ހަބަރު

ގާސިމްއާ ގުޅޭ ގޮތުން ރައީސް ދެއްކި ވާހަކަތަކަށް ރައްދު ދީފި

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ހދ. ހަނިމާދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި، ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް ގާސިމްގެ ވަކީލުން ރައްދު ދެއްވައިފި އެވެ.

ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ، ގާސިމަކީ ކޯޓުތަކުގައި ހިންގަވަން ވަރަށް ފަރިތަ ބޭފުޅެކެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ގާސިމަކީ ކޯޓު މަރުހަލާއަށް ފަރިތަ ބޭފުޅެއް ކަމަށާއި ކޯޓުތަކުގައި ހިނގަންވާ އެންމެ ކުރު މަގުން އިންސާފާ ހަމައަށް ދާން ވަރަށް ފަރިތަ ބޭފުޅެއް ކަމަށެވެ. އެހެން ކަމުން ތިން އަހަރުގެ ހުކުމެއް އައުމާ ގުޅިގެން މައުސޫމް ކަމަށް ވާނަމަ، ކުށުން ބަރީއަވެވަޑައިގަތުމަށް އިސްތިއުނާފަށް ވަޑައިގެންނެވުމަށް ރައީސް ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވައި ގާސިމްގެ ވަކީލުންގެ ފަރާތުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، ގާސިމްގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރައްވާފައިވާ ކަމަށާއި ނަމަވެސް އެ މައްސަލައިގެ އަޑުއެހުމެއް މިހާތަކަށް ބާއްވާފައިނުވާ ކަމަށެވެ.

"ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމަކީ އެމަނިކުފާނުގެ ބައިވެރިވުމަކާއިނުލާ ހިންގެވި ޝަރީއަތެއްގައި ކޮށްފައިވާ ހުކުމަކާމެދު މަތީ މަރުހަލާގެ ކޯޓަކުން ގޮތެއް ނިންމުމަށް އޮތް ކުރަހެއް ކަމަށްވަނީ ނަމަ އެކަމުންވެސް ދަލީލުކޮށްދެނީ އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމަކީ އެސަބަބުތަކަށްޓަކައި އެކަނިވެސް ބާތިލް ހުކުމެއްކަން،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، ކޯޓުގެ އެންމެ ކުރު މަގުން އިންސާފު ހޯދަން ގާސިމަކީ ވަރަށް ފަރިތަ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް ގާސިމްގެ މަސްލަހަތާއި ގުޅުންހުރި ގިނަ އަދަދެއްގެ ބޮޑެތި މައްސަލަތަކެއް ޝަރުއީ އެކި މަރުހަލާގައި އެކި ކޯޓުތަކުގައި މިހާރުވެސް ކުރިއަށް ނުގޮސް މަޑުޖެހިފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

"އޭގެ ތެރޭގައި ކޯޓަށް ހުށަހެޅުނު ފަހުން ތިން އަހަރު ނުވަތަ ހަތަރު އަހަރު އަދި ނުވަ އަހަރު ފާއތުވެފައިވާ މައްސަލަތައްވެސް އެބަހުރި،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، އަވަސް ގޮތެއްގައި ކުރު މަގަކުން ނިންމާފައިވާ މައްސަލައަކީ އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ކަމަށާއި ގާނޫނީ އުސޫލުތަކާއި ހިލާފަށް މިފަހުން ކޯޓަކުން ނިންމެވި އިންސާފުވެރި ނޫން މައްސަލަތަކުގެ ތެރެއިން ހިމެނޭ މައްސަލައެއް ކަމަށެވެ. އަދި އެމައްސަލަ ނިންމާފައިވަނީ ގާނޫނީ އުސޫލްތަކާއި ހިލާފަށް ދުސްތޫރީ ހަމަތައް މުގުރިގެންދާ ގޮތަކަށް ކަމަށާއި އެމައްސަލަ ނިމުނުތާ 10 ދުވަހުގެ ތެރޭގައި މައްސަލަ އިސްތިއުނާފް ކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

އެ މައްސަލަ ގާނޫނީ އިޖްރާތްތަކާއި ހިލާފަށް ކުރިއަށް ގެންދަވާތީ އެމައްސަލަ ސުޕްރީމް ކޯޓަށްވެސް ހުށަހެޅި ކަމަށާއި ނަމަވެސް ހުކުމްވެސް ކުރިތާ އެތަކެއް ދުވަސްވީ ފަހުން، އެމައްސަލަ ސުޕްރީމް ކޯޓުން ބަލައި ނުގަތުމަށް ވަރަށް ފަހުން ނިންމާފައި ކަމަށް ބަޔާނުގައި ބުންޏެވެ. އަދި އެކަންކަން ރައީސްއަށް އޮޅުން ފިލާފައި ނެތުމަކީ ހިތާމަކުރާ ކަމެއް ކަމަށްވެސް ބަޔާނުގައި ވެއެވެ.