ރައްޔިތުން މަޖިލީހުގެ ރައީސް ކަމުގެ ގޮނޑީގައި އިތުރަށް "ބައްދައިގެން" ނީންދެ އެ މަގާމުން އިސްތިއުފާ ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ މަަސީހުގެ އިތުބާރު ނެތް މައްސަލައެއް ހުށަހެޅި ނަމަވެސް އެމަނިކުފާނާ އެއްވެސް ޒާތީ މައްސަލައެއް ނޯންނާނެ ކަމަށާއި އެމަނިކުފާނު ރަނގަޅަށް މަޖިލީސް ހިންގަވާނަމަ އެ މަގާމުގައި މަސީހު ބަހައްޓައިގެން މަސައްކަތްތައް ކުރިޔަށް ގެންދަވާނެ ކަމަށެވެ. ނަމަވެސް މަސީހު ވަކި ކުރަން ނިންމެވީ އެ ފުރުސަތު ނުދެއްވުމުން ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރިން ޑިޕްލޮމަސީގެ ތެރެއިން ރީތިކޮށް އެމަނިކުފާނަށް ދެންނެވިން އަޅުގަނޑުމެންނާ ކޮމިއުނިކޭޓު ކުރެވޭ ސަރުކާރުގެ ބޭފުޅުން މެދުވެރިކޮށް ވެސް އެ މެސެޖު ދިނިން އަޅުގަނޑުމެން މިހާ ބޮޑު އަދަދަކުން ދެވަނަ ފަހަރަށް މައްސަލަ ވެއްދުމުގެ ކުރިން އެމަނިކުފާނު އިސްތިއުފާ ދެއްވުން އެންމެ ރަނގަޅުވާނެ ކަމަށް،" ރިޔާޒް ވިދާޅުވި އެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުގެ ކުރިން މަސީހު އިސްތިއުފާ ދެއްވިތޯ ބެއްލެވިން ކަމަށާއި ނަމަވެސް އެމަނިކުފާނު އަދިވެސް އެ މަގާމުގައި ހުންނެވުމާ ގުޅިގެން އިތުބާރު ނެތް މައްސަލަ ހުށަހަޅާފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. މަސީހު ބާކީ އޮތް 15 ވަރަކަށް ދުވަހު އެ މަގާމުގައި ހުރުމުގެ ބޭނުމެއް ނެތް ކަމަށާއި އެންމެ ރަނގަޅުވާނީ އެ ގޮނޑީގަ ބައްދައިގެން ނީންދެ އިސްތިއުފާ ދެއްވުން ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
"އުންމީދު ކުރަނީ މަސީހު އެ ފުރުސަތު އަޅުގަނޑުމެންނަށް ދެއްވުން، ކޮންމެހެން އެ މުއްދަތު ތެރޭ އެ ހިފަހައްޓައިގެން އަދިވެސް އެ ގޮނޑީގަ ބައްދައިގެން ނީންނެވުން އެއީ އެދޭ ގޮތް، ޑިމޮކްރަސީއަކީ ގިނަަ ބަޔަކު ތާއީދު ކުރާ ގޮތްވީމަ އެ ގޮތަށް ނިންމެވީމަ ރަނގަޅުވާނެ،" ރިޔާޒް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ 51 މެންބަރުންގެ ސޮޔާއެކު މަސީހު ވަކި ކުރުމަށް މައްސަލައެއް ވައްދައިފަ އެވެ.