ދިވެހި ސިނަމާ

"އިނގިލި" އާއި "އިންސާނާ" ގެ ކާމިޔާބީ: ރަވީ އާއި ސީޒަންއަށް ތައުރީފު ހައްގުތަ؟

ފާއިތުވި ދެ ތިން އަހަރު ދިވެހި ފިލްމީ ދާއިރާ ހިސޯރުކޮށްގެން އޮތް ފިލްމަކީ ރަވީ ފާރޫގް ޑައިރެކްޓްކޮށް ރާއްޖެ އާއި މި ސަރަހައްދުގެ ފިލްމު ފެސްޓިވަލްތަކުގައި ވެސް ތައުރީފާއި ކާމިޔާބު ހޯދި ފިލްމު "އިނގިލި" އެވެ. މި "އިނގިލި" އެއްގެ ވާހަކަ ނުދެކެވޭ ކޮފީއެއް ނުވަތަ އެހެން ހަފުލާއެއް ފިލްމީ ދާއިރާގެ މީހުންގެ މެދުގައި މި ދެންނެވި ދުވަސްތަކުގައި ނުދާ ކަމީ ހަގީގަތެކެވެ.

ވަކިން ބޮޑަށް އެ ފިލްމުގެ މަޝްހޫރުކަން ބޮޑުވެގެން ދިޔައީ މިދިޔަ އަހަރު ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ބޭއްވި ސާކް ފިލްމު ފެސްޓިވަލްގައި އެ ފިލްމުން ލޯ މެޑަލް ހާސިލުކުރުމުންނެވެ. އެއީ ދިވެހިންގެ އެފަދަ މަސައްކަތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ލިބިގެން ދިޔަ ފުރަތަމަ އެވޯޑެވެ.

އެހެންވީމަ "އިނގިލި" އަށް ލިބުނީ ވަރަށް ވެސް ތާރީޚީ ޝަރަފެކެވެ.

ކޮންމެއަކަސް މި ފިލްމެއްގެ ވާހަކަ ނިމި ދިވެހި ފިލްމީ ދާއިރާ ހަމައަކަށް އެޅެން އުޅޭ ވާހަކަތަކެއް ދެކެވެމުން ދަނިކޮށް "އިނގިލި" ކަހަލަ އެހެން ފިލްމަކުން މި ވަނީ ސާކް ފިލްމު ފެސްޓިވަލްގައި ހަމަ އެ ކާމިޔާބީ ތަކުރާރުކޮށް، "އިނގިލި" ފަދައިން މުޅި ފިލްމީ ދާއިރާގެ "އާ ޑާލިން" ނުވަތަ "ބޭބީ" ގެ މަގާމު ހޯދައިފަ އެވެ.

ދެން އެންމެ އަވަހަށް ބާއްވާ މޯލްޑިވްސް ފިލްމު އެވޯޑެއްގައި ލިބޭ ރަން ވަނަތަކާ އެކު "އިންސާނާ" ގެ ފޯރި އަދި މިއަށް ވުރެން ގަދަވެގެންދާނެކަން ޔަގީނެވެ.

ދިވެހިންނަށް ވެސް "މޮޅު ފިލްމު" ހަދަން އެނގޭ ވާހަކަ އާއި ފިލްމީ ދާއިރާގައި ވެސް ދުނިޔޭގެ ފެންވަރުގެ ހުނަރުވެރިން ތިބި ވާހަކައިގެ އާ ސިލްސިލާއެއް ފެށުމަށް "އިންސާނާ" އިން މި އޮތީ ދޮރު ހުޅުވާލައިފަ އެވެ. "އިނގިލި" އަށް ލިބުނު ކާމިޔާބީއާ އެކު ވެސް ވީގޮތަކީ އެއީ އެވެ.

