ހަބަރު

ދުނިޔޭގެ ބޮޑު އެއް ހެކަތޯން ދިރާގާއި ސްޕާކްހަބް ގުޅިގެން ފަށައިފި

Jul 21, 2018
1

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ހެކަތޯން "އެންޖަލްހެކް" 50 އަށްވުރެ ގިނަ ބައިވެރިންނާއެކު، ރާއްޖޭގައި މިއަދު ފަށައިފި އެވެ.

"އެންޖަލްހެކް މޯލްޑިވްސް" ގެ ނަމުގައި ހޮޓެލް ޖެންގައި ކުރިއަށްދާ މި ހެކަތޯންއަކީ ދުނިޔޭގެ 150 އަށްވުރެ ގިނަ ގައުމުގެ 60 ސިޓީގައި ސިލްސިލާ ގޮތުގައި ކުރިއަށް ގެންދާ ހެކަތޯން އެވެ. މި ހެކަތޯން ރާއްޖޭގައި ފެށިއިރު ރާއްޖެއެކޭ އެއް ވަގުތެއްގައި އެހެން ހަތަރު ގައުމެއްގައި މިހާރުވެސް ކުރިއަށް އެބަ ގެންދެ އެވެ.

ގިނަ އަދަދެއްގެ ޑިވްލޮޕަރުންނާއި އައިޓީ ދާއިދާގެ ފަރާތްތައް ބައިވެރިވާ، އެންޖަލްހެކް މޯލްޑިވްސް ފައްޓަވައި ދެއްވަމުން ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިސްމާއިލް ރަޝީދު މިއަދު ވިދާޅުވީ މި ހެކަތޯންގައި ދިރާގުން ބައިވެރިވުމުގެ މަގުސަދަކީ ދިވެހި ޒުވާނުންނަށް އެހީތެރިވެ ދިނުން ކަމަށެވެ.

"ޒުވާނުންގެ ކަމެއްގައިނަމަ ދިރާގުން އަބަދުވެސް ބައިވެރިވަން. އެއީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާގައި ކަމުގައިވީނަމަވެސް. ސަބަބަކީ ޒުވާނުންނަކީ ގައުމުގެ ކުރި މަގު އެހެންވެ، ޒުވާނުންނަށް ތައުލީމް ދިނުމާއި ކުރިއެރުމުގެ ފުރުސަތުތައް ހޯދައިދޭން ދިރާގުން ބޭނުންވޭ،" އިސްމާއިލް ވިދާޅުވި އެވެ.

ޒުވާނުންގެ ކަމެއްގައިނަމަ ދިރާގުން އަބަދުވެސް ބައިވެރިވަން. އެއީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާގައި ކަމުގައި ވިއަސް. ޒުވާނުންނަކީ ގައުމުގެ ކުރި މަގު. އެހެންވެ، ޒުވާނުންނަށް ފުރުސަތުތައް ހޯދައިދޭން ދިރާގުން ބޭނުންވޭ
އިސްމާއިލް ރަޝީދު | ދިރާގުގެ ސީއީއޯ

އޭނާ ވިދާޅުވީ އެންޖަލް ހެކްއަކީ ޒުވާނުންނަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއް ކަމަށް އުންމީދު ކުރައްވާ ކަމަށެވެ

"މިއީ ވަރަށް ބޮޑު އިންޓަނޭޝަނަލް އިވެންޓެއް. މި އިވެންޓުގައި ބައިވެރިވެގެން ޕްރައިޒެއް ނުލިބިދާނެ. އެކަމަކު ހުޅުވެނީ ރަނގަޅު ފުރުސަތެއް. މީގައި [އެންޖަލް ހެކް] ބައިވެރިވެގެން 12 ފަރާތަކަށް ވިއޭނާގައި އޮންނަ އިވެންޓެއްގައި ބައިވެރިވާން ފުރުސަތު ލިބޭ. މިއީ ރާއްޖެ އަށް ވެސް ލިބޭނެ ފުރުސަތެއް،" އިސްމާއީލް ވިދާޅުވި އެވެ.

