ރިޕޯޓް

މާރާމާރީތަކަށް ދިވެހިން މިހާރު "ބިރެއް ނުގަނޭ"!

ކިހާ ވަރަަކަށް ތިބާ ގައުމާ ދޭތެރޭ ވިސްނާލަން ހެއްޔެވެ؟ ގައުމުގައި ހިނގާ ކަންކަމަށް ވިސްނާ ފިކުރު ކޮށްލަން ހެއްޔެވެ؟ މުސްތަގުބަލް ބިނާ ކުރުމަށް ވިސްނާއިރު، އެ ފުރުސަތު ގައުމުގައި އޮތް ކަމަށް ގަބޫލު ކުރަަން ހެއްޔެވެ؟ ސަލާމަތާއި ރައްކާތެރިކަން އިހުސާސް ކުރެވޭ ހެއްޔެވެ؟ ނަވާރަ ސަތޭކައިގެ އަހަރުތަކާއި ދެހާހުގެ އަހަރުތަކުގައި ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާއި މުޖުތަމައު އަށް އައިސްފައިވާ ބަދަލުތަށް ހިތައް ގެންނާށެވެ.

ސެޕްޓެމްބަރު 2003 ވަނަ އަހަރުގެ 19 އަދި 20 އެއީ ތާރީހުން ދުވަސްތަކެކެވެ. ޅަ އުމުރުގައި އެދުވަސްތައް ޖަތުރިބާ ކުރީ މި ފުރަމާލެއަކު ނޫނެވެ. މާލެއާ އެތަކެއް މޭލު ދުރުން ހުވަދު އަތޮޅުގައެވެ. ކ. މާފުށީ ޖަލުގައި އީވާން ނަސީމް މަރާލި މައްސަލާގައި، މާލެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގި ދުވަސްވަރެކެވެ. މާލެ އެފުށް މިފުށަށް ޖަހާކަމުގެ ހަބަރު ލިބުނީ ސުކޫލުން ގެއަށް އައިތަނުންނެވެ. އޭރުވެސް މަންމަގެ ހިތްނުތަނަވަސްވެފައި، ބިރުގަނެފަ ހުރި ވަރު އިހުސާސް ކުރެވުނެވެ. ވާނީވެސް އެހެންތާއެވެ. މީހެއްގެ ފުރާނަ އެގޮތަށް ގެއްލި މުޖުތަމައުގެ ހަމަނުޖެހުން ގެއްލުމުން އެކަމުގެ ބިރުވެރިކަން އެތަކެއް މޭލު ދުރުންވެސް ކުރެވުނީއެވެ. އެކަން އެގޮތަށްވީ އާކަމަކަށް ވީމައެވެ.

މިހާރުގެ ހާލަތަށް ޖެހިލަމާހެއްޔެވެ. މީހެއްގެ ގަޔަށް ވަޅި ޖަހާ ޒަަހަމްކޮށްލި ވާހަކަ އަޑުއިވުމުން، އެއްކަލަ ދުވަހު ބިރުން ހިތްނުތަނަވަސްވެފައި ހުރި މަންމަ އަކަށް މިހާރަކު މާބޮޑު އަސަރެއް ނުކުރެއެވެ. އެފަދަ ހަބަރެއް ލިބުމުން ދެރަވެފައި، ބޮޑު ވަރަކަށް ސުބުހާނައްﷲ އޭ މި ގައުމު ރަނގަޅުވާނީ ކޮން ދުވަހަކުންބާއޭ ބުނެ ނިންމާލައެވެ. އެހާވެސް ބޮޑަށް ދިވެހިން މިކަމަށް ހޭނިއްޖެ އެވެ. އެއްރޭ ވަޅިއެއް ޖަހައިފިއްޔާ އަނެއްދެރޭ ވަޅި ޖަހާނެކަން ދިވެހިންނަށް އެނގެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ފުރަތަމަ ލިބުނީ މާލޭގައި ކޯރާޑިއަކުން ޖަހާ މީހަކު ޒަހަމްކޮށްލި ޙަބަރެވެ. އޭގެ ފަހުން ލ. ގަމުގައި ތިން މީހެއްގެ ގަޔަށް ވަޅި ޖެހި ހަބަރެވެ. މި މާރާމާރީތަށް ހިނގަމުން ދިޔަ އިރު، ދިވެހި ގައުމުގެ ވަލިއްޔުލް އަމުރު ހުންނެވީ ރައްޔިތުންނާއި މުހާތަބު ކުރައްވާށެވެ. މާރާ މާރީތަށް ހުއްޓުވާ، މަގުތަށް އަމާން ކުރެވުނު ވާހަކައެވެ. އެހެން ނަމަވެސް އެ ވާހަކަ ގަބޫލު ކުރާނީ ކޮން ގޮތަކުން ހެއްޔެވެ.

