ޓީވީ ސީރީޒް

"ކަސޯޓީ"ގެ އާ ސީޒަންގެ ޓީޒާއާއެކު ކުރީގެ ހަނދާންތައް އާވެއްޖެ

"ކަސޯޓީ" އާ ސީޒަންގެ ޓީޒާ.

ހިންދީ ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ"އާ އެއްވަރަށް މި ޑްރާމާގެ ތީމް ލަވަވެސް އެންމެންގެ ހިތުން ބޮޑު ލޯތްބެއް ހޯދި އެވެ. އޭގެ އެެއް ހެއްކަކީ މި ޑްރާމާ ނިމުނުތާ މިހާރު ދިހަ އަހަރުވީ އިރުވެސް، އަދިވެސް މި ލަވަ ހިތުން ދަންނަ އެތައް ބަޔަކު ތިބުމެވެ. ފޫހިކަމެއް ނެތި މި ލަވަ އަޑުއަހާ މީހުން އެބަ ތިއްބެވެ.

ޕްރޮޑިއުސަރު އެކްތާ ކަޕޫރް މި ޑްރާމާގެ ދެ ވަނަ ސީޒަނެއް ގެނެސްދޭނެކަން އިއުލާނުކުރި ހިސާބުން ފެށިގެންވެސް އެންމެ އިންތިޒާރުކުރެވުމުން އައީ ޓީޒާއަކަށެވެ. މިހާރު ވަނީ ދެ ވަނަ ސީޒަންގެ ފުރަތަމަ ޓީޒާ އާންމުކޮށްފަ އެވެ. ޓީޒާގެ ގޮތުގައި ގެނެސްދިނީ މި ޑްރާމާގެ ތީމް ލަވައިގެ ރީމޭކް އެކެވެ.

ޑްރާމާގެ އެންމެ މުހިންމު ރޯލު، ބަތަލާ ޕްރޭނާގެ ރޯލު ކުޅޭ އެރިކާ ފިނާންޑޭޒް ޓީޒާގައި ފެނިގެންދެ އެެވެ. އޭނާއާއެކު ޑްރާމާގެ ބަތަލް، އަނޫރާގުގެ ރޯލު ކުޅޭ އެކްޓަރު ފެނިގެންދިޔަ ނަމަވެސް އޭނާގެ މޫނު އަދިވެސް ވަނީ ފޮރުވާފަ އެވެ. ސަސްޕެންސްގެ "މަންމަ" ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޕްރޮޑިއުސަރު އެކްތާއަކީ މިކަހަލަ ގޮތްގޮތަށް ބެލުންތެރިން ތެޅުވުމަށް ކުޅަދާނަ މީހެކެވެ.

އިންޑިއާގެ ނޫސްތައް މިހާރު ބުނާގޮތުން އަނޫރާގުގެ ރޯލަށް ނަގާފައި ވަނީ މަޝްހޫރު ޓީވީ އެކްޓަރު ޕާތް ސަމްތާން އެވެ. ކުރިން މި ރޯލަށް ޝަރަދް މަލްހޯތްރާ އާއި ބަރުން ސޮބްތީ އަދި ޝަހީރް ޝެއިޚްފަދަ މަގުބޫލު އެކްޓަރުން ނަގަން އުޅޭ ކަމަށް ވާހަކަދެކެވުނެވެ.

އާ ސީޒަންގެ ކާސްޓާއި ބެހޭގޮތުން އެކްތާ ގަވާއިދުން ޓުވިޓާ މެދުވެރިކޮށް ސަސްޕެންސް ދެމުން އަންނައިރު، މި ޑްރާމާގެ އެންމެ ޒީލަގަދަ ވިލަން، ކޮމޮލިކާގެ ރޯލަށް ވަނީ ސްޓާ ޕްލަސްގެ ޑްރާމާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ބޮޑު މަޝްހޫރުކަމެއް ލިބުނު އެކްޓްރެސް ހީނާ ޚާން ނަގާފަ އެވެ.

ސީޒަން އެކެއްގައި ޕްރޭނާގެ ރޯލު ކުޅުނީ ސްވެތާ ތިވާރީ އެވެ. އަނޫރާގްގެ ރޯލުން ސިޒޭން ޚާން ފެނިގެންދިޔައިރު، ކޮމޮލިކާގެ ރޯލު ކުޅުނީ އުރްވަޝީ ދޮލާކިއާ އެވެ. ފުރަތަމަ ސީޒަން ގެނެސްދިނީ 2001 އަކުން ފެށިގެން 2008 ގެ ނިޔަލަށެވެ. އާ ސީޒަން ފަށާނީ އަންނަ މަހު އެވެ.