ރިޕޯޓް

25 މިނެޓްގެ ހިނގުމެއް، ކުލަޖެހުނު ކުރެހުމެއް!

ގަޔަށް ބޮޑު ލައިފްޖެކެޓަކާއި ހެލްމެޓެއް އަޅައިގެން އައިސް ހުއްޓުނީމެވެ. ކުރިމަތިން ފެންނަން އޮތީ ސަރާސަރު ބޮޑު މަގެކެވެ. ކަނޑުގެ މަތިން ހުރަސްކޮށްލާފައިވާ ބިޔަ ބްރިޖެކެވެ. ހަނދާނަށް އައީ ކުރީގެ އެ ފިޔަވަޅު މައްޗަށެވެ. ރާއްޖެ ރޮއްވާލި ސުނާމީ ކާރިސާގެ ހަނދާނުގެ ބިނާ ކައިރީގައި ހުރެ ބަލާލާއިރު އޭރު ފެންނަނީ ޒުވާނުންތަކެއް އެ ދިމާލުން ނަގާ ބިޔަ ރާޅުތަކުގެ މަތީ އުދުހޭ ތަނެވެ. ފަހަތުން ފެންނަނީ މީހުން ދުވެލާ އުޅޭ މަންޒަރެވެ. ކައިރީގައި އޮތް ޕާކްގައި ފިނިކޮށްލުމަށް ތިބީ މަންޒަރެވެ.

މިހާރު މަންޒަރު މުޅިން ބަދަލެވެ. ވަށައިގެން ފެންނަނީ ހޭބޯނާރާ ޗައިނާ އަދި ބަންގްލަދޭޝް މީހުން މަސައްކަތް ކުރާ ތަނެވެ. ތަރައްގީގެ ބޮޑު ކުރެހުމެއް އަސްލަކަށް ހެދުމަށް ބަޔަކު މަސައްކަތް ކުރާ ތަނެވެ. ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ރަހުމަތްތެރިކަން ރަމްޒުކޮށްދޭ ވަރުގަދަ ބްރިޖް އަޅާ ނިންމުމަށް ބަޔަކު ކުރާ ބުރަ މަސައްކަތްތަކެވެ.

މިހާރު ބްރިޖް ވަނީ ގޮތަކަށް ބުނާނަމަ އަޅާ ނިންމާފަ އެވެ. ހުޅުލެ އާއި މާލެ ވަނީ ގުޅާލާފަ އެވެ. ކަނޑު ހުރަސްކޮށް ހިނގާފައި މިހާރު އެ އޮތީ ހުޅުލެއަށް ދެވޭށެވެ. ތާރީހީ ދަތުރުގައި ހިނގައިގަތުމުގެ ފުރަތަމަ ފިޔަވަޅާއެކު ފޯނުން ސްޓޮޕް ވޮޗް ޖައްސާލީމެވެ. އެ ތާރީހީ ހިނގުމުގެ ވަގުތު ބަލަން ބޭނުންވެފައި ހުރިލެއް ބޮޑު ކަމުންނެވެ.

ބިޔަ ބޮޑެތި ތަނބުތަކެއް މަތީ އަޅާފައިވާ ބްރިޖްގައި ހިނގައިގަތީ އެވެ. އެކުގައި ގިނަ ނޫސްވެރިންތަކެއް ތިއްބެވެ. އެންމެންގެ މޫނު މަތިން ވެސް ފެންނަނީ އުފާވެރިކަމެވެ. ހައިރާން ކަމާއި ޝައުގުވެރި ކަމެވެ. އެހެންވީ ފެންނަމުން ދިޔަ މަންޒަރުތަކުންނެވެ.

ޗައިނާ މީހުން ކުރާ ބުރާ މަސައްކަތްތައް ބަލަމުން ފޮޓޯ ނަގަމުން ދާދި އަވަހަށް ބްރިޖްގެ މެދާ ހަމައަށް އާދެވުނެވެ. އެއީ ބްރިޖްގެ އެންމެ އުސް ހިސާބެވެ. އެންމެ އުސް ތަނބާ ވެސް ދިމާ އެވެ. ހުއްޓިފައި ބަލާލީ ފުރަގަހެވެ. ފެންނަން އޮތީ އެތައް ބައެއްގެ ސިޓީ، މާލެ ސިޓީ އެވެ. މާލޭގެ މަލަމަތި ނުހަނު ރީއްޗަށް ބްރިޖުން ފެނެ އެވެ.