މަންމައަކާއި، ބައްޕަޔަކު އެތަކެއް ވޭނަކާއި، ބުރައެއް އުފުލައިގެން، ލޯތްބާއި އަޅާލުންދީގެން ދަރިއަކު ބަލާ ބޮޑު ކުރަނީ ތޫނު އެއްޗެއްގެ ޝިކާރައަކަށްވެ، އެ މައިންބަފައިންނާ އަލްވަދާއުކިޔަން ހެއްޔެވެ؟ ފުރާނައަކީ މާތްﷲ ހުރުމަތްތެރި ކުރައްވާފައިވާ އެއްޗެކެވެ. ދެބަސްވުމެއް އުފެދޭ ކޮންމެ ހާލަތެއްގައި، އެކަމުގެ ހައްލަކީ މާރާމާރީ ނުވަތަ ފުރާނަ ދުއްވާލުން ހެއްޔެވެ؟ އެކަމުން ތިބާއަށް އޮތީ ކޮންފައިދާއެއްތޯއެވެ؟ މާބޮޑެތި މޮޅުތަކެއް ލިބެނީތޯއެވެ؟ އެ ދަރިފުޅުގެ ފުރާނަ ތިޔަ ދުއްވާލަނީ އެ ދަރިފުޅުގެ ފަރާތުން މަންމައާއި ބައްޕައަށް އަދާކޮށްދޭންޖެހޭ ހައްގުތަކާއި، ވާޖިބުތަށް އަދާކުރުމުގެ ފުރުސަތުވެސް ނުދީއެވެ. ހަގީގަތަކީ އެ ފުރާނައާއެކު އިތުރު އެތަކެއް ކަމެއް އެންމެ ވަޅިއަކުން ދުއްވާލެވޭކަމެވެ. މައިންބަފައިންގެ އުމްމީދުތަކެވެ. ރައްޓެހިންގެ ހިތްހަމަޖެހުމެވެ. މުޅި މުޖުތަމައުގެ ހަމަޖެހުމެވެ.

ވަޅީގެ ޝިކާރައަކަށްވެ މަރުވާ ދަރިއެއްގެ މައިންބަފައިންގެ އިހުސާސްތަށް އިނގޭ ހެއްޔެވެ؟ ތި މަރާލެވެނީ އެ ދެމައިންގެ ހިތެވެ. އެ ފުނޑު ފުނޑު ކޮށްލެވެނީ ކުލަނުވެ ހުރި އެ މައިންބަފައިންގެ އުމްމީދީ ކިތަށް ހުވަފެން ހެއްޔެވެ؟ އުމްމީދެއް ވާތަނެއްގައި ދިރުމެއް ވާނެއޭ ބުނާ އަޑު އިވެއެވެ، އެހެން ނަމަވެސް ދިރުމެއް ނެތް ތަނެއްގައި އުމްމީދެއް އޮންނާނެތޯއެވެ.

