ދިވެހި ޕްރެމިއާ ލީގް

ޓީމު ހަމަނުވުމުން ވިކްޓަރީން އަނެއްކާވެސް މެޗެއް ދޫކޮށްލައިފި

ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ބުރުގައި، މިއަދު އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް، ޓީމު ހަމަ ނުވާތީ، ވިކްޓަރީ ސުޕޯޓްސް ކުލަބުން އެނެއްކާވެސް މެޗެއް ދޫކޮށްލައިފި އެވެ.

މިއީ ލީގްގައި އެޓީމުން ހާޒިރު ނުވި ދެ ވަނަ މެޗެވެ. ފުރަތަމަ ބުރުގައި، ޓީސީއާ ދެކޮޅަށް ކުޅެން އޮތް މެޗަށްވެސް އެޓީމުން ހާޒިރު ވެފައެއް ނުވެ އެވެ. ވިކްޓަރީގެ ކުޅުންތެރިންނަށް މުސާރަ ނުދޭތާ މިހާރު ވަނީ ފަސް މަސް ފާއިތުވެފަ އެވެ.

ވިކްޓަރީގެ އޮފިޝަލަކު ބުނީ، މެޗު ކުޅުމަށްޓަކައި ބައެއް ކުޅުންތެރިން ދަނޑަށް ހާޒިރުވި ކަމަށެވެ. ނަމަވެސް މެޗު ކުޅެވޭވަރަށް ކުޅުންތެރިން ހަމަ ނުވުމުން މެޗު ކުޅެވޭގޮތް ނުވީ ކަމަށެވެ.

"އަޅުގަނޑުމެންގެ ބައެއް ކުޅުންތެރިން ހާޒިރުވި ދަނޑަށް، ނަމަވެސް ޓީމު ހަމަ ނުވީ،" އޮފިޝަލް ބުންޏެވެ. "ކާޑު ހަމަވުމާއި ބައެއް ކުޅުންތެރިން އިންޖަރީގައި ތިބުންވެސް ޓިމު ހަމަ ނުވުމުގެ ސަބަބުގައި ހިމެނޭ، އަޅުގަނޑުމެންގެ ސުކޮޑްގައި މިތިބީ 14 ކުޅުންތެރިން، 11 ކުޅުންތެރިން ހަމަ ނުވީ މިއަދު،"

ފުރަތަމަ ބުރުގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗަށް އެ ޓީމުން ހާޒިރު ނުވީ އޭރު ކުލަބުގެ ލީޑާޝިޕްގައި ތިއްބެވި ޗެއާމަން މުހައްމަދު އިސްމާއިލާއި ވައިސް ޗެއާމަން އަލީ އާރިފްގެ އެއްބާރުލުން ނުލިބިގެން ކަމަށް ބޯޑު މެންބަރަކު ބުނެފައި ވެއެވެ.

އޭގެ ފަހުން ޗެއާމަން މުހައްމަދު އިސްމާއީލް އާއި ވައިސް ޗެއާމަން އަލީ އާރިފް ވަނީ ކުލަބުގެ މަގާމުތަކުން އިސްތިއުފާ ދީފަ އެވެ.

ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ވިކްޓަރީ ވަނީ، މިދިޔަ ހަތަރު ސީޒަންގައި ބޮޑު އަނދަވަޅަކަށް ވެއްޓިފަ އެވެ. ހާއްސަކޮށް މި އަހަރު އެ ޓީމަށް ކުރިމަތި ވެފައި އޮތީ ރާއްޖޭގެ ފުޓްބޯޅައިގައި ކުލަބެއް ނުވާހާ އުނގޫ ހާލަތެކެވެ.