ހަބަރު

12 މެންބަރުންގެ ގޮނޑީގެ ހުކުމް ބުރާސްފަތި ދުވަހު

Jul 16, 2018
3

ރައްޔިތުން މަޖިލީހުގެ 12 މެންބަރެއްގެ ގޮޑީގެ މައްސަލައިގައި އަންނަ ބުރާސްފަތި ދުވަހު ހުކުމް އިއްވަން ސުޕްރީމް ކޯޓްގައި ޝެޑިއުލްކޮށްފި އެވެ.

ސުޕްރީމް ކޯޓްގެ ޝެޑިއުލްގައިވާ ގޮތުގައި، އެކެއް ފެބުރުއަރީގައި ނެރުނު ހުކުމުގައިވާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެފައިވާ ބައި ބާތިލް ކުރަން އެޓާނީ ޖެނެރަލް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ތާވަލްކޮށްފައި ވަނީ މި މަހުގެ 19ވާ ބުރާސްފަތި ދުވަހަށެވެ. އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ސާފު ކުރަން ބޭނުންވާ ބައެއް މައުލޫމާތުތައް ވަނީ ސާފުކޮށް އަޑުއެހުންތައް ނިންމާލައިފަ އެވެ.

އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓްގެ ފުލްބެންޗުން އެވެ. ރައްޔިތުން މަޖިލީހުގެ 12 ދާއިރާގެ ގޮނޑީގެ މައްސަލަ ހައްލުނުވެ އޮންނަތާ މިހާރު ވަނީ އަހަރެއްހާ ދުވަސްވެފަ އެވެ. އެކެއް ފެބުރުއަރީގައި ނެރުނު އަމުރުގައިވާ ގޮތުން، 12 ދާއިރާގެ ގޮނޑި ގެއްލިފައެއް ނުވެ އެވެ. އެ އަމުރުގައިވާ އެބައި ނޫން އެހެން ބައިތައް ބާތިލްކޮށްފަ އެވެ. އަދި މެންބަރުންނާ ގުޅޭ ގޮތުން އޮތް ބައިވެސް ވަގުތީ އަމުރަކުން އޮތީ އަމަލު ކުރުން ހުއްޓުވައިފަ އެވެ.