ހަބަރު

ލިވަޕޫލްގެ ތަރި ސަލާހު ރާއްޖޭގައި

Jul 13, 2018

މިދިޔަ ސީޒަންގައި، އިނގިރޭސި ޕްރިމިއާ ލީގްގައި މޮޅު ކުޅުމެއް ދެއްކި މިސްރު އަދި ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެ އެވެ.

ސަލާހް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ.

އެނގިފައިވާ ގޮތުގައި ސަލާހް ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ޅ. ހުރަވަޅި ރިސޯޓްގަ އެވެ. ނަމަވެސް އޭނާ ރާއްޖޭގައި މަޑު ކުރުމަށް ހަމަޖެހިފައިވަނީ ކިހާ ދުވަހަކަށް ކަމެއް ސާފެއް ނުވެ އެވެ.

ސަލާހު މިއަދު ރާއްޖެ އައިސްފައިވާއިރު، ލިވަޕޫލްގެ ޕްރީ ސީޒަންގެ މެޗްތަކަށް މާދަމާ އެމެރިކާއަށް ދިއުމަށް ހަމަޖެހިފައިވާ ސްކޮޑްގައިވެސް ސަލާހް ހިމެނެ އެވެ.

އޭއެސް ރޯމާއިން ލިވަޕޫލަށް ބަދަލުވި ސަލާހް މިފަހުން ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު އޭނާއަށް ވަނީ ދުނިޔޭގެ ސަލާމުކަމާއި އެތައް ބައެއްގެ ލޯބި ލިބިފަ އެވެ. މިދިޔަ ސީޒަންގައި ލިވަޕޫލާ ގުޅެ އޭނާ ވަނީ އެ ޓީމަށް 43 ލަނޑު ޖަހައި ދީފަ އެވެ. ޕްރިމިއާ ލީގްގައި ކުޅުނު 36 މެޗުގައި ސަލާހް ވަނީ 32 ލަނޑު ޖާހަފަ އެވެ. އަދި ފުޓްބޯޅަ ނޫސްވެރިންގެ ޖާމާއަތް ނުވަތަ ފުޓްބޯލް ރައިޓާސް އެސޯސިއޭޝަން (އެފްޑަބްލިއުއޭ) އިން ދޭ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް މިއަހަރު ހޯދީ، ސަލާހް އެވެ.

ސަލާހް ވަނީ ވަރަށް ފަހުން ލިވަޕޫލާއެކު އިތުރު ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައިވެސް ސޮއިކޮށްފަ އެވެ. އޭނާގެ އާ ކޮންޓްރެކްޓް ހަމަވާނީ 2023 ގައެވެ.