ބޮލީވުޑް

ކަސޯޓީ މިރޭ އަލުން ފަށަނީ

"ކަސޯޓީ" ގެ އެންމެފަހުގެ ޓްރެއިލާ.

މިހާރު އެންމެ އިންތިޒާރުކުރަމުން އަންނަ ހިންދީ ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަކީ ކޭ" ގެ އާ ސީޒަން މިރޭ ދައްކަން ފަށާނެ އެވެ. މި ޑްރާމާ ގެނެސްދޭ ސްޓާ ޕްލަސްއިން މިހާރު ވަނީ އެންމެފަހުގެ ޓްރެއިލާވެސް އާންމުކޮށްފަ އެވެ.

އެންމެފަހުގެ ޓްރެއިލާގައި ވަނީ ބެލުންތެރިން މިހާރު ބަލާލަން އެންމެ ކެތްމަދުވެފައިވާ ރޯލު، ކޮމޮލިކާގެ ތަންކޮޅެއްވެސް ދައްކާލާފައި އެވެ. އެ ރޯލު ކުޅުމަށް ނަގާފައިވާ އެކްޓްރެސް އަދިވެސް ވަނީ ސިއްރުކޮށްފަ އެވެ. ރިޕޯޓުތައް ބުނާގޮތުން އެ ރޯލަށް ނަގާފައި ވަނީ ހީނާ ޚާން ނުވަތަ ކްރިސްޓަލް ޑިސޫޒާ އެވެ.

ރާއްޖެ ގަޑިން މިރޭ 7:30 ގައި މި ޑްރާމާ ދައްކަން ފަށާނެއިރު، ފުރަތަމަ ތިން އެޕިސޯޑަށް ނެރޭޓަރެއްގެ ގޮތުގައި ބޮލީވުޑްގެ ލޯބީގެ ރަސްގެފާނު ޝާހްރުކް ޚާންގެ އަޑު ވަނީ އަޅާފަ އެވެ. މި ސީޒަންގައި ޕްރޭނާގެ ރޯލުން ފެނިގެންދާނީ އެރިކާ ފިނާންޑޭޒް އެވެ. އަދި އަނޫރާގްގެ ރޯލުން ފެނިގެންދާނީ ޕާތު ސަމްތާން އެވެ.

ފުރަތަމަ ސީޒަންގައި ޕްރޭނާގެ ރޯލު ކުޅުނީ ޝްވެތާ ތިވާރީ އެވެ. އަދި އަނޫރާގްގެ ރޯލުން ސިޒޭން ޚާން ފެނިގެންދިޔައިރު، ކޮމޮލިކާގެ ރޯލު ކުޅުނީ އުރްވަޝީ ދޮލާކިއާ އެވެ. ފުރަތަމަ ސީޒަން ގެނެސްދިނީ 2001 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށެވެ.