ކުޅިވަރު

މާޒިޔާ ކޮޅަށް ޓީސީން ތިން ލަނޑު ޖަހައިލައިފި

ދިވެހި ޕްރިމިއާ ލީގްގައި، މިއަދު ހަވީރު ކުޅުނު މެޗުގައި، މާޒިޔާގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ޓީސީން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރޭހަށް ބޮޅެއް އިތުރު ކޮށްފި އެވެ.

މޮޅާ އެކު ޓީސީ އޮތީ ތާވަލުގެ އެއް ވަނައިގަ އެވެ. ލީގްގައި ކޮންމެ ޓީމެއްވެސް ހަތަރު ވަނަ މެޗާ ހަމަޔަށް ދާއިރު، މޮޅުވުމުގެ ރޭސް ދަމަހައްޓަމުން އަންނަ ހަމައެކަނި ކުލަބަކީ ޓީސީ އެވެ.

އެންމެ ފަހުން، ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން، އުނދަގޫ މޮޅެއް ލިބުމުން ގިނަ ބަޔަކު ހީކުރީ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުވެސް ޓީސީއަށް އުނދަގޫ ވާނެ ކަމަށެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ހާފު، ޓީސީން ނިންމާލީ ދެ ލަނޑު ޖަހައިގެންނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ކާމިޔާބު ކުރީ މެޗުގެ 29 ވަނަ މިނެޓްގަ އެވެ.

އެ ލަނޑަކީ، މާޒިޔާގެ ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓޭ) އަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައިގެން ހަބޭސް އިއްބެ ކާމިޔާބު ކުރި ލަނޑކެވެ. މާޒިޔާގެ ފަހަތުން ކުޅުނު ބޯޅަ ސަމްހޫއަށް އަށް ރަނގަޅަށް ކޮންޓްރޯލް ނުކުރެވި އުޅެނިކޮށް އިއްބެ ވަނީ އެ ބޯޅަ ހޯދައިގެން އޭރިއާ ތެރެއަށް ވަދެ މާޒިޔާގެ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.

ޓީސީގެ ދެ ވަނަ ލަނޑުވެސް ކާމިޔާބު ކުރީ އިއްބެ އެވެ. މެޗުގެ 38 ވަނަ މިނެޓްގައި، އިއްބެ މި ލަނޑު ކާމިޔާބު ކުރީ، ޓީސީން ނެގި ކޯނަރު، އެ ޓީމުގެ އައްޒާމް ނެގުމުން، ޓީސީގެ މިސްރުގެ ޑިފެންޑަރު އަލާއެލްދީން ނަސްރު އީސަ އަލް މަގްރަބީ ބޮލުން ޖެހުމުން، އެ ބޯޅަ ލިބުނީ ގޯލް ދަނޑި ކައިރީގައި ހުރި އިއްބެ އަށެވެ. ގޯލަށް ފުރަގަސް ދީގެން ހުރެ އިއްބެ ވަނީ އޭނާގެ ވަނީ ބޫޓުގެ އަރިމަތިން ޖަހައި ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ.

ޓީސީގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. މެޗުގެ 67 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ، ހަބޭސް އިއްބެ ދިން ހިތްގައިމު ޕާހަކުންނެވެ. މާޒިޔާގެ ކުޅުންތެރިން ހަމަލާ އުފެއްދުމަށް ކުރިއަށް އަރާ ތިބި ވަގުތު، ޓީސީގެ ޑިފެންސުން ދިފާއު ކުރި ބޯޅަ ލިބުނީ އަލީ އަޝްފާގް (ދަގަނޑޭ) އަށެވެ. އޭނާ އެ ބޯޅަ ދިނީ އަރިމަތިން އެރި ހަބޭސް އިއްބެ އަށެވެ.

އޭރު މާޒިޔާގެ ގިނަ ކުޅުންތެރިން ތިބީ ކުރިއަށް އަރައެވެ. އިއްބެ އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، އޭނާ ބޯޅަ ދިނީ ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުސްކޮށް ހުރި އިއްބެ އަށެވެ. އިއްބެއަށް ހުރަސް އަޅަން ހުރީ މާޒިޔާގެ ޒުވާން ކީޕަރު ހުސައިން ޝަރީފް އެކަންޏެވެ. އިއްބެ ވަނީ ފަސޭހަ ކަމާއެކު އެ ބޯޅަ ގޯލްތެރެއަށް ފޮނުވާލާފަ އެވެ.

ޓީސީގެ ތިން ލަނޑު ޖެހުމުގައިވެސް، މާޒިޔާގެ ޑިފެންސަށް ހެދުނު ގޯސްތައް ފާހަގަ ކޮށްލެވެ އެވެ. މެޗުގައި މާޒިޔާއަށް ދިމާވި އަނެއް މައްސަލައަކީ، މެޗުގެ 77 ވަނަ މިނެޓްގައި އެޓީމުގެ ޔަޝްފާދު ހަބީބު (މުލަކޭ) އަށް ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުވެ. އޭނާ އަށް ދެ ވަނަ ރީނދޫ ކާޑު ޓީސީގެ އަހްމަދު ރިލްވާން ބެން އަށް ފައުލު ކުރުމުންނެވެ.