ޒުވާންކަމުގެ ޖޯޝާއި ފޯރި ދައްކަން ވަޅިއާއި ގޭންގުތަކުގެ މަގު ދޫކޮށްލާށެވެ. މުޖުތަމައު ބަލައިގަންނަ މުޖުތަމައުގެ އެންމެން އިހުތިރާމް ކުރާ މީހަކަށް ވުމުން ލިބޭނެ ހިތްހަމަޖެހުން މާބޮޑުތަންވެސް ބޮޑުވާނެއެވެ. މުޖުތަމައު މިހާލަތަށް ވެއްޓުމުގެ ޒިންމާ ނަގާނީ ކޮންބައެއް ހެއްޔެވެ؟ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އުފައްދާފައިވާ ފުލުހުންގެ މުއައްސަސާއިން ހެއްޔެވެ؟ އަދުލު އިންސާފު ގާއިމް ކުރުމަށް ހަދާފައިވާ ކޯޓުތަކުން ހެއްޔެވެ؟ ގައުމު ހިންގުުމުގެ ޒިންމާ ކޮނޑު އަޅުވައިގެން ތިއްބެވި ވެރިން ހެއްޔެވެ؟

އަދުގެ ހަގީގަތަކީ މިކަން ހުއްޓުވުމުގައި މުޅި މުޖުތަމައު ފެއިލްވެފައިވާ ކަމެވެ. ކުއްޖާގެ ތައުލީމީ ހަޔާތުގައި ގޭންގަކާއި ގުޅެން މަޖުބޫރުވާހާލަތަށް ދިއުމަކީ، ބެލެނެވެރިންނާއި، ތައުލީމީ ނިޒާމުގެ ފެއިލިއާއެކެވެ. ޅަފަތުގައި ދެވޭ ތަރުބިއްޔަތާއި، އުނގަންނައިދޭ ފަރާތްތަކުގެ މައްސަަލައެކެވެ. ގޭންގަކާއި، ގުޅުމަށްފަހު އެކަން އެނގިތިބެ، އެކަމުން އެކުއްޖަކު ސަލާމަތް ނުކުރެވުމަކީ ފުލުހުންގެ މުއައްސަސާގެ ފެއިލިއާއެކެވެ. މުޖުތަމައު ތެރެއަށް އަލުން އެކުއްޖަކު ރަނގަޅު ކުއްޖެއްގެ ގޮތުގައި ނެރުމުގެ އެއްވެސް ކަހަލަ ވިސްނުމެއް އެއިދާރާއަކު ނެތެވެ. މުޅިންވެސް އަދަބު ދިނުމުގެ ވިސްނުމެވެ. މިވެސް ދައުލަތެއްގެ ހައިސިއްޔަތުން ބޮޑު ފެއިލިއާއެކެވެ. މުޖުތަމައު ތެރޭގައި މިފަދަ ކުދިން ރެކްރޫޓް ކުރަން ނުވަތަ މަގު އޮޅުވަން މަސައްކަތް ކުރާ މީހުން ތިބިކަން އެނގޭ ހާލުވެސް، އެބަޔަކަށް ހައްގުވާ އަދަބު ދިނުމުގައި އަދުލު އިންސާފު ގާއިމް ކުރާ ކޯޓުތަށްވެސް ވަނީ ނުކުޅެދިފައެވެ.

ފުލުހުންނާއި، ޖުޑިޝަރީއާއި، ސަރުކާރުވެސް ގޭންގުތަށްދެކެ ޖެހިލުންވާ ފަދައެވެ. މިހެން ނުބުނަންޖެހޭ ސަބަބެއްވެސް ނެތެވެ. އެކަމާއި ދެކޮޅަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރަން ފުުލުހުންތިބޭނަމަ، ފުލުހުންގެ ބިރު އެ ގޭންގުތަކުގައި އޮތީހެވެ. ފުރަމާލޭގެ މަގުތަށް މަތީ ކަނޑިއާއި، ކޯރާޑިއާއި، ވަޅި ހިފައިގެން ރޯމާ ދުވާލު، މާޗުކުރެވޭނީ އެ މުއައްސަސާ ކިހާ ނުކުޅެދުނީމަހެއްޔެވެ؟ ރައްޔިތުންގެ އިތުބާރު ހޯދަން ފުލުހުން ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހެވެ. މުޅި ގައުމުގެ ހަމަޖެހުން އޮތީ ފުލުހުންގެ އަތްމަތީގައެވެ.

