ޓީވީ ސީރީޒް

މިފަހަރު ޝާހުއާއެކު ކަސޯޓީގެ ފެނިލުމެއް

ކަސޯޓީ ސީޒަން ދޭއްގެ އާ ޓްރެއިލާ.

އެކްތާ ކަޕޫރްގެ ކާމިޔާބު ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ އާ ސީޒަނެއް މި މަހު 25 ގައި ފަށާނެ އެވެ. ޑްރާމާއަށް ކުރާ އިންތިޒާރު ބޮޑުވެފައިވާއިރު، މިހާރު ވަނީ އިތުރު ޓީޒާ ޓްރެއިލާއެއް ދޫކޮށްލާފަ އެވެ. މިފަހަރު އަނެއްކާވެސް ބޮލީވުޑްގެ ލޯބީގެ ރަސްގެފާނު ޝާހުރުކް ޚާންއާއެކުގަ އެވެ.

ކަސޯޓީގެ ފުރަތަމަ ތިން އެޕިސޯޑަށް ނެރޭޓަރެއްގެ ގޮތުގައި ޝާހުގެ އަޑު އަޅަން ވަނީ ނިންމާފަ އެވެ. ސީޒަން ދޭއްގެ ޕްރޭނާ އާއި އަނޫރާގް، ބެލުންތެރިންނަށް ތައާރަފުކޮށްދޭނީ އޭނާ އެވެ. މި ޓްރެއިލާ ވީޑިއޯގައިވެސް ޝާހު ތައާރަފު ކޮށްދެނީ އެ ދެ މީހުންނެވެ.

މި ސީޒަންގައި ޕްރޭނާގެ ރޯލުން ފެނިގެންދާނީ އެރިކާ ފިނާންޑޭޒް އެވެ. އަދި އަނޫރާގްގެ ރޯލުން ފެނިގެންދާނީ ޕާތު ސަމްތާން އެވެ. އެ ދެމީހުން މިހާރު އަންނަނީ ޑްރާމާގެ މަންޒަރުތައް ނަގަމުންނެވެ. ކަސޯޓީގެ ވިލަން، ކޮމޮލިކާގެ ރޯލަށް ނަގާފައި ވަނީ ހީނާ ޚާން އެވެ. ހީނާ މި ޑްރާމާއަށް ޝޫޓުކުރަން ފަށަނީ އަންނަ މަހު އެވެ.

އެކްތާ ކަޕޫރްގެ ޓުވީޓެއް.

ސީޒަން އެކެއްގައި ޕްރޭނާގެ ރޯލު ކުޅުނީ ޝްވެތާ ތިވާރީ އެވެ. އަނޫރާގްގެ ރޯލުން ސިޒޭން ޚާން ފެނިގެންދިޔައިރު، ކޮމޮލިކާގެ ރޯލު ކުޅުނީ އުރްވަޝީ ދޮލާކިއާ އެވެ. ފުރަތަމަ ސީޒަން ގެނެސްދިނީ 2001 އަކުން ފެށިގެން 2008 ގެ ނިޔަލަށެވެ.