ދުނިޔެ

އެމެރިކާ ފުލުހުން ދުވާލަކު ދެ މީހުންނަށް ވުރެ ގިނައިން މަރާ، ގިނައީ ކަޅު ނަސްލުގެ މީހުން!

Jun 1, 2015
1

ތަފާތު މައްސަލަތަކުގައި އެމެރިކާ ފުލުހުން ހަމަލާ ދީ، ދުވާލަކު ދެ މީހުންނަށް ވުރެ ގިނަ މީހުން މަރާލާ ކަމަށް، ވޮޝިންޓަން ޕޯސްޓް ނޫހުން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

އެންމެ އިތުބާރުހުރި ކަމަށް އެމެރިކާ އާއި މުޅި ދުނިޔޭގައި ވެސް ބަލާ ނޫސްތަކުގެ ތެރޭގައި ހިމެނޭ ވޮޝިންޓަން ޕޯސްޓުން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ މަސްދުވަހު އެކަނި ވެސް އެމެރިކާގެ ފުލުހުން ވަނީ 385 މީހުން މަރާލާފަ އެވެ. ރަސްމީ ހިސާބުތަކަށް ވުރެ ދެ ގުނަ އިތުރު އެ އަދަދު ދުވާލަކަށް ބަހާލައިފި ނަމަ، ދެ މީހުންނަށް ވުރެ ގިނަ އެވެ.

ރަސްމީ ހިސާބުތައް ބުނާ ގޮތުން، 2008 އިން ފެށިގެން މިހާތަނަށް އެމެރިކާ ފުލުހުން ވަނީ އަހަރަކު ގާތްގަނޑަކަށް 400 މީހުން މަރާލާފަ އެވެ.

އެކަމަކު، ރަސްމީ ހިސާބުތަކުގެ ގޮތުގައި ހިމަނަނީ ސަލާމަތީ ބާރުތަކުން އަމިއްލަ އަށް ރިޕޯޓުކުރާ މައްސަލަތައް އެކަންޏެވެ. އެއާ ހިލާފަށް، ވޮޝިންޓަން ޕޯސްޓުން ހިސާބުތައް އެކުލަވާލީ މަރުވި މީހުންގެ އާއިލާތަކާއި އިންޓަވިއުކޮށް، ޕޮލިސް ރިޕޯޓުތަކާއި މީޑިއާ ރިޕޯޓުތަކާއި އެ ނޫން ވެސް މަސްދަރުތަކުން ލިބުނު މައުލޫމާތުތައް ދިރާސާކޮށްގެންނެވެ.

ފުލުހުންގެ ހަމަލާތަކުގައި ގިނައިން މަރާލާފައި ވަނީ، ވޮޝިންޓަން ޕޯސްޓުގެ ހިސާބުތައް ދައްކާ ގޮތުގައި، ކަޅު ނަސްލުގެ މީހުންނެވެ. އޭގެ ތެރެއިން ވެސް ގިނަ މީހުން މަރާލާފައި ވަނީ އެއްވެސް ހަތިޔާރަކާ ނުލާ އުޅެނިކޮށެވެ.

ދޮން ނަސްލުގެ ފުލުހުން ހަަމަލާދީ ކަޅު ނަސްލުގެ މީހުން މަރާ މަައްސަލަ އެމެރިކާގެ އެކި ހިސާބުތަކުގައި ވަނީ މި ފަހުން ބޮޑުވެފަ އެވެ. އޭގެ ތެރޭގައި، ކްލީވްލޭންޑުގައި 12 އަަހަރުގެ ކަޅު ނަސްލުގެ ކުޑަކުއްޖެއްގެ ގަޔަށް މިދިޔަ ނޮވެމްބަރު މަހު ބަޑި ޖެހި މައްސަލައެއް ހިމެނެ އެވެ. އަދި މިފަދަ ހާދިސާތައް ހިނގާފައިވާ ބޯލްޓިމޯ އާއި ފާގަސަންގައި ދާދި ފަހުން ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ވެސް ހިނގާފަ އެވެ.

ބާރުގެ ބޭނުންކޮށްގެން މުޒާހަރާތަކާއި އެއްވުންތައް ރޫޅާލުމުގެ އިތުރަށް، ކަޅު ނަސްލުގެ މީހުންނަށް ސީދާ އަމާޒުކޮށް ފުލުހުން ހިންގާ ހަރުކަށި އަމަލުތައް އެމެރިކާގެ ގިނަ ސްޓޭޓްތަކެއްގައި އިތުރުވެފައި ވަނިކޮށް، އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ހަނގުރާމަވެރި ހަތިޔާރުގެ ގޮތުގައި ބެެލވިދާނެ ބައެއް އާލަތްތައް ސްޓޭޓްތަކުގެ ފުލުހުންނަށް ފޯރުކޮށްދިނުން މަނާކުރައްވާފަ އެވެ.

މިދިޔަ މަހު ކުރީކޮޅު އޮބާމާ އެޅުއްވި އެ ފިޔަވަޅުގެ ދަށުން، ސްޓޭޓްތަކުގެ ފުލުހުންނަށް ދިނުން މަނާ ތަކެތީގެ ތެރޭގައި ހިމެނެނީ ފުރޮޅުގެ ބަދަލުގައި ޓްރެކް ނިޒާމުގެ އެހީގައި ދުއްވާ އާމާޑް އުޅަނދު، ބަޑި ހަރުކޮށްފައި ހުންނަ މަތިންދާބޯޓާއި މަނަވަރާއި އެ ޒާތުގެ އުޅަނދުފަހަރު، 50 ކެލިބަ އަށް ވުރެ މަތީގެ ބަޑި އާއި ވަޒަން، ގްރެނޭޑް ލޯންޗަ އަދި ކެމަފްލާޖް ޔުނީފޯމެވެ. ނަމަވެސް، އާއްމު ބޭނުންތަކަށް ބޭނުންކުރާ މަތިންދާބޯޓާއި ހެލިކޮޕްޓަރާއި ޑްރޯން، ފުރޮޅު ހަރުކޮށްފައި ހުންނަ އާމާޑް އުޅަނދު، ކޮމާންޑްކުރަން ބޭނުންކުރާ އުޅަނދު އަދި ރަޔަޓް ގިޔަރާއި މުގުރު ފަދަ ތަކެތި އަދިވެސް ފޯރުކޮށްދެމުން ދާނެ އެވެ.