ހަބަރު

ހަނިމާދޫ އެއާޕޯޓާ ގުޅޭ ރައީސް ޔާމީންގެ ބޮޑު ވައުދެއް

ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް ޒަމާނީ ކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ އެއާޕޯޓަށް ބޮޑު ބަދަލެއް ގެނެސްފައިވަނީ ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގަ އެވެ. އެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދީ ވެސް އެ ވެރިކަމުގަ އެވެ. ހަނިމާދޫ އެއާޕޯޓުން ރާއްޖެއިން ބޭރަށް ދަތުރު ކުރަނީ ޓްރެވިންޑްރަމަށް އެކަންޏެވެ. އިންޓަނޭޝަނަލް އެއާޕޯޓެއް ނަމަވެސް ހަނިމާދޫ އެއާޕޯޓްގެ ފެންވަރާމެދު އާންމުންގެ ކަންބޮޑުވުންތައް އޮވެ އެވެ.

ހަނިމާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ހއ. އަދި ހދ. އަށް 3000 ޓޫރިސްޓު އެނދު ގެނައުން ކަމަށާއި އެކަން ހާސިލް ކުރުމަށް ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުން ވަރަށް މުހިންމު ކަމަށެވެ.

"ހަނިމާދޫ އެއާޕޯޓަކީ މިހާރު ބޮޑެތި މަތިންދާބޯޓް ޖެއްސޭވަރުގެ އެއާޕޯޓެއް ނޫން، އަދި ހާއްސަކޮށް 3000 އެނދު މި ސަރަހައްދުގައި އިތުރުވެގެންދާއިރު މުއައްސަނދިން ޕްރައިވެޓް ޖެޓްގައި އައިސް ދަތުރު ކުރެވޭނެ އެއާޕޯޓެއް ވެސް ނޫން މިއީ، އެހެންވީމަ އަޅުގަނޑުމެންގެ މި އަންނަ ފަސް އަހަރުގެ އެންމެ ކުރީކޮޅުގައި ހަނިމާދޫ އެއާޕޯޓް ބޮޑުވެގެން ދާނެ، އަދި މި ޒަމާނުގެ އެއާޕޯޓަކަށް ހަދަން އެބަ މަޖުބޫރުވޭ، އެކަން ކޮށްދޭނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ހދ. ގެ ވެރިކަން ކުރާ ރަށް، ކުޅުދުއްފުއްޓާއި ހއ. ގައި އެއާޕޯޓެއް އެޅި ނަމަވެސް ސަރަހައްދުގެ މައި އެއާޕޯޓެއްގެ ގޮތުގައި އޮންނާނީ ހަނިމާދޫ އެއާޕޯޓް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ސަރަހައްދުގައި ރިސޯޓްތައް ގިނަވެ، ގެސްޓްހައުސްތައް އިތުރުވުމުން އެންމެ ބޮޑު ފައިދާއެއް ލިބިގެންދާނީ ހަނިމާދޫގެ ރައްޔިތުންނަށް ކަމަށެވެ. ހަނިމާދޫގައި އުއްމީދާއި ކުރިއެރުން އެބަ އޮތް ކަމަށެވެ.

ބޮޑު ތިލަދުންމައްޗަށް ޓޫރިޒަމް ގެންނަވާނެ ކަމަށް މީގެކުރިން ވެސް ރައީސް ޔާމީން ވައުދުވެވަޑައިގެންފައިވެ އެވެ. ނަމަވެސް މިހާތަނަށް ހދ. ގައި ވެސް ހުޅުވާފައިވަނީ އެންމެ ރިސޯޓެކެވެ. އެ ރިސޯޓަކީ ވަރަށް ކުރިން ތަރައްގީކުރަން ދީފައިވާ ރަށެކެވެ.