ޓީވީ ސީރީޒް

އެކްތާ ގާތުގައި ލޯބީގެ ވާހަކަތައް ޝާހުރުކް އަހަނީ

"ކަސޯޓީ 2" ގެ ދެ ވަނަ ޓީޒާ.

ދެހާހުގެ ކުރީގެ އަހަރުތަކުގައި ޕްރޮޑިއުސަރު އެކްތާ ކަޕޫރް ސްޓާ ޕްލަސްއިން ގެނެސްދިން ޑްރާމާ ސީރީޒް "ކަސޯޓީ ޒިންދަގީ ކީ" ގެ ދެ ވަނަ ސީޒަން ފެށުމަށް މިހާރު މި އޮތީ ވަގުތު ކުޑަތަންވެފަ އެވެ. އާ ސީޒަނަށް އިންތިޒާރުކުރެވެމުންދާއިރު، މި ސީޒަންއަކީ ކުރީގެ ސީޒަންގެ ރީބޫޓްއެއް ކަމަށް އެކްތާ ވަނީ ބުނެފަ އެވެ.

އާ ސީޒަންގެ ޓީޒާއެއްވެސް ވަނީ މި މަހުގެ ކުރީ ކޮޅުގައި ދޫކޮށްލާފަ އެވެ. މުޅިން އާ ކާސްޓަކާއެކު ދެ ވަނަ ސީޒަން ގެނެސްދޭއިރު، މުހިންމު ރޯލުތަކުން އެރިކާ ފިނާންޑޭޒް (ޕްރޭނާ)، ޕާތު ސަމްތާން (އާނޫރާގް) ފެނިގެންދާނެ އެވެ. ވިލަން ކޮމޮލިކާގެ ރޯލަށް ހީނާ ޚާން ނަގާފައިވާ ކަމަށްވެސް އަންނަނީ ވާހަކަދެކެވެމުންނެވެ.

ކަސޯޓީގެ އިތުރު ޓީޒާއެއްވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ. މުޅިން ތަފާތު ޓީޒާއެކެވެ. ރޭގައި އާންމުކުރި މި ޓީޒާގައި ފެނިގެންދަނީ، އެކްތާއާއެކު ބޮލީވުޑްގެ ރޮމޭންސްގެ ރަސްގެފާނު ޝާހުރުކް ޚާން އެވެ. ޝާހު އެކްތާ ގާތުގައި އޭނާގެ ލޯބީގެ ވާހަކަތައް އަހާއި އެ ވާހަކަ ހިއްސާކުރުމަށް އެދެ އެވެ.

ބޮޑަށް ބެލެވެނީ ޝާހު ބޭނުންކުރަނީ ކަސޯޓީގެ އާ ސީޒަން ޕްރޮމޯޓުކުރުމަަށް ކަމަށެވެ. އާ ސީޒަންގެ ފުރަތަމަ ތިން އެޕިސޯޑަށް ނެރޭޓަރެއްގެ ގޮތުގައި ޝާހުގެ އަޑު އެޅުމަށްވެސް ވަނީ ނިންމާފަ އެވެ. މިއީ ޝާހު ސްޓާ އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ނިންމި ނިންމުމެކެވެ.

އަންނަ މަހު 25 އަށް ފަސްކޮށްފި

މީހުން އިންތިޒާރުކުރުވުމުގައި އެކްތާއަކީ އެފަދަ ދެ ވަނައެއް ނެތް ޕްރޮޑިއުސަރެކެވެ. އަންނަ މަހު 10 ގައި ފަށަން ތާވަލުކޮށްފައި އޮތް ދެ ވަނަ ސީޒަން ފަށާނެ ތާރީހު މިހާރު ވަނީ އަންނަ މަހު 25 އަށް ފަސްކޮށްފަ އެވެ. ސްޓާ ޕްލަސްއިން މި ޑްރާމާ ދައްކާނީ ރާއްޖެ ގަޑިން އިރުއޮއްސި 7:30 ގަ އެވެ.