ވިޔަފާރި

އެޑް-އޮން ސްޓޯރުން ހުޅުމާލޭގައި ފިހާރައެއް ހުޅުވައިފި

އެޕަލްގެ އޮރިޖިނަލް އުފެއްދުންތަކަށް ހާއްސަކޮށްގެން މާލޭގައި ފުރަތަމަ ފިހާރައެއް ހުޅުވި، އެޑް-އޮން ސްޓޯރްއިން ހުޅުމާލޭގައި އާ ފިހާރާއެއް މިރޭ ހުޅުވައިފި އެވެ. މި ފިހާރަ ހުންނަނީ ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ މަޝްހޫރު ގެސްޓް ހައުސްއެއް ކަމަށްވާ "ކްލިއާ ސްކައި" ކުރިމަތީގަ އެވެ.

އެޕަލް ބްރޭންޑުގެ އެންމެފަހުގެ އުފެއްދުންތައް އެއް ތަނަކުން ލިބޭ ގޮތަށް، އެޑް-އޮން ސްޓޯރްގެ ފުރަތަމަ ފިހާރަ މާލޭގައި ހުޅުވީ މީގެ ހަތަރު އަހަރު ކުރިންނެވެ. ހުޅުމާލޭގައި އާ ފިހާރާއެއް ހުޅުވީ ގިނަ އަދަދެއްގެ ކަސްޓަމަރުންގެ އެދުމުގެ މަތިން، ކަސްޓަމަރުންނަށް މިހާރަށް ވުރެ ރަނގަޅު ހިދުމަތެއް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް އެ ފިހާރަ ހިންގާ ފަރާތުން ބުނެ އެވެ.

މި ފިހާރަ ހުޅުވުމަށް މިރޭ ހުޅުމާލޭގައި އޮތް ހާއްސަ ހަފްލާއެއްގައި ފިހާރަ ހުޅުވުމުގެ ޝަރަފު "އެޑް-އޮން ސްޓޯރް" އިން ދިނީ އެ ފިހާރައިން މިހާތަނަށް އެންމެ ގިނައިން ވިޔަފާރީކުރި ކަސްޓަމަރުކަމުގައިވާ އަހްމަދު ހަނީފަށެވެ.

ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ ވަގުތުން އިނާމު ލިބޭ ލަކީޑްރޯއެއްވެސް ކަސްޓަމަރުންނާއި އާންމުންގެ މެދުގައި ކުރިއަށް ގެންގޮސްފަ އެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ލަކީޑްރޯގެ އެއް ވަނަ އިނާމެއްގެ ގޮތުގައި ދީފައި ވަނީ އެޕަލް ހޯމްޕެޑްއެކެވެ. އެޕަލް ހޯމްޕޮޑް ލިބުނު ނަސީބުވެރިޔާ ކަމަށްވާ، އައިޝަތު އިޝާން އަހުމަދަށް އެ އިނާމް ހަވާލުކޮށްދެއްވީ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު އެވެ. ދެ ވަނައަށް ހޮވިގެން، މާސްޓަ އެންޑް ޑައިނަމިކް ބްރޭންޑްގެ ހެޑްފޯނެއް ލިބުނީ، ފަޒީލް އަބްދުﷲ އަށެވެ. އޭނާއަށް އިނާމް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ކާޑްސެންޓަރުގެ ހެޑް، އަބްދުﷲ އަލީމް އެވެ. އަދި ތިން ވަނަ ނަސީބުވެރިޔާއަށް އެޕަލް އެއާ-ޕޮޑް ހަވާލުކޮށްދެއްވީ، އެމްއެފްއެލްސީގެ ބިޒްނަސް ޑިވަލޮޕްމަންޓް މެނޭޖަރު، ހުސެއިން އިބްރާހިމް އެވެ.

މީގެ އިތުރުން، މި ތިން ނަސީބުވެރިންނަށް ވަނީ މަޝްހޫރު ދިވެހި މިއުޒިކް އެޕްލިކޭޝަން، ލަަވަފޮށީގެ އެއް އަހަރު ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ދީފަ އެވެ.

މާލޭ ފިހާރައެކޭ އެއްގޮށް މި ފިހާރައިންވެސް އެޑް-އޮން ސްޓޯރްއިން ވިއްކަމުން އަންނަ ހުރިހާ ޕްރޮޑަކްޓުތަކެއް ލިބެން ހުންނާނެ އެވެ. އަދި ބީއެމްއެލް އާއި އެމްއައިބީ އަދި އެމްއެފްއެލްސީ ހާއްސަ ފައިނޭންޝިއަލް ސްކީމްތަކުގެ ދަށުން މުއާމަލާތްކުރެވޭނެ އެވެ. މީގެ އިތުރުން ގުޅައިގެން ޕްރޮޑަކްޓަަކަށް އޯޑަރުކުރެވޭނެ ހިދުމަތާއި ހޯމް ޑެލިވަރީ ސާވިސް އަދި ގޭގައި ހުރެގެން ޕޭމަންޓު ހެދޭނެގޮތްވެސް ވަނީ ތައާރަފުކޮށްފަ އެވެ.

ކަސްޓަމަރުންގެ މެދުގައި މަގުބޫލު އެތައް ބްރޭންޑުތަކެއްގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރު ކަމުގައިވާ "އެޑް-އޮން ސްޓޯރް" އިން ބުނިގޮތުގައި އަވަސް މުސްތަގުބަލެއްގައި އަނެއްކާވެސް ރާއްޖޭގެ މާކެޓަށް ކަސްޓަމަރުންގެ މެދުގައި މަގުބޫލު އާ ބްރޭންޑުތަކެއް ތައާރަފުކުރާނެ ކަމަށެވެ. އެޑް-އޮން ސްޓޯރްގައި އެންޑްރޮއިޑް ޑިވައިސްތަކަށްވެސް ބޭނުންވާ އެސެސަރީސް ސާމާނުތައް ހުރެ އެވެ.

މިރޭގެ ހަފްލާގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްއާއި ބިދަބިން ބޮޑުބެރު ގުރޫޕްގެ ފަރާތުން މުނިފޫހިފިލުވުމުގެ ހާއްސަ ހަރަކާތްތަކެއްވެސް ފެނިގެންދިޔަ އެވެ.

ފޮޓޯއިން: