ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ މަހުގެ އަށް ވަނަ ދުވަހަށް ތާވަލް ކުރަން މަޖިލީހުގެ އިދާރާއިން ނިންމައި އެކަން މެންބަރުންނަށް މިއަދު އަންގައިފި އެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ލިބޭތާ ރަސްމީ ބަންދުނޫން ގިނަ ވެގެން ތިން ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ނޯޓިސް އަމީން އާންމު މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ދޭން ޖެހެ އެވެ. އަދި ނޯޓިސް ދޭ ތާރީހުން ފެށިގެން ރަސްމީ ބަންދު ނޫން 10 ދުވަހުގެ މުއްދަތު ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ބަންދު ނޫން ދުވަހަކު ޖަލްސާއެއް ބާއްވާ އެ މައްސަލަ ކުރިޔަށް ގެންދަން ޖެހެ އެވެ.
މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ސޮއި ކުރައްވާ މަޖިލީހުގެ މެންބަރުންނަށް މިއަދު ވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހަށް އެ މައްސަލަ އެޖެންޑާކޮށްފައިވާ ކަމުގެ ނޯޓިސް ފޮނުވައިފަ އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ 51 މެންބަރުންގެ ސޮޔާއެކުގަ އެވެ. އެއީ އިދިކޮޅަށް ނިސްބަތްވާ 36 މެންބަރުންނާއި ބާކީ ޕީޕީއެމްގެ މެންބަރުންގެ ސޮޔާއެކުގަ އެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދޭނީ 42 މެންބަރުން ސޮއިކޮށް ހުށަހަޅާ ގަރާރަކުންނެވެ. އަދި އިތުބާރު ނެތް ކަމަށް 43 މެންބަރުންގެ ވޯޓުން ވެސް ފާސް ކުރެވިދާނެ އެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް މަސީހު މީޑިއާއެއްގައި ނުވަތަ އެހެން ޕްލެޓްފޯމެއްގައި ވެސް ވަކި އެއްޗެއް ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް އެމަނިކުފާނު އިސްތިއުފާ ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.