އިލެކްޝަން ކޮމިޝަންގެ މެންބަރު ކަމަށް އަލީ ނަޝާތުގެ އައްޔަން ކުރުމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އޭނާގެ ނަން މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
އިލެކްޝަން ކޮމިޝަންގެ މެންބަރު ކަމުގެ މަގާމް ހުސްވެފައިވަނީ އެމަގާމްގައި ކުރިން ހުންނެވި މުހައްމަދު ޝަކީލް އިސްތިއުފާ ދެއްވުމުން ނެވެ.
އަލީ ނަޝާތަކީ އީސީގެ ޑިރެކްޓަރެއްގެ މަގާމް އަދާ ކުރައްވަމުން ގެންދަވާ ފަރާތެކެވެ. ނަޝާތަށް ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމައިދިނުން އެދި، ރައީސް ޔާމީން ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އިއްވާފަ އެވެ. އޭނާގެ ނަން ދިރާސާ ކުރުމަށްޓަކައި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމުން ޝަކީލް އިސްތިއުފާ ދެއްވުމާ ގުޅިގެން އެކޮމިޝަންގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި ނައިބް ރައީސް އަމްޖަދު މުސްތަފާއާ މެންބަރު އިސްމާއީލް ހަބީބާއި އަހްމަދު އަކްރަމް އެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައިވަނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ސަރުކާރުގެ ކުންފުންޏަކަށް ބަދަލުކޮށް އެ ކުންފުނީގެ ބޯޑްގެ ހުރިހާ މެންބަރުން އައްޔަން ކުރުމުގެ ބާރު ރައީސްއަށް ލިބޭ ގޮތަށް ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނު އިސްލާހު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރިގޮތުގެ ރިޕޯޓް ހުށަހަޅައި ބަހުސް ކޮށްފަ އެވެ. މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އެވެ.
މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލާން ހުށަހަޅަން ޖެހޭ ފީ ބޮޑު ކުރަން ސަރުލާރުން ހުށަހެޅި އިސްލާހު މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފައިވާ ގޮތުގެ ރިޕޯޓްވެސް ވަނީ ހުށަހަޅާފަ އެވެ. މި ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރަށް ނިސްބަތްވާ ފަރެސް މާތޮޑާ ދާއިރަގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އެވެ.
މި ދެބިލަށް ބަހުސް ކުރުން ނިންމާލާފައިވާއިރު، މިއަދު މެންދުރުފަހު 1:30 ގައި އެ ދެބިލަށް ވޯޓަށް އެހުން އޮންނާނެ އެވެ.