ހަބަރު

ޖަވާބު ދާރީވާން މަސީހަށް 30 މިނެޓު!

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލާގައި ޖަވާބު ދާރީވުމަށް އެމަނިކުފާނަށް 30 މިނެޓުގެ ވަގުތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީ އިން ނިންމައިފި އެވެ.

އާންމު ކޮމިޓީ އިން މިއަދު ނިންމާފައި ވަނީ މަސީހު އިތުބާރު ނެތް ކަމަށް 43 މެންބަރުން މިދިޔަ އަހަރު ހުށަހަޅާފައިވާ މައްސަލަ މާދަމާ ކުރިޔަށް ގެންދިޔުމަށެވެ. އެ ކޮމިޓީގައި ބައިވެރިވެވަޑައިގަތް މެންބަރަކު "އަވަސް"އަށް ވިދާޅުވީ އިތުބާރު ނެތް މައްސަލާގައި ދެ ގަޑިއިރުގެ ބަހުސް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން މަސީހަށް ޖަވާބު ދާރީވުމަށް 30 މިނެޓު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އެގޮތަށް ކޮމިޓީ އިން މައްސަލަ ފާސްކޮށްފައި ވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އިއްތިފާގުންނެވެ. އެ ކޮމިޓީގައި ޕީޕީއެމްގެ ގިނަ މެންބަރުން ހިމެނޭ އިރު ކޮމިޓީގެ މުގައްރިރަކީ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް އެވެ.

މަސީހުގެ އިތުބާރު ނެތް މައްސަލަ އޮންނާނީ މާދަމާ ރޭ 8:00 ހާއިރު އެވެ.