އުޅޭ ނޫޅޭ ބަލާމީހުންވެސް ވަކި މަދެއް ނޫނެވެ. އާންމުންނަށް މި ޖޯޑު އެހާވެސް ކަމުގޮސްފި އެވެ.
ނިކް 25، އާއި ޕްރިޔަންކާ 35، މެދުގައި ލޯބީގެ ގުޅުން އުފެދި އެ ގުޅުން ފެށުނު ގޮތާއި ބެހޭގޮތުން މީޑިއާގައި ތަފާތު ވާހަކަތައް ދެކެވެމުން އާދެ އެވެ. އެންމެ ގިނަ ބަޔަކު ގަބޫލުކުރަނީ މި ގުޅުން ފެށުނީ، 2016 ވަނަ އަހަރު މެޓް ގާލާ އިވެންޓުގެ ރެޑް ކާޕެޓުގައި މި ދެމީހުން އެކުގައި ހިނގުމަށްފަހު އެވެ. އޭގެފަހުން މި ދެމީހުން ވަރަށް ގިނައިން ބައްދަލުކޮށް އެކުގައި ތަންތަނަށް ގޮސް ހަދާކަމަށް މީޑިއާގައި ވާހަކަދެކެވުނެވެ.
އެކަމަކު މިހާރު މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ގުޅުން ފެށުނީ އެހެން ގޮތަކަށެވެ. މީހަކު މި ދެމީހުން "ސެޓުކޮށް" ދިނީ އެވެ. ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޑުވޭން ޖޯންސަން ނުވަތަ "ދި ރޮކް"، ދާދިފަހުން އެންޓަޓެއިންމަންޓް އޮންލައިންއަށް ދިން އިންޓަވިއުއެއްގައި ބުނީ ނިކް އާއި ޕްރިޔަންކާ ސެޓުކޮށްދިނީ އޭނާ ކަމަށެވެ.
"އާނ.. އަހަރެން އެ ދެމީހުން ގުޅުވީ. އެ ދެމީހުން މިހާރު އުފަލުގައި އުޅޭނަމަ އެއީ އަހަރެންގެ ސަބަބުން. 'ބޭވޮޗް' އެންޑް 'ޖުމާންޖީ'،" ޑުވޭން އެ ދެމީހުންނާއި އެކުގައި ކުޅުނު ފިލްމަށް އިޝާރާތްކުރަމުން ބުންޏެވެ. ފިލްމު "ބޭވޮޗް" ގައި ޑުވޭން ޕްރިޔަންކާއާއެކު މަސައްކަތްކުރި އިރު، އޭނާ ވަނީ ފިލްމު "ޖުމާންޖީ" ގައި ނިކްއާއެކު މަސައްކަތްކޮށްފަ އެވެ.
ނިކް އާއި ޕްރިޔަންކާ ވަރަށް އަވަހަށް އެންޖޭޖުވާނެ ކަމަށްވެސް ވާހަކަދެކެވެ އެވެ. އެއީ ނިކް އާއި ޕްރިޔަންކާ ދާދިފަހުން އެ ދެމީހުންގެ ދެ ފަރާތުގެ އާއިލާއާ ބައްދަލުކޮށްފައި ވާތީ އެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.