ރަވީ ފާރޫގްގެ ފިލްމަށް ސާކް ފިލްމު ފެސްޓިވަލްގައި ތިން ވަނަ ލިބުމުން ވެސް ވަރަށް ގިނަ މީހުން ބުނީ "މޮޅު ފިލްމު ހަދަން އެނގޭ މީހުން" ވެސް ފިލްމީ ދާއިރާގައި އެބަތިބި ކަމަށެވެ. އަދި "އިންސާނާ" އިން ސީޒަން ހޯދި ކާމިޔާބީއާ އެކު އޭނާ ސާބިތުކޮށްދީފައި އެ އޮތީ މިއޮތްހާ ދުވަހު އޭނާ މެލޮޑްރާމާ ފިލްމު ކުޅެ އެ ވައްތަރުގެ ފިލްމު އުފެއްދީ ބޭރު ދުނިޔޭގެ ސަމާލުކަން ލިބޭ ފެންވަރުގެ ފިލްމެއް ހަދަން ނޭނގޭތީކީއެއް ވެސް ނޫން ކަމެވެ.

އެހެންވީމަ "އިނގިލި" އާއި "އިންސާނާ" ގެ ކާމިޔާބީ އަށް ފަހުރުވެރިވާނެ ސަބަބުތަކެއް މި އޮތީ އެވެ. އެކަމަކު މި ފަހުރުވެރިކަމުގައި ނުވަތަ މި ދެ ފިލްމު ހޯދި ކާމިޔާބީގައި އޮތީ ދިވެހިންގެ ކިހާ ވަރެއްގެ ހިއްސާއެއް ހެއްޔެވެ؟

ފިލްމީ ދާއިރާ އިން ސަރަހައްދަށް ނުކުމެ ހޯދައިގެން ގެނައި މި ކާމިޔާބީ އަށް އަހަރެމެން ހަމަ އަސްލަށް ވެސް މިވަރަށް ފަހުރުވެރިވާން ޖެހޭ ހެއްޔެވެ؟

އާންމުކޮށް ދިވެހިން ނުއުފައްދާ ވައްތަރުގެ ދެ ފިލްމަކަށް "އިނގިލި" އާއި "އިންސާނާ" ވެފައި މި ދެ ފިލްމަށް ސާކް ފިލްމު ފެސްޓިވަލްގައި ވަނައެއް ލިބުމުން މި ދެ ފިލްމާ ގުޅުން ހުރި އެންމެ މުހިންމު ވާހަކަ މަތިން ވަރަށް ގިނަ ދިވެހިން މި ވަނީ ހަނދާން ނެތިފަ އެވެ.

"އިނގިލި" އާއި "އިންސާނާ" އަކީ އޮރިޖިނަލް މަސައްކަތްތަކެއް ނޫނެވެ. ނަމަވެސް ދިވެހި ސިނަމާގެ ފެންވަރުން މި ދެ ފިލްމަކީ އެހެން ހުރިހައި ދިވެހި ފިލްމުތަކަށް ވުރެ މައްޗަށް އަރައިގެންގޮސްފައިވާ ދެ މަސައްކަތެވެ.

މި ދެ ފިލްމުގެ ކާމިޔާބީގެ ސިއްރަކީ އޭގެ ކޮލިޓީ އިންގްރެޑިއެންޓެވެ.

ރަވީގެ "އިނގިލި" ގެ އަސްލު ގުޅިފައި އޮތީ ހޮލީވުޑްގެ އެންމެ ކްރިއޭޓިވް އެއް ޑައިރެކްޓަރު ކަމުގައިވާ ކުއެންޓިން ޓެރެންޓީނޯގެ މަސައްކަތަކާ އެވެ. އެއީ "ފޯރޫމްސް" ނަމަކަށް ކިޔާ ފިލްމެއްގައި ހިމެނޭ ސެގްމެންޓެއް ކަމުގައިވާ "ދަ މޭން ފްރޮމް ހޮލީވުޑް" އެވެ.