އެންޖަލްހެކް ރާއްޖެ ގެނައި ސްޕާކްހަމް ކުންފުނީގެ މެނޭޖިން ޕާޓްނަރު އަލީ ހާރިސް މިއަދު ވިދާޅުވީ މިއީ ހަމައެކަނި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހެކަތޯން ނޫން ކަމަށާ، މިއީ ދުނިޔޭގައި ވެސް އޮންނަ އެންމެ ބޮޑު އެއް ހެކަތޯން ކަމަށެވެ

މިއީ ގްލޯބަލް ސީރީޒްއެއްގެ ގޮތުގައި ދުނިޔޭގެ ގައުމުތަކުގައި ބާއްވާ ހެކަތޯން އެއް. ރަނގަޅު ފުރުސަތު ތަކެއް ހުޅުވިގެންދާނެ،" ހާރިސް ވިދާޅުވި އެވެ.

އެންޖަލްހެކް ގްލޯބަލްގެ، މި ސަރަހައްދުގެ ރީޖަނަލް މެނޭޖަރު ރަތީޝް ނަރަޔާނަން ވިދާޅުވީ ރާއްޖޭގައި އެންޖަލްހެކް ބޭއްވުމަކީ ލިބިގެންދާ އުފަލެއް ކަމަށެވެ.

އެންޖަލްހެކް އިން ލިބޭ ފުރުސަތުތައް!

މިއަދާއި މާދަމާ ހޮޓެލް ޖެންގައި ކުރިއަށްދާ އެންޖަލްހެކް މޯލްޑިވްސް އިވެންޓު އިންތިޒާމުކޮށް ރާއްޖެ އަށް ގެނެސްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ސްޕާކްހަބް އިންނެވެ. މި ހެކްތޯންގައި ކޯޑު ކުރުމާއި ޕިޗް ވޯކްޝޮޕްތަކާއި އެ ނޫންވެސް ތަފާތު ވޯކްޝޮޕްތައް އޮންނާނެ އެވެ. އަދި މީގެ އިތުރުން ތަފާތު ޕްރޮގްރާމްތައް ފަރުމާ ކުރުން ވެސް މި ހެކަތޯންގައި ފެނިގެންދާނެ އެވެ.

މި ހެކަތޯން ކުރިއަށް ދަނީ ގްރޫޕުތަކުގެ ވެސް ބައިވެރިވެވޭ ގޮތަށެވެ. މިގޮތުން ގްރޫޕެއްގައި ފަސް މެންބަރުން ހިމެނޭނެ އެވެ. މި ހެކަތޯންގައި ޖަޖުންގެ ގޮތުގައި ބައިވެރިވަނީ ދިރާގުގެ އެކްޓިން ސީއެމްއޯ އަހުމަދު މައުމޫން އާއި ޕޭމީޑިއާގެ ފައުންޑަރު ކަނިކްޝާ އަދި މައިންޑްވެލީގެ ޕްރޮޑަކްޓް މެނޭޖަރު އަހުމަދު ރިއާޒީ މުހައްމަދު އެވެ. މި ހެކަތޯންއިން އެއްވަނަ އަށް ދާ ގްރޫޕަކަށް ޕްރޮގްރާމެއް ފަރުމާ ކުރަން 12 ހަފުތާގެ ވާޗުއަލްކޮށް ތަމްރީން ތަކެއް ދޭނެ އެވެ. އަދި އެއަށްފަހު، އެންޖަލްހެކް އިން އެމެރިކާ އަށް ގޮސް ގްލޯބަލް ޑެމޯޑޭގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. އެމެރިކާގެ ސެންފްރެންސިސްކޯގެ ސިލިކަން ވެލީގައި މި ޕްރޮގްރާމް ހުށަހަޅައި ދޭނީ މި ދާއިރާގެ އިންވެސްޓަރުންނާއި އެންމެ މަތީ ފަންތީގެ މީހުންގެ ކުރިމަތީގަ އެވެ.