ދުނިޔެ

އުތުރު ކޮރެއާގެ މުހިންމު ނިއުކުލިއާ ސައިޓެއް ރޫޅާލަން ފަށައިފި

Jul 24, 2018

ޕިޔޮންގްޔެންގް (ޖުލައި 24) - އުތުރު ކޮރެއާގެ ހުޅަނގު އުތުރުގައި ގާއިމުކޮށްފައިވާ މުހިންމު އެއް ނިއުކުލިއާ ސައިޓު ރޫޅާލަން ފަށާފައިވާ ކަމަށް ސެޓެލައިޓް ފޮޓޯތަކުން ދައްކައިފި އެވެ.

އެމެރިކާ އާއެކު މިދިޔަ ޖޫން މަހު ވެވުނު އެއްބަސްވުމަށް އަމަލުކުރަން ފެށުމުގެ ގޮތުން ސޯހައިގައި ގާއިމުކޮށްފައިވާ ސައިޓު ރޫޅާލަންފަށާފައިވާ ކަމުގެ ނިޝާންތައް ފޮޓޯތަކުން ފެންނަކަމުގައި އެމެރިކާގެ ނިއުކުލިއާ ހަތިޔާރުތައް މޮނިޓާ ކުރާ ޖަމާއަތުން ވަނީ ބުނެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންއުން އާއެކު ސިންގަޕޫރުގައި ބޭއްވުނު ތާރީހީ ބައްދަލުވުމަށްފަހު، އުތުރު ކޮރެއާ އިން ނިއުކުލިއާ ހަތިޔާރުތައް ނައްތާލުމަށްޓަކައި ހަތިޔާރު ޓެސްޓު ކުރާ ސައިޓުތައް ރޫޅާލުމަށް އެއްބަސްވެވުނު ނަމަވެސް، އެ އެއްބަސްވުމުގައި ވަކި ސައިޓުތަކެއްގެ ނަން ހިމާނަފައެއްނުވެ އެވެ.

ސޯހައިގައި އޮންނަ ސައިޓަކީ ސެޓެލައިޓު ލޯންޗު ކުރުމަށް އޮންނަ ސައިޓެއް ކަމުގައި އުތުރު ކޮރެއާ އިން ބުނި ނަމަވެސް، އެ ސައިޓަކީ މިސައިލް ޓެސްޓު ކުރަން އުތުރު ކޮރެއާ އިން ބޭނުންކުރާ ސައިޓެއް ކަމުގައި އެމެރިކާ އިން ދަނީ ތުހުމަތު ކުރަމުންނެވެ.

ޖޫން 12 ވަނަ ދުވަހު ބޭއްވުނު ތާރީހީ ސަމިޓަށްފަހު، ޓްރަމްޕް ވިދާޅުވެފައި ވަނީ، ސުލްހަވުމުގެ ޔަގީންކަމެއްގެ ގޮތުން، ދެކުނު ކޮރެއާއާ އެކު ހިންގާ އަސްކަރީ ހަރަކާތްތައް މިވަގުތު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ އަސްކަރީ އެހީ އާއި ސިފައިން ކޮރެއާ ޕެނިންސުއޭލާ ސަރަހައްދުގެ ގައުމުތަކުގައި ތިބޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ސަމިޓްގެ އެންމެ މުހިންމު ކާމިޔާބީ އެއްގެ ގޮތުގައި ފާހަގަކުރެވުނީ، ކޮރެއާ ސަރަހައްދަށް ސުލްހަ ގެނައުމަށް ނިއުކުލިއާ ހަތިޔާރުން ސަލާމަތްވެފައިވާ ސަރަހައްދަކަށް ކޮރެއާ ސަރަހައްދުގެ ގައުމުތައް ހެދުމެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން، އުތުރު ކޮރެއާއަށް ރައްކާތެރިކަން ދިނުމަށާއި އެ ގައުމުގެ މައްޗަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރަށް ހުންނެވިކަން ރައީސް ޓްރަމްޕް އޭރު ވަނީ ހާމަކުރައްވާފަ އެވެ.

ނަމަވެސް، އެ އެއްބަސްވުމާއި ހިލާފަށް އުތުރު ކޮރެއާ އަދިވެސް ދަނީ ނިއުކުލިއާ މަސައްކަތްތައް ކުރަމުންދާ ކަމުގެ ތުހުމަތުތައް ވަނީ ކުރެވިފަ އެވެ.

އުތުރު ކޮރެއާ އިން މިހާތަނަށް ހަ ނިއުކުލިއާ ޓެސްޓު ކޮށްފައިވާ ކަމަށް އެމެރިކާ އިން ވަނީ ބުނެފަ އެވެ. އެންމެ ފަހުން ޓެސްޓެއް ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.