ސިއްހަތު

އަލަށް ލިބޭ ދަރިއާ އެކު ފިރިހެނުންގެ ސިކުނޑި އެއްކޮށް ބަދަލުކޮށްލާ: ދިރާސާ

Dec 25, 2014
1

އަލަތު ދަރިފުޅުގެ އިންތިޒާރުގައި ތޯ އެވެ. އެހެންވީމަ އޭގެ ކުރިން މި ދިރާސާގައި ބުނާ އެއްޗެއް ކިޔާލަމާ ހިނގާށެވެ.

އެމެރިކާގެ ޔޭލް ޔުނިވާސިޓީން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުން އަލަށް ބައްޕައަކަށް ވާ ފިރިހެނުންގެ ދިރިއުޅުން އެންމެ ބޮޑަށް ބަދަލުކޮށްލާ އެކަކަކީ މި ލިބޭ ތުއްތު ދަރިފުޅެވެ. ތުއްތު ދަރިފުޅު އުފަންވާ ހިސާބުން ފެށިގެން ފިރިހެން މީހާގެ ސިކުނޑި އަށް ބޮޑެތި ބަދަލުތަކެއް އައިސް ދިރިއުޅުމުގެ ސިފަތައް އެއްކޮށް ބަދަލުކޮށްލާ ކަމަށް މި ދިރާސާ އިން ވަނީ ދައްކައިފަ އެވެ.

މިއީ، އަލަށް ލިބޭ ތުއްތު ދަރިފުޅާ އެކު އޭނާގެ ބައްޕަގެ ސިކުނޑި އަށް އަންނަ ބަދަލުތައް ދެނެގަތުމަށް ތަޖުރިބާކާރުންގެ ޓީމަކުން ކުރިއަށް ގެންދިޔަ މިފަދަ ފުރަތަމަ ދިރާސާ އެވެ. އެކި ދާއިރާތަކުން ޔުނިވާސިޓީ-ތައުލީމު ހާސިލުކޮށްފައިވާ 16 ބައްޕައިން ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ މި ދިރާސާ އިން ދައްކާ ގޮތުން އަލަށް ލިބޭ ތުއްތު ދަރިއަކީ މައިންގެ ކިބައިން ފެންނަ ގިނަ ސިފަތަކެއް ފިރިހެން މީހާގެ ކިބައިގައި އަށަގަންނުވާ ދިރިމެކެވެ.

ސޯޝަލް ނިއުރޯސައިންސް ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ބުނެފައި ވަނީ ހިއްސުތަކާއި އިހްސާސްތައް ކޮންޓްރޯލްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ، ސިކުނޑީގެ ގްރޭއި މޭޓާ އަށް އަލަތު ދަރިފުޅާއެކު ކުރާ އަސަރު ވަރަށް ބޮޑު ކަމަށެވެ. މި ބަދަލާ އެކު ތުއްތު ކުއްޖާގެ އިހްސާސްތަކަށް ބައްޕަގެ ހިއްސުތަކަށް ހޭލައި ދަރިފުޅުގެ ބޭނުންތައް ދެނެގަނެ އެކަން ކަމަށް ވާސިލުވާނެ ގޮތްތައް ފިރިހެން މީހާ އަށް ފަސޭހައިން އެނގިގެންދާ ކަމަށް ބުނެފައިވެ އެވެ.

ދަރިފުޅު ރޯ ނަމަ އޭނަ ރޮނީ ކީއްވެގެންކަން ދެނެގަތުމުގެ ފަސޭހަ އުކުޅުތައް ވެސް ފިރިހެނުން ދަސްކުރާ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އަލަތު ދަރިފުޅާ އެކު ގިނަ ފިރިހެނުން ހީވާގި ބަޔަކަށް ބަދަލުވެ މަލްޓި-ޓާސްކިން ބަޔަކަށް ބަދަލުވެގެންދާ ކަމަށް ވެސް ދިރާސާ ރިޕޯޓްގައި ބުނެފައިވެ އެވެ. އަލަތު ދަރިއާ އެކު މި ސިފަ ފިރިހެނުންގެ ކިބައިގައި އަށަގަންނަނީ ސިކުނޑީގެ ގްރޭއި މޭޓާ އިތުރުވާން ފެށީމަ އެވެ.

ނަމަވެސް އަލަށް ލިބޭ ދަރިއާ އެކު މި ނޫން އެހެން ފާހަގަކޮށްލެވޭ ބަދަލުތަކެއް ވެސް ފިރިހެނުންނަށް އަންނަ ކަމަށް މި ދިރާސާ އިން ދައްކާފައިވެ އެވެ. އެގޮތުން ފިރިހެނުންގެ ހަނދާން އާދަޔާހިލާފަށް ދަށްކޮށްލާ ކަމަށް ދިރާސާ އިން ދައްކަ އެވެ.

މީގެ އިތުރުން ބޮޑެތި މައްސަލަތަކުގައި ގޮތް ކިއުމާއި އެފަދަ މައްސަލަތަކުގައި ވަކި ގޮތެއް ކަނޑައެޅުމުގައި އުނދަގޫވެ ލަސްވާކަން ވެސް ފާހަގަކުރެވެ އެވެ.