ދުނިޔެ

އެމެރިކާގެ ޖާސޫސީ ބާރުތައް ގެއްލިއްޖެ

Jun 1, 2015

ފޯން ކޯލްތަކާ ގުޅޭ މައުލޫމާތު އެއްކުރުމަށް އެމެރިކާގެ ސަލާމަތާބެހޭ އިދާރާތަކަށް ލިބިދީފައި އޮތް ބާރު ގެއްލިއްޖެ އެވެ.

އެ ބާރު ގެއްލުނީ، ސެޕްޓެމްބަރު 11ގެ ހަމަލާ އަށް ފަހު ތަންފީޒުކުރި ޕެޓްރިއޮޓިކް އެކްޓުގެ މުއްދަތު މި އަދުގެ ނިޔަލަށް ހަމަވާތީ އެކުލަވާލި އާ ގާނޫނު ފާސްކުރަން ސެނެޓުން ތަކުރާރުކޮށް ދެކޮޅު ހެދުމުންނެވެ. އެހެންވެ، ޕެޓްރިއޮޓިކް އެކްޓުގެ މުހިއްމު ބައިތަކުގެ ބާރު އެމެރިކާ ގަޑިން ދަންވަރު 12 ޖަހާއިރު ކެނޑޭނެ އެވެ.  

ޕެޓްރިއޮޓިކް އެކްޓަށް އަމަލުކުރުން ނިމުމަކަށް އަންނާތީ އެމެރިކާ ސަރުކާރުން ވަނީ ފްރީޑަމް އެކްޓްގެ ނަމުގައި މުޅިން އާ ބިލެއް ކޮންގްރެސް އަށް ހުށަހަޅާފަ އެވެ. ރައީސް ބަރަކް އޮބާމާ އާއި އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީ އާއި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ގިނަ މެމްބަރުންތަކެއްގެ އިތުރުން ޒާތީ ކަންކަން ހިމާޔަތްކުރުމަށް މަސައްކަތްކުރާ އެކްޓިވިސްޓުން ވެސް އެ ބިލަށް ވަނީ ތާއީދުކޮށްފަ އެވެ.

އެއާ އެކު، ފޯން ކޯލްތައް ފަދަ ޒާތީ ކަންކަމަށް ޖާސޫސްކުރުމުގެ ބާރު ވަރަށް ބޮޑަށް ހަނިކޮށްފައިވާ އެ ބިލް ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން މިދިޔަ މަހުގެ މެދު ތެރޭގައި ފާސްކުރި އެވެ. އެކަމަކު، ސެނެޓުގައި ތިއްބަވާ ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން އެ ބިލަށް ތަކުރާރުކޮށް ދެކޮޅު ހެއްދެވުމުން ފާސްވާ ގޮތެއް ނުވި އެވެ.

އާ ބިލް ފާސްނުވެ އުޅެނިކޮށް ޕެޓްރިއޮޓިކް އެކްޓުގެ ބާރު ކެނޑުމުގެ ސަބަބުން އެމެރިކާގެ ސަލާމަތަށް ނުރައްކާ ވެދާނެތީ، ފްރީޑަމް އެކްޓް ފާސްކުރުމަށް ސެނެޓުން ވަނީ މިއަދު ހާއްސަ ޖަލްސާއެއް ވެސް ބާއްވާފަ އެވެ. އެކަމަކު، އެ ޖަލްސާގައި ވެސް އެ ބިލް ފާހެއް ނުވި އެވެ.

"ގައުމީ ސަލާމަތާއި ރައްކާތެރިކަން ފަދަ ހައްސާސީ މައްސަލަތަކުގައި ވަކިވަކި މެމްބަރުންގެ ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އަޅަންޖެހޭނެ. އެއީ އެމެރިކާގެ ރައްޔިތުންނަށް ހައްގު މިންވަރު،" ޗުއްޓީ ދުވަހެއްގައިި ބޭއްވި ހާއްސަ ޖަލްސާގައި ވެސް ފްރީޑަމް އެކްޓް ފާސްނުވުމުން ނެރުނު ބަޔާނެއްގައި، ވައިޓް ހައުސް އިން ބުންޏެވެ.

ފްރީޑަމް އެކްޓަަށް ދެން ވޯޓަށް އެހޭނީ މި ހަފުތާގެ މެދުތެރޭގަ އެވެ. އެހެންވެ، ޕެޓްރިއޮޓިކް އެކްޓުގެ ބާރު ދަންވަރު ކެނޑޭނެ އެވެ. އެއާ އެކު، ޓެރަރިޒަމްގެ ތުހުމަތުކުރެވޭ ވަކިވަކި މީހުންނަށް ފާރަލުމާއި އެ މީހުންގެ ފޯން ކޯލްތައް އަޑުއެހުން ފަދަ ކަންކަމެއް ދެން ނުކުރެވޭނެ އެވެ.

ޕެޓްރިއޮޓިކް އެކްޓްގެ ބާރު ކެނޑޭތީ، ނެޝެނަލް ސެކިއުރިޓީ އެޖެންސީ (އެންއެސްއޭ) އިން މިހާރު ވަނީ ފޯން ކޯލްތަކާ ބެހޭ މައުލޫމާތު އެއްކޮށް، ޖާސޫސްކުރުމަށް ބޭނުންކުރާ ސިސްޓަމްތަައް ނިއްވާލަން ފަށާފަ އެވެ.

ފޯން ކޯލްތަކާ ބެހޭ މައުލޫމާތު އެއްކުރުން ފަދަ ޖާސޫސީ ހަރަކާތްތައް ހިންގުމަށް ލިބިދީފައިވާ ގާނޫނީ ބާރު ކެނޑޭއިރު، އެމެރިކާ އިން އެ ބާރުތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި، އާއްމުންގެ ފޯން ކޯލްތަކާާއި އީމެއިލް ފަދަ ތަކެއްޗާ ބެހޭ މައުލޫމާތު އެއްކުރާކަން ވަނީ ފަޅާއަރާފަ އެވެ. އެކަން ފަޅާއަރުވާލާފައި ވަނީ އެންއެސްއޭގައި ކުރިން މަސައްކަތްކުރި އެޑްވަޑް ސްނޯޑެން އެވެ.

އެމެރިކާ އިން އެ ގައުމާއި އެހެން ގައުމުތަކުގެ ވެރިންނާއި ރައްޔިތުންގެ ފޯން ކޯލްތަކާއި އިންޓަނެޓްގެ ހަރަކާތްތަކަށް ޖާސޫސްކުރާ ކަމަށް ސްނޯޑެން ހާމަކުރުމާ އެކު މައްސަލަ ވަރަށް ބޮޑަށް ހޫނުވެ އެމެރިކާއާ ދެކޮޅަށް ގައުމުތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. ސްނޯޑެން ބުނެފައި ވަނީ ޖާސޫސީ ކަންކަން ފުޅާކޮށްފައި ވަނީ ވަރަށް ބޮޑަށް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މައުލޫމާތުތައް ހާމަކުރާނެ ކަމަށެވެ