ގޭންގު މާރާމާރީތަކުގައި ވަޅި ޖަހާފައިވާ ކިތަށް ކުދިން މި ވަގުތުވެސް މުޖުތަމައުތެެރެއަށް ދޫވެފައި އެބަތިބި ހެއްޔެވެ؟ އެކުދިން ދޫވެފައި ތިބުމަކީ އަދުލު އިންސާފު ގާއިމްވުން ހެއްޔެވެ؟ އެފަދަ ހަމަލާތަކުގައި ޝަހީދުވާ ކުދިންގެ ހައްގުތަށް ލިބި ދިނުމަށް ޖުޑިޝަރީން ގިނަ މަސައްކަތްތަކެއް ކޮށްދޭން އެބަޖެހެއެވެ. އަދި އެކުށުގައި ބެދި ޖަލަށްދާ ކުދިންނަށްވެސް މުޖުތަމައުތެރެއަށް އަނބުރާ އަންނަ އިރު، ރަނގަޅު މީހެއްގެ ގޮތުގައި މުޖުތަމައުއަށް ނިކުމެވޭނެ ފަދަ ނިޒާމެއް ގާއިމްކޮށްދޭން އެބަޖެހެއެވެ.

ދައުލަތުގެ މުއައްސަސާއެއްގެ ދޯދިޔާ ކަމުގެ ވަރަށް ކުޑަ ކުޑަ މިސާލެއް ދައްކާލާނަމެވެ. މާރާމާރީއެއްގައި ކުއްޖަކު މަރުވި މައްސަލާގައި ހައްޔަރު ކުރެވުނު ޒުވާނެކެވެ. އެ ޒުވާނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުގައި ދިމާވީ ކަމަކުން ދައުލަތް ޒިންމާދާރު ކުރުވުމަށް ކަމަށްބުނެ، އެ ޒުވާނާ ކޯޓުން ދޫކޮށްލިއެވެ. އޭގެ ޖެހިގެން އައި ދުވަހު އެ ޒުވާނާ ހައްޔަރު ކުރީ މާރާ މާރީއެއްގައި އިތުރު ފުރާނައެއް ދުއްވާލީ މައްސަލައެއްގައެވެ.

ދިވެހިން މިކަމަށް ހޭނިއްޖެއެވެ. މިކަމަށް ދިވެހިން ހޭނުމަކީ މިކަމުގެ ހައްލު ހެއްޔެވެ؟ ނޫނެކެވެ. މިކަމުގެ ހައްލަކަށް ވާނީ މުޅި މުޖުތަމައު މިކަމަށް ހޭލުމެވެ. މިކަމުގެ ހޭލުންތެރިކަން އިތުރުކޮށް، ކުދިން ގޯސްމަގުން ހިނގިޔަ ނުދިނުމެވެ. ޅަފަތުގެ ތަރުބިއްޔަތު ހަރުދަނާ ކުރުމެވެ. ސުކޫލްތަކަކީ ރައްކާތެރި މާހައުލުތަކަަކަށް ހެދުމެވެ. މަގު ފުރައްދަން މަސައްކަތް ކުރާ ފަރާތްތަށް ހުއްޓުވުމެވެ. ފުލުހުންނާއި، ދައުލަތުގެ އިދާރާ ތަކުގެ ޒިންމާ އަދާކުރުމެވެ. ސިޔާސީ ފަރާތްތަށް ގޭންގުތަކުގެ އަތްދަށުން މިނިވަންވުމެވެ. އަމިއްލަ ފަރުދީ ޒިންމާ އަދާކުރުމެވެ. ކަންކަން އިތުރަށް ގޯސްވިޔަނުދީ މުޖުތަމައުގެ ހަމަޖެހުމާއި، މުސްތަގުބަލަށް ވިސްނުމެވެ.