އެ ރީތި މަންޒަރާއެކު، އެ ސަރަހައްދުގައި ތިބި މީހުން ކުރަމުންދާ މަސައްކަތަށް ކަޅިއެއް އެއްލާލީމެވެ. އެމީހުންގެ ވާހަކަތަކުން އެނގުނީ ބްރިޖްގެ ކޮންމެ މަސައްކަތަކީ ވެސް އެހާމެ ބުރަ އަދި މުހިންމު މަސައްކަތެއް ކަމެވެ. މިހާރު ވެސް އެމީހުން އެ ކުރަމުން ދަނީ އެފަދަ މަސައްކަތެކެވެ. ބްރިޖް ހަގީގީ ބްރިޖަކަށްވެ ދަތުރުކޮށްލެވޭވަރު ވާނީ އެމީހުން އެ މަސައްކަތް ވެސް ނިންމުންނެވެ.

މިހާރު އެންމެ ގަދައަޅާ އެ ސަރަހައްދުގައި ކުރާ މަސައްކަތަކީ ބްރިޖްގައި ދުއްވުމަށް ހަދާ ހަތަރު ލޭންގެ މަސައްކަތެވެ. ޖުމްލަ ހަތަރު ލޭން ހަދާނެ އެވެ. އެގޭ ތެރެއިން ދެ ލޭނެއްގެ ފުޅާ މިނަކީ 3.25 މީޓަރެވެ. އަނެއް ދެ ލޭންގެ ފުޅާ މިނަކީ 3.5 މީޓަރެވެ. ލޭންތައް ހަދާ ނިންމާލުމުން އޮންނާނެ ރީތި ސިފަ ހިތަށް އެ ވަގުތު ގެނުވުނެވެ. ދުއްވާލަން ލިބޭނެ ހިތްހަމަޖެހުން ވެސް ވަޒަންކޮށްލެވުނެވެ.

ލޭންތައް ނިމޭއިރު ހުންނާނީ ރަނގަޅު ފެންވަރުގައި ތާރު އަޅާފަ އެވެ. މިހާރު ކުރަމުންދާ މަސައްކަތަކީ ލޭންގައި ތާރު އެޅުމުގެ ކުރިން ވަރުގަދަކުރުމަށް އިތުރު ގްރައުންޑް ސްލަބެއް އެޅުމުގެ މަސައްކަތެވެ. ބައެއް ސަރަހައްދުތަކުގައި ސްލަބް އަޅާ ވަނީ ނިންމާފަ އެވެ. ހިނގަން ވެސް ޖެހުނީ ސްލަބްތަކުން މަތިންނެވެ.

ހިނގަމުން ދިޔަ ދެ އަރިމަތިން ވަރަށް ހަނި ދެ މަގު ފެނެ އެވެ. ބައިސިކަލެއްގައި މީހަކަށް ކިރިޔާ ދެވޭވަރުގެ ޖާގައެކެވެ. އެތަނަކީ ބްރިޖްގައި ހިނގަން ހަދާ ލޭން ކަމަށް ހިތާ ހިތުން ކަށަވަރުކުރީމެވެ. އެއަށްފަހު ޔަގީންކުރުމަށް ބްރިޖްގެ މަސައްކަތުގައި އުޅޭ މީހަކާ ސުވާލުކުރީ އެވެ. ޖަވާބު ލިބުނީ ހިތް ބުނި ގޮތަށެވެ. އެއީ ޕޭމަންޓް ވޯކެކެވެ. ނަމަވެސް އޭނާ ކިޔައިދިން ގޮތުގައި ސެކިއުރިޓީ އަދި ސޭފްޓީއަށް ބަލާފައި އެ ލޭން ހިނގަން ހުޅުވާނެކަން އަދި ކަށަވަރެއް ނޫނެވެ.

