ދުނިޔެ

ނޭޕާލްގެ ބިންހެލުމުގައި ހަލާކުވި ސްކޫލްތައް އަލުން ހުޅުވައިފި

Jun 1, 2015

ނޭޕާލަށް އައި ބާރުގަދަ ބިންހެލުމުގައި ގެއްލުން ލިބުނު ގިނަ ސްކޫލްތައް އިއްޔެ އަލުން ހުޅުވައިފި އެވެ.

އދ. އިން އަންދާޒާކޮށްފައިވާ ގޮތުގައި މިދިޔަ އޭޕްރީލް މަހު އައި ބިންހެލުމުގައި ގާތްގަނޑަކަށް 8،000 ސްކޫލެއްގެ 25،000 އަށް ވުރެ ގިނަ ކްލާސްރޫމް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި އެވެ. ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ގޯކާ އާއި ސިންދުޕަލްޗޮކާއި ނުވަކޮތު އަވަށުގައި ހުރި ސްކޫލްތަކުގެ ގާތްގަނޑަކަށް 90 ޕަސެންޓް ވަނީ އެއްކޮށް ހަލާކުވެފަ އެވެ.

ނޭޕާލްގެ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ލަވަދިއޯ އަވަސްތީ ވިދާޅުވި ގޮތުގައި އިއްޔެ ހުޅުވި ގިނަ ސްކޫލްތައް ހަދާފައި ވަނީ ހަލާކުވި ސްކޫލްތަކުގެ ގޯތިތެރޭގައި ދަނޑިފަނުން، ވަގުތީ ގޮތަށެވެ. ސްކޫލް ވަގުތު ކުރުކޮށްފައި ވާއިރު، ރަސްމީ ކްލާސްތަކުގެ ބަދަލުގައި ފުރަތަމަކޮޅު ހިންގުމަށް ހަމަޖެހިފައި ވަނީ ސަގާފީ ހަރަކާތްތަކާއި ކުޅިވަރުތައް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ބިންހެލުމުގައި ކުދިންނަށް ލިބުނު ނަފްސާނީ ގެއްލުންތަކުން އަރައިގަތުމަށް އެހީވުމަށެވެ.

"ވަގުތީ ސްކޫލްތައް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހު ބޭނުންކުރެވޭ ވަރު ވާނެ. އެ މުއްދަތުގައި ހަލާކުވި ސްކޫލްތައް އަލުން ހަދަން ވަނީ ނިންމާފައި،" އަވަސްތީ ވިދާޅުވި އެވެ.

ކުޑަކުދިންގެ ކަންކަމާ ބެހޭ އދ.ގެ ޖަމިއްޔާ (ޔުނިސެފް)ގެ ތައުލީމާ ބެހޭ ސްޕެޝަލިސްޓް ޝިވާ ބުސާލް ވިދާޅުވި ގޮތުގައި އދ. އިން ވަނީ ދަރިވަރުންނަށް ޕަޒްލް އާއި ކުލަޖައްސާ ފޮތް ފަދަ ތަކެތި ބަހާފަ އެވެ.

މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ނޭޕާލަށް ބިންހެލުމެއް އައީ މެގްނެޓިއުޑް 7.8 ގެ ބާރު މިނުގަ އެވެ. އެ ބިންހެލުމުގައި 8،000 އަށް ވުރެ ގިނަ މީހުން މަރުވެ 18،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން، މި މަހުގެ 12 ވަނަ ދުވަހު ނޭޕާލަށް ބާރުގަދަ ދެވަނަ ބިންހެލުމެއް އައިސްފައިވެ އެވެ. އެ ބިން ހެލުން އައީ މެގްނެޓިއުޑް 7.3 ގެ ބާރުމިނުގަ އެވެ.

އެ ބިންހެލުންތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ކާނާ އާއި ޓެންޓް ފަދަ އަސާސީ ތަކެއްޗާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކަނި ވެސް 432 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް އދ. އިން ވަނީ ކުރިން ބުނެފަ އެވެ. އެހެން ނަމަވެސް، މިހާތަނަށް ކުރި މަސައްކަތުން އެއްކުރެވިފައި ވަނީ އެއިގެ އެންމެ 22 ޕަސެންޓް (92.4 މިލިއަން ޑޮލަރު) ކަމަށް އދ.ގެ ރަސްމީ ހިސާބުތަކުން ދައްކަ އެވެ.

އެހެންވެ، އދ. އިން ވަނީ ހާލުގައި ޖެހިފައި ތިބި މީހުންނަށް ބޭނުންވާ އިންސާނީ އެހީ އަދިވެސް އިތުރަށް ބޭނުންވާ ކަމަށް މީގެ ހަފުތާއެއްހާ ދުވަސްކުރިން ވެސް ބުނެފަ އެވެ. އެ ޖަމާއަތުން ބުނެފައިވާ ގޮތުގައި ގެއްލުން ލިބުނު ސަރަހައްދުތައް އަލުން އާރާސްތުކުރުމަށް އެހީވުމުގެ ބަދަލުގައި، އަދިވެސް ބޮޑަށް ފޯކަސް ކުރަންޖެހިފައި ވަނީ ހާލުގައި ޖެހިފައި ތިބި މީހުންނަށް ބޯހިޔާވަހިކަމާއި ކާނާ އާއި ބޭސް ފަދަ އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަަށެވެ.

އެހެން ނަމަވެސް، ނޭޕާލް ސަރުކާރުން ބޭރުގެ ފަރާތްތަކަށް މިދިޔަ ހަފުތާގައި ވެސް ގޮވާލާފައި ވަނީ ސީދާ ސަރުކާރަށް ދޭ ފައިސާގެ އެހީގެ މިންވަރު އިތުރުކުރުމަށެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ބޭރުގެ ފަރާތްތަކުން މިހާތަނަށް ދީފައިވާ އެހީގެ މިންވަރު އުޅެނީ ބިންހެލުމުގެ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ ޖުމްލަ ހޭދައިގެ އެންމެ 10 ޕަސެންޓުގަ އެވެ.

ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީ ފޯރުކޮށް ދިނުން ލަސްވާ މައްސަލައިގައި ނޭޕާލް ސަރުކާރަށް ވަނީ ފާޑުކިއުންތައް ވެސް އަމާޒުވެފަ އެވެ. އެ ގޮތުން، ކާނާ އާއި ބޯފެނުގެ އިތުރަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި ސަރުކާރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް ބޭރުގެ ބައެއް ފަރާތްތަކުން ވެސް ވަނީ ބުނެފަ އެވެ.

ފުރަތަމަ ބިންހެލުން އައިތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ނޭޕާލުގައި ވަނީ އާއްމުވެފަ އެވެ. އެހެންވެ، ވެރިރަށް ކަތަމަންޑޫގެ ހުރިހާ ސްކޫލްތަކެއް ވެސް އިއްޔެއާ ޖެހެންދެން ހުރީ ބަންދުކޮށްފަ އެވެ.