ވިޔަފާރި

އުރީދޫ އިން ސީއެމްބިއުލާންސްތަކެއް ހަދިޔާކޮށްފި

ގަތަރުގެ އުރީދޫ ގްރޫޕުގެ، އުރީދޫ މޯލްޑިވްސްއިން ތިން ސީއެބިއުލާންސް ރާއްޖެއަށް މިއަދު ހަދިޔާކޮށްފި އެވެ.

ގަތަރުގެ ހަލޫލް ކުންފުނިން ބަނދެގެން ގެނެސްފައިވާ މި ސީއެމްބިއުލާންސްތައް ދިވެހި ސަރުކާރާ ހަވާލު ކޮށްދެއްވީ އެއް ނަންބަރު ފާލަން ކައިރީގައި ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިހު އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލްސާނީ އެވެ.

މި ރަސްމިއްޔާތުގައި ޗެއާމަން ވިދާޅުވީ އުރީދޫ ގްރޫޕުގެ މަގުސަދަކީ ރާއްޖޭގެ ހުރިހާ ދާއިރާ އަކަށް އެހީތެރިކަން ދިނުން ކަމަށެވެ. މިއަދު ތައާރަފުކުރި ސީއެމްބިއުލާންސްތަކަކީ ފެންވަރު ރަނގަޅު، ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްފައިވާ އުޅަނދުތަކެއް ކަމަށް އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލްސާނީ ވިދާޅުވި އެވެ.

"ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް އަޅުގަނޑުމެން އެހީތެރިވެދޭނަން. މިއަދު ހަދިޔާކުރި ސީއެމްބިއުލާންސް ތަކުގެ އިތުރުން ހަތަރު ވަނަ ސީއެމްބިއުލާންސްއެއް ވެސް ހަދިޔާކުރާނެ. މި ސީއެމްބިއުލާންސްއަކީ ވީއައިޕީ ފަހުގެ ޓެކްނޮލޮޖީތަކާއެކު ގެނެސްދޭ އެއްޗެއް،" އޭނާ ވިދާޅުވި އެވެ.

އުރީދޫން ރާއްޖޭގެ ސީއެމްބިއުލާންސް ފްލީޓަށް ހަދިޔާކުރި އެމްބިއުލާންސްތަކާއެކު އެމްބިއުލާންސުގެ އަދަދު ވަނީ 29 އަށް އިތުރުވެފަ އެވެ. އުރީދޫން މިފަހަރު ހަދިޔާކުރި ސީއެމްބިއުލާންސްތަކުގައި ބަލި މީހުން އުފުލޭނެ އެންމެ ޒަމާނީ ވަސީލަތްތަކާއި ބަލި މީހާއަށް ކުއްލި ހާލަތުގައި ފަރުވާ ދޭން ބޭނުންވާ ވަސީލަތްތައް ހަރުކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވެ އެވެ.

މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވި އުރީދޫންއިން ހަދިޔާކުރި ސީއެމްބިއުލާންސްތަކަކީ ރާއްޖޭގެ ސީއެމްބިއުލާންސް ފްލީޓު ވަރުގަދަ ކުރަން ލިބިގެން ދިޔަ އިތުރު އެހީއެއް ކަމަށެވެ.

"ރާއްޖޭގައި ސީއެމްބިއުލާންސުގެ ހިދުމަތް ފައްޓަވައި ދެއްވީ 2015 ވަނަ އަހަރު ރައީސް ޔާމީން. މި ސީއެމްބިއުލާންސްތައް ވެގެން މިހާރު ގޮސްފައި މިވަނީ ރާއްޖޭގެ ސިއްހީ ދާއިރާގެ މުހިންމު ބަހާއަކަށް. ރާއްޖެ އުފެދިފައިވާ ގޮތުން ބަލި މީހުން އެއްތަނުން އަނެއް ތަނަށް ގެންގޮސްދޭން މި ސީއެމްބިއުލާންސްތަކުގެ އެހީތެރިކަން ބޮޑު،" ނާޒިމް ވިދާޅުވި އެވެ.

މޮބައިލް ހެލްތް ކްލިނިކް ތަކެއް ފަށަނީ

ސީއެމްބިއުލާންސްތައް ހަދިޔާ ކުރަން ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ 2016 ވަނަ އަހަރު އެ ކުންފުނިން ސީއެމްބިއުލާންސްތައް ހަދިޔާ ކުރާނެކަން އިއުލާނު ކުރުމާއެކު އެ މަސައްކަތް ފެށިގެން ދިޔަ ކަމަށެވެ. އަދި ފުރަތަމަ ހަދިޔާކުރާ ތިން ސީއެމްބިއުލާންސުގެ ތެރެއިން ފުރަތަމަ މިއަދު ގެނައީ ދެ ސީއެމްބިއުލާންސް ކަމަށާ، ބާކީ ސީއެމްބިއުލާންސްވެސް ވަރަށް އަވަހަށް ރާއްޖެ ގެންނާނެ ކަމަށް ނަޖީބު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ސީއެމްބިއުލާންސް ހަދިޔާ ކުރުމުގެ އިތުރުން އިތުރު މަސައްކަތްތަކެއްވެސް ކުރާނެ ކަމަށެވެ.

"އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ މުހިންމު ބައެއް ރަނގަޅު ސިއްހީ ހިދުމަތަކީ. އެ ލަނޑުދަނޑިތައް ރާއްޖޭން ހާސިލް ކުރަން، ކުރަމުން ގެންދާ މަސައްކަތުގައި އުރީދޫންއިން ބައިވެރިވަނީ. އެގޮތުން މިހާރު ރާވާފައިވަނީ އުރީދޫ އިން މޮބައިލް ހެލްތް ކްލިނިކް ތަކެއް ފަށަން. މި މަސައްކަތް ކުރާނީ އެމްއެންޑީއެފް އާއި ހެލްތް މިނިސްޓްރީ އަދި ދިވެހި ރެޑްކެރެސެންޓްއާ ގުޅިގެން،" ނަޖީބު ވިދާޅުވި އެވެ.

ކުރީގެ ވަތަނިއްޔާ އަދި މިހާރުގެ އުރީދޫއިން ރާއްޖޭގައި މޮބައިލް ހިދުމަތް ފަށާފައިވަނީ 2005 ވަނަ އަހަރު އެވެ. އެ ކުންފުނިން ރާއްޖޭގެ ޓެލެމޮކް ސިނާއަތުގައި އިންވެސްޓް ކުރުމަށްފަހު، ގިނަ ދާއިރާތަކަކުން ދަނީ އެހީތެރިވެދެމުންނެވެ.