ހަބަރު

މެންބަރުން ހަމަނުވުމުން މިއަދުވެސް ވޯޓަކަށް ނޭހި

ދެ ބިލެއް ފާސް ކުރުމަށް އެކަށީގެންވާ ވަރަށް މެންބަރުން މަޖިލީހަށް ހާޒިރުވެފައި ނުވާތީ ވޯޓަށް އެހުން އަނެއްކާވެސް ފަސްކޮށްލައިފި އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވެސް ތާވަލުކޮށްފައި ވަނީ ޕީއެސްއެމް ސަރުކާރުގެ ކުންފުންޏަކަށް ބަދަލުކޮށް އެ ކުންފުނީގެ ބޯޑްގެ ހުރިހާ މެންބަރުން އައްޔަން ކުރުމުގެ ބާރު ރައީސްއަށް ލިބޭ ގޮތަށް ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނަށް ގެނައި އިސްލާހާއި ރައްޔިތުންގެ މަޖިލީޙަށް ކުރިމަތިލުމުގެ ފީ ބޮޑު ކުރާ ގޮތަށް މަޖިލީހުގެ އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ މަސައްކަތެވެ.

ނަމަވެސް އެ އިސްލާހުތަކަކީ ރައްޔިތުން ސީދާ އަމަލު ކުރަން ޖެހޭ ގާނޫނަކަށް ވާތީ އެ އިސްލާހުތައް ފާސް ކުރުމަށް 43 މެންބަރުން ވޯޓަށް އަހާއިރު ތަޅުމުގައި ހާޒިރުވެ ތިބެން ޖެހެ އެވެ. ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުން ރައްޔިތުން އެއެއްގެ މައްޗަށް އަމަލުކުރަންޖެހޭ ކޮންމެ ކަމެއް ފާސްކުރަންޖެހޭނީ ގާނޫނުގައިވާ މަޖިލިސް މެންބަރުންގެ އަދަދުގެ ދެބައިކޮށްފަ އެއްބައި މެންބަރުން ތިއްބަވައިގެންނެވެ. ނަމަވެސް އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓްކޮށްފައިވާތީ އެ އަދަދަށް މެންބަރުން ހަމަ ނުވެގެން އިއްޔެ ވެސް އެ ދެ ބިލަށް ވޯޓަށް އެހުން ވަނީ ފަސްކޮށްލައިފަ އެވެ.

މިއަދު ބޭއްވި ޖަލްސާގައި ވެސް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ ދެ ބިލު ފާސް ކުރާ މިންވަރަށް މެންބަރުން ހަމަ ނުވާތީ އެ ދެ ބިލަށް ވޯޓަށް ނާހާނެ ކަމަށެވެ. އަދި މެންބަރުން ޙާޒިރުވުމަށް ފުރުސަތު ދިނުމަށް ފަހު އެހެން ދުވަހެއްގައި ފާސް ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މީގެ ކުރިން ވެސް ހަމަ އެ ގޮތަށް މެންބަރުން ހާޒިރުވުމަށް ދެ ދުވަހެއްގެ މަތިން ފުރުސަތު ދިނުމަށް ފަހު އިންތިހާާބުތަކާ ބެހޭ ބިލުތައް ވަނީ ފާސްކޮށްފަ އެވެ. އެގޮތަށް ފާސްކޮށްފައި ވަނީ ކޮންމެހެން ވެސް ފާސް ކުރަން ޖެހޭ ގާނޫނުތަކަށް ކަމަށް ބުނެ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަކަށް ބިނާކޮށް ވޯޓަކަށް އެހުމަށް ފަހުގަ އެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެންބަރުން މަޖިލީހަށް ވެއްދުމަށް ފަހު މަސީހުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދާ ހިސާބުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާނެ ކަމަށެވެ.