އަނެއްކޮޅުން "ދަ މޭން ފްރޮމް ހޮލީވުޑް" ގެ އޮރިޖިނަލް ހިޔާލަކީ، ކުރީގެ އިނގިރޭސި ލިޔުންތެރިއެއް ކަމުގައިވާ ރޯލްޑް ޑާހްގެ މަޝްހޫރު ކުރު ވާހަކައެއް ކަމުގައިވާ "މޭން ފްރޮމް ދަ ސައުތު" ގެ އަސްލެކެވެ.

މި ކުރު ވާހަކަ އެމެރިކާގެ މަޝްހޫރު ޑައިރެކްޓަރު އަލްފްރެޑް ހިޗްކޮކްގެ ބެލުމުގެ ދަށުން ވެސް ޓީވީ އަށް އުފައްދާފައިވެ އެވެ.

އެހެންވީމަ މިފަދަ ހުނަރުވެރިންތަކެއްގެ އަތްލެވިފައި އޮތް މަޝްހޫރު މަސައްކަތަކަށް "އިނގިލި" ފިލްމުގެ ޕްލޮޓް ބިނާވެފައި އޮތުމަކީ އޭގެ ހަގީގީ ކާމިޔާބީގެ ވަރަށް ބޮޑު ސިއްރެއް ކަމަށް ގަބޫލުކުރަން ޖެހެ އެވެ.

އަލީ ސީޒަންގެ "އިންސާނާ" ގެ ވާހަކަ ވެސް އޮތީ ހަމަ މިހެންނެވެ. އޭނާގެ މި ފިލްމަކީ ގޮތިކް ފިކްޝަން އަށް ލޯބިކުރާ މީހުންގެ މެދުގައި ކްލެސިކެއްގެ ދަރަޖަ ދީފައިވާ ކުރު ވާހަކައެއް ކަމުގައިވާ "ދަ ޓެލް ޓޭލް ހާޓް" ގެ އަސްލެކެވެ. އަދި ފާހަގަކޮށްލަން ޖެހެނީ މި އޮރިޖިނަލް ވާހަކަ އަށް ވުރެ ސީޒަންގެ ފިލްމު ބޮޑަށް ވައްތަރީ ޔޫޓިއުބްގައި "ފިލްމު ރަޔަޓް" ގެ ނަމުގައި ޝޯތަކެއް ކުރިއަށް ގެންދާ ރަޔަން ކޯނެލީގެ "ޓެލް" އާ އެވެ.

ކޯނެލީގެ "ޓެލް" އަކީ އޮރިޖިނަލް ކުރު ވާހަކައިގެ އަސްލަށް އުފައްދާފައިވާ ފިލްމެކެވެ.

އެހެންވީމަ "އިނގިލި" އާއި "އިންސާނާ" ހޯދި ކާމިޔާބީގެ ވާހަކަ ފަށަންވީ ދެން ކޮން ދިމާލަކުން ހެއްޔެވެ؟

ހަގީގަތަކީ މިއީ އެވެ. އަޅުގަނޑުމެން ނުވަތަ ފިލްމީ ދާއިރާގެ މީހުން އުފާ ފާޅުކުރަމުން މި ގެންދަނީ ދިވެހި ފަންނާނުންތަކެއްގެ އާދަޔާހިލާފު ނުވަތަ އަމިއްލަ މަސައްކަތަކަށް ބޭރުގެ ފިލްމު ފެސްޓިވަލެއްގައި ވަނަ ލިބިގެންނެއް ނޫން ކަމެވެ.

"އިނގިލި" އާއި "އިންސާނާ" ދިވެހި ސިނަމާގެ ސްޓެންޑަޑުގައި ކިތަންމެހާ ވެސް މޮޅު ވެދާނެ އެވެ. ނަމަވެސް މި ދެ ފިލްމު ހޯދި ކާމިޔާބީގެ އަސްލާ ގުޅިފައި ވަނީ ދެ ފިލްމުގެ މައިބަދަ ތައްޔާރުކުރަން ބޭނުންކޮށްފައިވާ އެހެން މީހުންގެ މަސައްކަތްތައްކަން، މިއީ ވެސް ދެކޮޅު ހެދެން ނެތް ހަގީގަތެކެވެ.

