ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލަ މިރެއަށް ތާވަލުކޮށްފި އެވެ. މަަސީހު ވަކި ކުރުމަށް މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އިދިކޮޅުން ކުރަމުން އަންނަ މަސައްކަތާމެދު މިރޭ ގޮތެއް ނިންމާނެ އެވެ.
މަސީހުގެ އިތުބާރު ނެތް މައްސަލަ ތާވަލުކޮށްފައި ވަނީ މިރޭ 9:15 ގައެވެ. މިރޭ ކުރިޔަށް ގެންދަނީ މަސީހުގެ އިތުބާރު ނެތް ކަމަށް މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައި 43 މެންބަރުން ހުށަހެޅި މައްސަލަ އެވެ. އެއީ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ފުރަތަމަ ވެއްދި މައްސަލަ އެވެ.
އެ މައްސަލަ މިހާތަނަށް ވެސް ކުރިޔަށް ގޮސްފައި ނުވާތީ އިއްޔެ ބޭއްވި އާންމު ކޮމިޓީ އިން ވަނީ އެ މައްސަލަ އަލުން ކުރިޔަށް ގެންދަން ނިންމައިފަ އެވެ. ޕީޕީއެމްގެ އިސް މެންބަރުން ހިމެނޭ އެ ކޮމިޓީ އިން މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދަން ފާސް ކުރީ އެ ކޮމިޓީގެ އިއްތިފާގުންނެވެ.
އެގޮތުން މިރޭގެ ޖަލްސާގައި ޖުމުލަ ދެ ގަޑިއިރުގެ ބަހުސް ކުރިޔަށް ދާނެ އެވެ. މަސީހަށް ޖަވާބު ދާރީވުމަށް ފެށުމުގެ ގޮތުން 10 މިނެޓާއި މެދު ތެރެއިން 10 މިނެޓު އަދި ނިންމާލުމުގެ ގޮތުން 10 މިނެޓު ދިނުމަށް ކޮމިޓީ އިން ވަނީ ފާސްކޮށްފަ އެވެ. ބާކީ އޮތް ގަޑިތަކުގައި މެންބަރުން އެ މައްސަލާގައި ބަހުސް ކުރައްވާނެ އެވެ. ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކެވެ.
މަސީހު އިތުބާރު ނެތް މައްސަލަ ކުރިޔަށް ދާއިރު މިފަހުން އިދިކޮޅު ފަރާތްތަކުން ވަނީ 51 މެންބަރުންގެ ސޮޔާއެކު ވެސް އޭނާ ވަކި ކުރުމަށް ހުށަހަޅައިފަ އެވެ. ނަމަވެސް ކުރިން ހުށަހެޅި މައްސަލަ މިހާރު ކުރިޔަށް ގެންދާތީ އެ ގަރާރު އުވޭނެ ކަމަށް ބެލެވެ އެވެ.
މިރޭ 8:00 ހާއިރު ވެސް މަޖިލީހުގެ ޖަލްސާއެއް އޮންނާނެ އެވެ. އެއީ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅާފައިވާ މައްސަލަ ވަގުތީ ކޮމިޓީ އިން ދިރާސާ ކުރެއްވި ގޮތުގެ ރިޕޯޓާ މެދު ގޮތެއް ނިންމެވުމެވެ. އެ ގާނޫނު އުވާލުމަށް އޮތީ ކޮމިޓީ އިން ވެސް ނިންމައިފަ އެވެ.