ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިއްޔެ އިރުއޮއްސުމުގެ ކުރިން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ އިތުރުފުޅު ހެއްދެވި ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި ބަހުސް ކުރިޔަށް ދިޔަ އިރު ޖަލްސާ ބާއްވާ ގޮތާ މެދު ޕީޕީއެމްގެ މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވުމުން އެކަމަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވީ މަޖިލީސް ޖަލްސާތަކުގެ އެޖެންޑާ މިހާރު ވެސް ކަނޑައަޅުއްވަނީ މަސީހު ކަމަށެވެ. އަދި ޖަލްސާތައް ކުރިޔަށް ގެންދަން އެމަނިކުފާނުގެ ފަރާތުން ގިނަ އުނދަގޫތަކެއް ކުރިމަތި ކުރުވާ ކަމަށާއި އެގޮތުން ރޭ އިސްތިއުފާ ދެއްވާނެ ކަމާއި އެ ޖަލްސާ ބައްވާ ދެއްވަން އެދި އިތުރުފުޅެއް ވެސް ހެއްދެވި ކަމަށް މޫސަ ވިދާޅުވި އެވެ.
"މަސީހު ވިދާޅުވީ ތިމަންނަ މިރޭ އިސްތިއުފާ ދެއްވާނަމޭ އެހެންވީމަ މާދަމާ އެ ޖަލްސާ ބާއްވާށޭ ވިދާޅުވެފައި އަޅުގަނޑަށް އިތުރުފުޅު ހައްދަވާފައިވާތީ އެވާހަކަ ދަންނަވާލަން،" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ އޭނާ ރިޔާސަތުގައި އިންނަވާހާ ދުވަހަކު މަޖިލީސް ކުރިޔަށް ގެންދަވާނީ ޕީޕީއެމް އަދި އެމްޑީޕީގެ މެންބަރުންގެ ހިޔާލާ އެއްގޮތަކަށް ނޫން ކަމަށެވެ. އޭނާ މަޖިލީސް ކުރިޔަށް ގެންދަވަނީ ގާނޫން އަސާސީ އާއި ގާނޫނުތަކާއި އަދި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ނަމަވެސް ޕީޕީއެމް އިން ރިޔަސަތާ ދިމާލަށް އެއްޗެހި ކިޔުމާއި މަސީހުގެ ފަރާތުން އުނދަގޫތައް ލިބެނީ ވެސް އެ ޕާޓީ އިން ރާވައިގެން ކަމަށް ވެސް މޫސަ ތުހުމަތު ކުރެއްވި އެވެ.
"މަޖިލީހުގެ ޖަލްސާ ބާއްވާ ގަޑި އަޅުގަނޑަށް އަންގަވަނީ މަސީހު، އަޅުގަނޑެއް ނުން މަޖިލީސް ކުރިޔަށް ގެންދަވަނީ، އިއްޔެ ޖަލްސާ ބާއްވަން ވިދާޅުވެފައި ރޭ ވިދާޅުވީ ޖަލްސާ ކެންސަލް ކުރައްވާށޭ، މިއަދު ހެނދުނު ވިދާޅުވީ ޖަލްސާ ކުރިޔަށް ގެންދަވާށޭ، އަޅުގަނޑަކީ މަޖިލީހުގެ ރައީސްއެއް ނޫން މެންބަރުންނަށް ގަވައިދު އެނގިވަޑައިގަންނަވަން ޖެހޭނެ،" މޫސަ ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ޕީޕީއެމްގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ މޫސައަށް ވަރަށް ބޮޑަށް ފާޑު ވިދާާޅުވެފަ އެވެ. އަދި މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަރަށް އަވަހަށް ވައްދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.