ހަބަރު

އެމްޑީޕީ އާއި ޖޭޕީގެ ކޮންގްރެސް ބަލައިގަންނަން: އީސީ

އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އިން ބޭއްވި ކޮންގްރެސް ބަލައިގެންފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ބޮޑެތި އަދި މުހިންމު ނިންމުންތަކެއް ނިންމާފައިވާ އެމްޑީޕީ އަދި ޖޭޕީގެ ކޮންގްރަސް ކުރިޔަށް ދިޔައީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެ ދެ ކޮންގްރެސް އޮބްޒާވް ކުރުމަށް އީސީގެ މެންބަރުން ވެސް ބައިވެރިވި އިރު ކޮންގްރަސްއާބެހޭ ގޮތުން ވަކި އެއްޗެއް ބުނަން އެނގޭނީ މައުލޫމާތުތައް ޕާޓީތަކުން ހިއްސާ ކުރުމުން ކަމަށް އީސީ އިން ކުރިން ވަނީ ބުނެފަ އެވެ.

އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޖޭޕީން މުޅި ކޮންގްރެސް އޮބްޒާވް ކުރުމުގެ ފުރުސަތު ވެސް އެ ކޮމިޝަނަށް ދިން ކަމަށާއި އެމްޑީޕީން ވެސް ދައުވަތުން ދިން ނަމަވެސް އޮބްޒާވް ކުރުމުގެ ފުރުސަތު ދިނީ ވަގުތުކޮޅަކަށް ކަމަށެވެ. ނަމަވެސް ދެ ޕާޓީގެ ކޮންގްރެސް ވެސް ކުރިޔަށް ދިޔައީ އީސީގެ ލަފައާއި މަޝްވަރާއާ އެކުގައި ކަމަށާއި އެހެންކަމުން ދެ ކޮންގްރެސް ވެސް ބަލައިގަންނަ ކަމަށެވެ.

"އެމްޑީޕީ އިން ވެސް ބޭއްވި ކޮންގްރެސްއަކީ އިލެކްޝަން ކޮމިޝަނުން ބަލައިގަންނަ ކޮންގްރަސްއެއް، ހަމަ ގާނޫންތަކާއި ގަވައިދުތަކާ އެއްގޮތަށް ބޭއްވުނު ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެމްޑީޕީގެ ފަރާތުން އަސާސީ ގަވައިދަށް ވަރަށް ގިނަަ އިސްލާހުތަކެއް ގެނެސްފައިވާ ކަމަށް ބުނެ އީސީއަށް ފޮނުވާފައިވާ ކަމަށާއި އެ އިސްލާހުގެ ތެރެއިން ޔައުމިއްޔާގެ ގޮތުގައި ހުށަހެޅިފައިވާ އިސްލާހު އެންޑޯޒްކޮށްފައިވާ ކަމަށެވެ. ނަމަވެސް ކުރީގައި އޮތް އަސާސީ ގަވައިދާ އަޅާކިޔާ އިރު ބައެއް އިސްލާހުތައް ފާސްވިކަން ނުވަތަ ނޫންކަން އެނގެން ނެތް ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ބޭފުޅުންނާ ވާހަކަ ދައްކައިގެން އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އޭގެ އިތުރުން ޖޭޕީ އިން އަސާސީ ގަވައިދު ވެސް އީސީ އިން އެންޑޯޒްކޮށްފައިވާ ކަމަށާއި ނަމަވެސް އަސާސީ ގަވައިދުގައި ކޮންމެހެން ވެސް ހިމަނަން ޖެހޭ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ބައެއް ކަންކަން އުނިކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެހެންކަމުން އެކަންކަން ބަލައެއް ނުގަންނަ ކަމަށާއި އެކަންތަކާ ބެހޭ ގޮތުން ވެސް ޖޭޕީއާ މަޝްވަރާ ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.