އެހެންވީމަ ރަވީ އާއި ސީޒަންގެ ޓީމުން އެމީހުންގެ މި މަސައްކަތާ މެދު ހިތުގެ އެންމެ އަޑިން ފަހުރުވެރިވާނެ ހެއްޔެވެ؟ އެމީހުންނަކީ އާޓިސްޓުންނެވެ.

ކޮންމެއަކަސް "އިނގިލި" އާއި "އިންސާނާ" ގެ ވާހަކައިގެ ތެރެއިން ކުރި ފަޅައިގެން ނުކުންނަ އެހެން ވާހަކައެއް ވެސް އަދި އެބައޮތެވެ.

މި ދެ ފިލްމަށް ސާކް ފިލްމު ފެސްޓިވަލްގައި ތިން ވަނަ ލިބުނުއިރު މިއޮތްހާ ދުވަހު މި ފެސްޓިވަލަކާއި ސަރަހައްދުގެ އެހެން ފެސްޓިވަލްތަކަށް ގެންދިޔަ ދިވެހި ފިލްމުތަކަށް އެކަށީގެންވާ ތަރުހީބެއް ނުވަތަ ވަނައެއް ނުލިބުނީ ކީއްވެގެންތޯ އެވެ؟

ރާއްޖޭގެ އެންމެ މޮޅު ކަމަށް މަޝްހޫރު ވާހަކަ ލިޔުންތެރިންނާއި ސްކްރީންޕްލޭ ލިޔާ މީހުން އަދި ޑައިރެކްޓަރުންގެ ފިލްމުތަކަށް މިފަދަ ކާމިޔާބީއެއް ލިބިފައި ނެތީ ކީއްވެގެންތޯ އެވެ؟ ފެންވަރެއް ނެތީ ހެއްޔެވެ؟

ނުވަތަ "އިނގިލި" އާއި "އިންސާނާ" ގެ އޮރިޖިނަލް ވާހަކަ ފަދަ ދުނިޔެ އަށް މަޝްހޫރު ވާހަކައެއްގެ އަސްލަށް އުފައްދާފައިވާ ފިލްމުތަކަކަށް ނުވީމަ ތޯ އެވެ؟

މިހުރީ ހައްތަހާ ވެސް ޖަވާބު ދޭން ނޭނގޭ ސުވާލުތަކެވެ.

އެކަމަކު ޔަގީންކޮށް ބުނަން އެނގޭ ވާހަކައެއް އެބައޮތެވެ. ބޭރުގެ މަޝްހޫރު ވާހަކައެއްގެ އަސްލަށް ދިވެހިން އުފައްދާ ފިލްމަކަށް ދިވެހިންގެ ތެރޭގައި ވެސް ނިކަން ބޮޑު މަގްބޫލުކަމަކާއި މަޝްހޫރުކަމެއް ލިބިގެންދާ ކަމެވެ. މިސާލަކަށް ޓެޑްރީ މުހައްމަދު ނިޔާޒު އާއި މަހުދީ އަހުމަދު މާ ކުރިއަކުން ގެނެސްދިން "އަމާނާތް" އެވެ.

ނުވަތަ އިހަކަށް ދުވަހު ޑާކް ރެއިން އެންޓަޓެއިންމަންޓުން ހައުސް ފުލް ޝޯތަކެއް ދެއްކި "އެންމެ ފަހު ވިންދާ ޖެހެންދެން" އެވެ. މި ދެ ފިލްމަކީ ވެސް މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އެރިކް ސީގަލްގެ ގަލަމުން ލިޔެފައިވާ ދެ ވާހަކައެއްގެ އަސްލެވެ.

އެހެންވީމަ ތައުރީފުކުރަން ޖެހޭ މީހުން ވެސް އޮޅޭ ވަރަށް ދިވެހި ފިލްމީ ދާއިރާ މި އޮތީ ގަޑުބަނޑުވެފަ އެވެ.