ހަބަރު

މަސީހުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅަން ސޮއި ހޯދަން ފަށައިފި

Oct 9, 2018
5

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅުމަށް އިދިކޮޅު ޕާލިމެންޓަރީ ގްރޫޕުން މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، އަބްދުﷲ ރިޔާޒު "އަވަސް"އަށް ވިދާޅުވީ މަސީހު ވަކި ކުރުމުގެ މަސައްކަތް ފެށުމަށް މެންބަރުންގެ ސޮއި ހޯދަން ފަށާފައިވާ ކަމަށާއި އެކަމަށް ޕީޕީއެމް އާއި އެމްޑީއޭގެ މެންބަރުންގެ ތާއީދު ވެސް ލިބޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ސޮއި ހޯދާފައި ވަނީ ކިތަށް މެންބަރުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"މަސީހު ވަކި ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މި ފެށީ، ނަމަވެސް އަޅުގަނޑުމެން އެދެނީ މަސީހު ވެސް ރީތި ގޮތުގައި އިސްތިއުފާދޭން،" ރިޔާޒް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދުގައި ކުރިން އޮންނަ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ކަމުގެ މައްސަލަ ހުށަހެޅޭނީ 15 މެންބަރުންގެ ސޮޔާއެކުގަ އެވެ. ނަމަވެސް މިދިޔަ އަހަރު އަ އަދަދަށް ސޮއި ހޯދައިގެން މަސީހު ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅުމުން ޕީޕީއެމް އިން ވަނީ އެ އަދަދު 42 އަކަށް ހަދާ ގަވައިދު ބަދަލުކޮށްފަ އެވެ.

މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައި 43 މެންބަރުންގެ ސޮޔާއެކު މަސީހު ވަކި ކުރުމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅުމުން 12 މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް މިހާރު ސުޕްރީމް ކޯޓުން އެކަން ސާފުކޮށް ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.