ވިޔަފާރި

އެންޖަލްހެކްގެ އެއްވަނަ ބައިނަލް އަގުވާމީ ޕްރޮގްރާމް އަކަށް

Jul 23, 2018

ދިރާގާއި ސްޕާކްހަބް ގުޅިގެން ރާއްޖޭގައި ބޭއްވި، އެންޖަލްހެކް" އިން އެއްވަނައަށް ދިޔަ ޓީމު ބައިނަލް އަގުވާމީ އެކްސަލަރޭޓާ ޕްރޮގްރާމް އަކުން ފުރުސަތު ދީފި އެވެ.

ދެ ދުވަހުގެ ނިޔަލަށް 50 ބައިވެރިންނާއެކު ރާއްޖޭގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު އެއް ހެކަތޯން ކަމަށްވާ އެންޖަލްހެކްގެ އެއްވަނަ ލިބުނީ ގްރޫޕް ފައިންވައިސް އަށެވެ. މި ގްރޫޕުން ބުނެފައިވާ ގޮތުގައި 12 ހަފުތާގެ މި އެކްސަލަރޭޓާ ޕްރޮގްރާމް ލިބިގެން ދިއުމަކީ ވަރަށް އުފާވި ކަމެއް ކަމަށެވެ. އަދި މި ހެކަތޯންގެ ސަބަބުން ގިނަ އެއްޗިހިތަކެއް ދަސްވެގެން ދިޔަ ކަމަށެވެ.

"އެންޖަލްހެކް މޯލްޑިވްސް" ގެ ނަމުގައި ހޮޓެލް ޖެންގައި ކުރިއަށް ދިޔަ މި ހެކަތޯންއަކީ ދުނިޔޭގެ 150 އަށްވުރެ ގިނަ ގައުމުގެ 60 ސިޓީގައި ސިލްސިލާ ގޮތުގައި ކުރިއަށް ގެންދާ ހެކަތޯން އެކެވެ. ހެކަތޯންގެ އެއްވަނަ ޓީމަށް އެކްސަލަރޭޓާ ޕްރޮގްރާމުގެ ލިއުން ހަވާލު ކޮށްދެއްވީ ދިރާގުގެ ސީއީއޯ އިސްމާއިމް ރަޝީދު އެވެ.

މި ހެކަތޯން ކުރިއަށް ގެންގޮސްފައިވަނީ ގްރޫޕުތަކުގެ ވެސް ބައިވެރިވެވޭ ގޮތަށެވެ. މިގޮތުން ގްރޫޕެއްގައި ފަސް މެންބަރުން ހިމެނޭނެ އެވެ. މި ހެކަތޯންގައި ޖަޖުންގެ ގޮތުގައި ތިއްބެވީ ދިރާގުގެ އެކްޓިން ސީއެމްއޯ އަހުމަދު މައުމޫން އާއި ޕޭމީޑިއާގެ ފައުންޑަރު ކަނިކްޝާ އަދި މައިންޑްވެލީގެ ޕްރޮޑަކްޓް މެނޭޖަރު އަހުމަދު ރިއާޒީ މުހައްމަދު އެވެ.