ވިޔަފާރި

އިންޑަސްޓްރީއާއެކު އަލްޝާލީ ބޭރުގެ ފެއާއަކަށް

Jul 21, 2018

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާއެކު ސްރީލަންކާގައި މިމަހު ބާއްވާ "މޯލްޑިވްސް ޝޯވްކޭސް" ފެއާގައި އަލްޝާލީ މެރިން މޯލްޑިވްސް ބައިވެރިވާން ތައްޔާރު ވެއްޖެ އެވެ.

އަލްޝާލީ މެރިން މޯލްޑިވްސްގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއީލް ޝަރީފު ހައިރައިޒްއިން އިންތިޒާމުކޮށްގެން ބާއްވާ ފެއާގައި ބައިވެރިވުމުގެ މަގުސަދަކީ އިންޑަސްޓްރީއާއެކު މިފަދަ އިވެންޓެއްގައި ފެނުންކަމަށެވެ.

"އިންޑަސްޓްރީ އިން ކުރާ ކަންކަމުގައި ބައިވެރިވާން ބޭނުންވަނީ.އެހެންވެ އިންޑަސްޓްރީގެ ގިނަ ބަޔަކު ދާތީ ބައިވެރިވަނީ،" ޝަރީފު ވިދާޅުވި އެވެ.

މޯލްޑިވްސް ޝޯވްކޭސް ފެއާ އޮންނާނީ މިމަހު 26 އިން 27 ދެ ދުވަހަށް ސްރީލަންކާގެ ތާޖު ސަމޫދުރާ ހޮޓެލްގަ އެވެ. އިވެންޓް މެނޭޖްމެންޓް ކުރާ ކުންފުންޏެއް ކަމަށްވާ ހައިރައިޒް އާއި ރާއްޖޭގެ ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯ އިން ބާއްވާ މި ފެއާއަކީ ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ވިޔަފާރި އާއި ހުނަރުތައް ތަމްސީލް ކުރުމާއި ޕްރޮމޯޓް ކުރުމުގެ ފެއާއެކެވެ.

ބޭރުގެ ފެއާއަކަށް އަލްޝާލީ ދާއިރު، އެ ކުންފުނިން ވަނީ މި އަހަރު މުޅިންއާ މޮޑެލްއެއްގެ ލޯންޗެއް ނެރެން ތައްޔާރު ވަމުންނެވެ. ސާޅީން ހަތް ފޫޓުގެ 42 މީހުންގެ ޖާގައިގެ ލޯންޗު ވަރަށް އަވަހަށް ރާއްޖޭގައި ލޯންޗް ކުރާނެ އެވެ. އެއާ ކޯންޑިޝަން ކޮށް އަދި އެއާކޯން ނުކޮށް ވެސް ބޭނުންކުރެވޭ މި ލޯންޗަކީ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހާއްސަ އުޅަނދެކެވެ.

އަލްޝާލީ މެރިން އިން ދަނީ ރާއްޖޭގެ ހުރިހާ މާކެޓަކަށް ހާއްސަކޮށް އުޅަނދު ފަހަރު ބަންނަމުންނެވެ. މިގޮތުން އެ ކުންފުނީގެ އުޅަނދު ފަހަަރަށް ދަނީ ގިނަ އެވޯޑުތަކެއްވެސް ލިބެމުންނެވެ. އަލްޝާލީ މެރިން އިން ތިލަފުށީގައި ހިނގާމުން ގެންދާ ޑޮކްޔާޑަށް ވަނީ އަހަރުގެ އެންމެ ރަނގަޅު ޑޮކްޔާޑުގެ އެވޯޑު ހިމެނެ އެވެ. މި ޑޮކްޔާޑަކީ އެއް ފަހަރާ 25 އަށްވުރެ ގިނަ އުޅަނދަށް ހިދުމަތް ދެވޭވަރުގެ ތަނެކެވެ. މީގެ އިތުރުން އަލްޝާލީއިން ބަނދެފައިވާ 37 ފޫޓުގެ ކޯސްޓް ކްރާފްޓް ލޯންޗަށް ވަނީ އަހަރުގެ އެންމެ މޮޅު ފައިބަރު އުޅަނދުގެ އެވޯޑު ލިބިފަ އެވެ. އަދި ގިނަ ރިސޯޓުތަކެއްގައި މަގުބޫލުކަން ހޯދާފައިވާ "އައިލެންޑް ހޮޕާ" އުޅަނދަށް ވެސް ވަނީ އެވޯޑެއް ލިބިފަ އެވެ. މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބޯޓިން އެވޯޑުގައި ޑޮކްޔާޑް އޯ ސްލިޕްވޭ އޮފް ދި އިޔާގެ އެވޯޑާއި ބެސްޓް ބޯޓް ޑިޒައިން އޮފް ދި އިޔާ އަދި ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސެލް އޮފް ދި އިޔާ (5 މީޓަރާއި 24 މީޓަރު) ގެ އެވޯޑުގެ އިތުރުން ބެސްޓް ޕްރޮޑަކްޝަން ފައިބާ އޮފް ދި އިޔާ (15 މީޓަރާއި 40 މީޓަރު) ގެ އެވޯޑުވެސް ލިބިފައިވަނީ އަލަޝާލީއަށެވެ. މި އެވޯޑުތައް އެ ކުންފުނިން ހޯދީ ރާއްޖޭއި މަސައްކަތްކުރާތާ ޒަމާންވީ ގިނަ ކުންފުނިތަކާ ވާދަކޮށްގެންނެވެ.

ކޯޕަރޭޓް މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވާ "ގޯލްޑް100" އިވެންޓުގައި މި އަހަރު "އިނޮވޭޓާ އޮފް ދި އިޔާ" ގެ އެވޯޑުވެސް ލިބުނީ އަލްޝާލީ އަށެވެ. ދުބާއީގެ އަލްޝާލީ މެރިންއާ ގުޅިގެން އަލްޝާލީ މެރިން މޯލްޑިވްސް އުފައްދާފައިވަނީ ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޯސްޓްލައިން އިންނެވެ. އަދި އަލްޝާލީ މެރިން ދުބާއީއަކީ 1979 އަކުން ފެށިގެން ފައިބަރު އުޅަނދު ފަހަރު ބަންނަމުން ގެންދާ ކުންފުންޏެކެވެ.