ވިކްޓަރީގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގްގައި ކުލަބު އީގަލްސްއިން ފުރަތަމަ މޮޅު ހޯދައިފި އެވެ.
އީގަލްސް ހޯދި މޮލާއެކު އެ ޓީމު ވަނީ ފަސް ޕޮއިންޓާއެކު ހަތަރު ވަނަ އަށް ޖެހިލާފަ އެވެ. ވިކްޓަރީއަށް ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ލިބިފަ އެވެ. އީގަލްސްއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.
އެއް ވަނައިގައި އޮތީ، ކުޅުނު ހުރިހާ މެޗެއްވެސް، ކާމިޔާބު ކުރަމުން އަންނަ ޓީސީ އެވެ. ދެ ވަނައިގައި އޮތީ އެންމެ ފަހު ޗެމްޕިއަން ނިއު ރޭޑިއަންޓެވެ. ތިން ވަނައިގައި ގްރީން ސްޓްރީޓެވެ.
މެޗުގައި، އީގަލްސްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހްމަދު ރިޒްވާން (ރިޒޭ) އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 19 ވަނަ މިނެޓް ގަ އެވެ. ވިކްޓަރީގެ ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) ފޮނުވާލި ބެކް، ވިކްޓަރީގެ ހާފުގެ ތެރެއިން ތެރެއިން ލިބުނީ ރިޒޭ އަށެވެ. ސެންޓަ ސާކާލް ކައިރިން އޭނާ އަށް ލިބުނު ބޯޅަ އޭނާ ދިނީ ހާފުގެ ތެރެއިން ހުސް ވަމުން ދިޔަ ހަސަން ރާއިފް އަހްމަދު (ހަންނަ) އަށެވެ. ހަންނަ އޭރިއާގެ ތެރެއަށް އަރައި އެބޯޅަ ދިނީ މުހައްމަދު ނާއިމް އަށެވެ. ނާއިމް ފޮނުވާލި ބޯޅަ ކީޕަރު ކުޑަ އިންމަ ދިފާއު ކުރުމުން އެ ބޯޅަ ރީބައުންސް ވުމުން ރިޒޭ ފޮނުވާލީ ހުހަށް އޮތް ގޯލްގެ ތެރެއަށެވެ.
އީގަލްސްގެ ދެ ވަނަ ލަނޑު އޮސްޓްރޭލިއާގެ ޑިޒޯން ޑެނިއަލް ކާމިޔާބު ކުރީ މެޗުގެ 25 ވަނަ މިނެޓްގަ އެވެ. ވިކްޓަރީން އުފައްދަން އުޅުނު ހަމަލާއެއް، ދިފާއު ކުރުމަށް ފަހު ޑިޒޯން ބޯޅަ ހޯދީ އީގަލްގެ ޕެނަލްޓީ އޭރިއާ ތެރެއިންނެވެ. އެ ބޯޅަ ހިފައިގެން އަރިމަތިން ދުވެފައި އަރައި، ވިކްޓަރީގެ ޕެނަލްޓީ އޭރިއާގެ އަރިމަތިން އަރައި އޭނާ ބޯޅަ ފޮނުވާލީ ގޯލްގެ ކަނަށެވެ. ޑިޒޯން ޖެހި ލަނޑަކީ މޮޅު ސޯލޯ ގޯލެކެވެ.
ވިކްޓަރީގެ ލަނޑު މެޗުގެ 31 ވަނަ މިނެޓްގައި އަހްމަދު ރަޝީދު (އަންމަޑޭ) ކާމިޔާބު ކުރީ އެ ޓީމުގެ އަހްމަދު ވިޝާމް (ޖަރާޑް) އީގަލްސްގެ ހާފުގެ ތެރެއިން އޭރިއާ ތެރެއަށް އޮއްސާލި ބޯޅަ އިންނެވެ. އަންމަޑޭ ގޯލްތެރެއަށް ފޮނުވާލީ ބޯޅައަށް އެރި އީގަލްސްގެ ކީޕަރު ސޫޖަން ޕެރޭރާ އަށްވެސް ފުރުސަތު ނުދީ އެވެ.
އީގަލްސްގެ ތިން ވަނަ ލަނޑު ރިޒޭ ކާމިޔާބު ކުރީ މެޗުގެ 75 ވަނަ މިނެޓް ގަ އެވެ. ވިކްޓަރީގެ އޭރިއާގެ އަރިމަތިން ހަންނަ ދިން ބޯޅައަށް ނާއިމްވެސް އެރި އެވެ. އޭނާގެ ފައިގެ ދަށުން ގޮސް އެ ބޯޅަ ލިބުނީ ރިޒޭ އަށެވެ. މިފަހަރުވެސް ބޯޅަ ފޮނުވާލަން ރިޒޭ އަށް ލިބުނީ ގާތްގަނޑަކަށް ހުސް ގޯލެވެ.