ދިވެހި ސިނަމާ

ސާކް ފިލްމު ފެސްޓިވަލްގައި "އިންސާނާ" ލޯ މެޑަލް ހާސިލުކޮށްފި

ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ދެންމެ ނިމިގެން ދިޔަ ސާކް ފިލްމު ފެސްޓިވަލްގައި ދިވެހި ފިލްމު "އިންސާނާ" ބްރޯންޒް މެޑަލް ހާސިލުކޮށްފި އެވެ.

މިއީ ދިވެހި ފިލްމު "އިނގިލި" އިން މި ފެސްޓިވަލްގައި މިދިޔަ އަހަރު ހޯދި ތާރީޚީ ކާމިޔާބީގެ ތަކުރާރު ވުމުކެވެ. "އިނގިލި" އަށް ވެސް އެފަހަރު ލިބުނީ ފެސްޓިވަލްގެ ތިން ވަނަ އަށް އެންމެ މޮޅު ފިލްމުގެ އެވޯޑެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު މާލޭގައި ދެއްކި "އިންސާނާ" އަކީ އެކްޓަރު އަދި ޑައިރެކްޓަރު އަލީ ސީޒަންގެ ފިލްމެކެވެ. އޭނާ ލީޑް ރޯލުކުޅެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގައި ދައްކުވައި ދެނީ މީހަކު މަރާލުމަށް ފަހު އެ އަނދިރި ކަމުގެ ތެރެއިން ސަލާމަތްވުމަށް ގާތިލު ކުރާ މަސައްކަތެވެ. ފިލްމުގައި ގާތިލުގެ ރޯލު ކުޅެފައި ވަނީ ސީޒަން އެވެ.

މި ފިލްމާއެކު މިފަހަރުގެ ސާކް ފިލްމު ފެސްޓިވަލަށް ރާއްޖެ އިން ދެން ގެންދިޔައީ ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ފިލްމު "ހުޅުދާން" އެވެ.

ނަމަވެސް "އިންސާނާ" އަށް ލިބުނު ލޯ މެޑަލް ފިޔަވައި އިތުރު ކާމިޔާބީއެއް ދިވެހި ފިލްމަކަށް ނުވަތަ ފަންނާނަކަށް މިފަހަރުގެ މުބާރާތުގައި ނުލިބެ އެވެ. މިދިޔަ އަހަރު "އިނގިލި" އަށް ލޯ މެޑަލް ލިބުނުއިރު އެ ފިލްމުގައި ލީޑް ރޯލު ކުޅުނު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އަކީ އެފަހަރުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކުރި ފަރާތެވެ.