ކޮޅު ކޮޅަށް ބަލަމުން ހިނގީ ކުރިއަށެވެ. ކުރިމަތިން ލޮލަށް ސާފުވަމުން ދިޔަ މަންޒަރަކީ އެއާޕޯޓެވެ. ދިވެހިންގެ ފަހުރު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. މޯލްޑިވިއަންގެ ބޯޓެއް "އަތުޖެހޭ" ހިސާބުން ގޮސް އެ ޖެއްސީ އެ އެއާޕޯޓަށެވެ. އެ ހުރިހާ މަންޒަރެއް ވަރަށް ރީއްޗަށް ވަރަށް ކައިރިން ބްރިޖް މަތިން ފެނެ އެވެ.

ބްރިޖްގެ ކޮޅަށް އާދެވިއްޖެ އެވެ. ފޯނުން ޖެއްސި ސްޓޮޕް ވޮޗަށް ބަލާލިއިރު ސީދާ 25 މިނެޓެވެ.

އެއީ ބްރިޖް މަތިން އެއްކޮޅަށް އަނެއް ކޮޅަށް ހިނގާލަން ނަގާނެ ވަގުތު ކަމަށް ނުބަލާށެވެ. ހިތު ހިސާބަށް ބަލާނަމަ 10 މިނެޓުން ބްރިޖް އެއްކޮޅުން އަނެއް ކޮޅަށް އާދައިގެ ސްޕީޑެއްގައި ހިނގައިގެން ހުރަސްކޮށްލެވޭނެ އެވެ. ބްރިޖް ހުރަސްކޮށްލަން 25 މިނެޓް ނެގީ ގިރާކުރަން ޖެހުނު އެތައް ސާމާނަކާއި ނަގަން ޖެހުނު އެތައް ފޮޓޯއަކާއި ބަލަންޖެހުނު އެތައް މަންޒަރެއްގެ ސަބަބުންނެވެ.

އެ 25 މިނެޓަކީ ހަޔާތުން ވަރަށް ފާހަގަކޮށްލެވޭނެ ވަގުތުތަކަކަށް ހަމަ ޔަގީނުން ވެސް ވާނެ އެވެ. ރާއްޖެ މިހާތަނަށް ނުދެކޭފަދަ ބިޔަ މަޝްރޫއުއެއް ހަގީގަތަކަށްވެ ނިމޭ ތަން ހަމަ ލޮލަށް ފެނި އަތުން ހިފުނީ އެވެ. އެތައް ބަޔަކު އުފުލަމުން ދިޔަ ބުރައަށް ހާދަ ބޮޑު ލުޔެއް ލިބިގެންދާނެ ކަމުގެ އުފާ އިހުސާސްވި އެވެ. ބްރިޖްގެ ސަބަބުން ރާއްޖޭގެ މަންޒަރު ރީތިވެ، މާލޭ ސަރަހައްދުގެ ތަރައްގީގެ ގިޔަރު ބާރުވާނެ ކަމުގެ މަންޒަރު ލޯމަތީ ކުރެހިގެން ދިޔަ އެެވެ.

ބްރިޖުން ފައިބައިގެން ގޮސް ފައި ޖެއްސީ ހުޅުލޭގެ ބިމުގަ އެވެ. ބަލާލީ ދުރަށެވެ. ފެންނަން އޮތީ ތާރު އަޅައިގެން ހަދާފައި އޮތް ޒަމާނީ މަގެކެވެ. ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެންމެ ބާރު ބޮޑު ވާނެ މަގެވެ. މަގު ދުއްވާފައިދާއިރު އަރިމަތިން ފެންނާނީ އެއާޕޯޓެވެ. ބޮޑެތި ބޯޓު ފަހަރު އައިސް ޖައްސާނީ ނުހަނު ކައިރިންނެވެ. ތަރައްގީ އާއި ކުރިއެރުމުގެ ކުލަވަރުތައް މިވަރުން އިހުސާސްވާނެ އެވެ.